ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) އިން ދޭ ސްކޮލާޝިޕް ތިން ދާއިރާއަކުން 88 ދަރިވަރަކަށް ދީފި އެވެ.

އިއްޔެ ހަވީރު އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި މިއަހަރު "ގާސިމް އިބްރާހީމް ސްކޮލާޝިޕް ފޯ އެކްސެލެންސް" 14 ދަރިވަރަކަށް ހަވާލުކުރި އެވެ. އެގޮތުން ތައުލީމީ ގޮތުން އެންމެ މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ އެ ސްކޮލާޝިޕްގެ ދަށުން އެ ދަރިވަރުންނަށް ވީއައިއެޗްއެސްގައި އެއްވެސް ފީއަކާ ނުލައި ކިޔެވުމުގެ ފުރުޞަތު ލިބޭނެ އެވެ.

"ބްރިލިއަންޓް ސްޓޫޑެންޓްސް ސްކޮލަރޝިޕް" 52 ދަރިވަރަކަށް ވަނީ ދީފަ އެވެ. އެ ކެޓަގަރީގެ ދަށުން ކޮންމެ ދަރިވަރަކަށް ލިބިފައިވާ ސްކޮލާޝިޕްގެ މިންވަރަށް ބަލައި، 15 ޕަސެންޓާއި 35 ޕަސެންޓް ދެމެދުގެ އަދަދެއްގެ ޑިސްކައުންޓެއް ދޭނެ އެވެ.

ވީއައިއެޗްއެސްގެ ސްކޮލާޝިޕް ލިބުނު ބައެއް ދަރިވަރުން --- ފޮޓޯ/ވީއައިއެޗްއެސް
ވީއައިއެޗްއެސްގެ ސްކޮލާޝިޕް ލިބުނު ބައެއް ދަރިވަރުން --- ފޮޓޯ/ވީއައިއެޗްއެސް

މީގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ 22 ދަރިވަރަކަށް "ވީއައިއެޗްއެސް ސްޕޯޓްސް ސްކޮލަރޝިޕް" ވެސް ދީފައިވެ އެވެ. އަދި އެ ސްކޮލަރޝިޕް ލިބުނު ކޮންމެ ދަރިވަރަކަށް މަހު ފީއިން 10 ޕަސެންޓާއި 15 ޕަސެންޓްގެ ދެމެދުގެ އަދަދެއްގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

ވީއައިއެޗްއެސްގެ އެ ސްކޮލާޝިޕް ޕްރޮގްރާމްތަކަކީ ހުނަރުވެރި އަދި މޮޅު ދަރިވަރުންނަށް އެހީތެރިވެ، ތައުލީމީ ފުރުސަތު ވިލާގެ ހިޔާވަހިކަމުގައި ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.

މިއަހަރު ސްކޮލާޝިޕް ދިން ދަރިވަރުންނަށް އަހަރަކު ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާ ހޭދަ ކުރާއިރު، ދެ އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 2.6 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.

އެ ސްކޮލާޝިޕްތަކަކީ ވިލާ ހައި ސްކޫލުގެ ޗެއާމަން ގާސިމް އިބްރާހީމް ތައުލީމާއި މީހުން ބިނާ ކުރުމަށް ދޭ ހާއްސަ އަހަމިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށް އެ ސްކޫލުން ބުންޏެވެ.