އީރާނާއި އެމެރިކާގެ ހަނގުރާމަ އާއި ހޫތީންގެ ހަމަލާތަކާ ހުރެ ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ސައޫދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން ގުޅިފައިވާ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ކައިރި ގައުމުތަކަށް އެކަމުގެ އަސަރުކޮށް، ހޮރްމޫޒް ކަނޑުއޮޅި އާއި ރަތްކަނޑުގެ ދަތުރުފަތުރަށް ބުރޫއަރަމުންދާއިރު، ސައޫދީ އަރަބިއްޔާއިން ދަނީ އެ ގައުމުގެ ސަލާމަތީ ގުޅުންތައް ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންނެވެ. އީރާނާއި ޔަމަންގައިވާ އީރާނަށް ވާގިވެރިވާ ހޫތީންނަށް ވަނީ މި ހަނގުރާމައިގެ ސަބަބުން އިތުރު ހިތްވަރެއް ލިބި، ސައޫދީ އަރަބިއްޔާއަށް ހަމަލާތައް ދީފަ އެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެމެރިކާ އަކީ މިހާރު ދިފާއީ ކަންކަމުގައި އިތުބާރު ކުރެވޭ ބައިވެރިއެއްގެ ގޮތުގައި ސައޫދީއަކަށް ނުބެލެވެ އެވެ.
ސައޫދީ ޕްރެސް އޭޖެންސީ އާއި ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނި ގޮތުގައި މި ތިން ގައުމުން ސޮއިކުރި އެއްބަސްވުމަށް ދީފައިވަނީ "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" ގެ ނަމެވެ.
މި އެއްބަސްވުމުގެ މަގުސަދަކީ އެ ތިން ގައުމުގެ ގުޅިގެން ރައްކާތެރިކަން ވަރުގަދަކުރުމާއި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމަށް ގުޅިގެން މަސައްކަތްކުރުން ކަމަށް ބަޔާނުގައިވެ އެވެ. ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އެއްބަސްވުމުގައި ބައިވެރިވެފައިވާ ކޮންމެ ގައުމަކަށް ދެވޭ ހަމަލާއަކީ މުޅި އިއްތިހާދަށް ދެވޭ ހަމަލާއެއްގެ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ބަލާނެ އެވެ. އަދި މިއީ އިއްތިހާދުގެ ދިފާއީ ބާރު ވަރުގަދަކުރުމަށް އެކުލަވާލި އެއްބަސްވުމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް، ތުރުކީ ސަރުކާރުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އެއްބަސްވުމަކީ ވަކި ގައުމަކަށް އަމާޒުކޮށްގެން ސޮއިކުރި އެއްބަސްވުމެއް ނޫން ކަމަށެވެ. ސައޫދީ އަރަބިއްޔާއިން ވެސް ބުނެފައިވަނީ މި އެއްބަސްވުމަކީ އަސްކަރީ މުއާހަދާއެއް ނުވަތަ މަޒުހަބީ ބްލޮކެއް އުފެއްދުމަށް ކުރާ މަސައްކަތެއް ނޫން ކަމަށެވެ.
ސައޫދީގެ ޑެޕިއުޓީ މިނިސްޓަރު ފޯ ޕަބްލިކް ޑިޕްލޮމަސީ ރާޔިދު ގްރިމްލީ އެކްސްގައި ވިދާޅުވީ، މިއީ ނިއުކްލިއާ އަމާޒުތަކަކާ ނުވަތަ ހަތިޔާރުގެ ވާދަވެރިކަމަކާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، މީގެ އަސާސީ ބޭނުމަކީ ދެމެހެއްޓެނިވި ގާބިލުކަން ބިނާކުރުން ކަމަށެވެ. އަދި މި އެއްބަސްވުމަކީ ސަރަހައްދުގެ އެއްވެސް ގައުމެއްގެ ސަލާމަތަށް އޮތް ނުރައްކަލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރަހައްދީ ހަނގުރާމަ ފެށުނީއްސުރެ ސައޫދީ އަރަބިއްޔާއިން ދަނީ ތުރުކީ، މިސްރު އަދި ޕާކިސްތާނާ އެކު ގުޅުން ބަދަހިކުރަމުންނެވެ. މި ގައުމުތަކުން ދަނީ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށް މަސައްކަތްކުރަމުންނެވެ.
އިންގްލޭންޑްގެ ބާމިންގްހަމް ޔުނިވަސިޓީގެ ސައޫދީ ހާރިޖީ ސިޔާސަތާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ އުމަރު ކަރީމް ވިދާޅުވި ގޮތުގައި، މި އިއްތިހާދަކީ އީރާނަށް އަމާޒުކޮށްގެން އަދި ގަލްފު ސަރަހައްދުގައި އީރާނުން ނުފޫޒު ގާއިމުކުރުމަށް ކުރާ މަސައްކަތްތަކަށް ރައްދުދިނުމަށް އެކުލަވާލި އިއްތިހާދެކެވެ. އޭނާ ވިދާޅުވީ، ތުރުކީ އާއި ޕާކިސްތާނަކީ އީރާނާ އިންވެގެން އޮންނަ ގައުމުތަކަކަށްވާތީ، އީރާނަށް ތަފާތު ގޮތަކަށް ޕްރެޝަރު ކުރުމުގެ ގާބިލުކަން އެ ދެ ގައުމަށް ލިބިގެންވާ ކަމަށެވެ.
ސައޫދީ އަސްކަރިއްޔާ އާއި ސަރުކާރާ ގުޅުންހުރި މަސްދަރަކުން އޭއެފްޕީއަށް ބުނީ، މި އެއްބަސްވުމާ މެދު މަޝްވަރާކުރާތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، "ސަރަހައްދަށް އައި ފަހުގެ ބަދަލުތަކުގެ ސަބަބުން މިކަން އަވަސްވެގެންދިޔައީ" ކަމަށެވެ.
ކިންގްސް ކޮލެޖް ލަންޑަންގެ އެންޑްރިއަސް ކްރީގް ވިދާޅުވީ، މި އެއްބަސްވުމުން ދައްކުވައިދެނީ އެމެރިކާގެ އިތުރުން އެހެން ގައުމުތަކާ އެކު ވެސް ދިފާއީ ގުޅުންތައް ފުޅާކުރުމަށް އޮތް ޝައުގުވެރިކަން ކަމަށެވެ.