އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފްގައި ބޮލީވިއާ 2-1 ން ބަލިކޮށް، 40 އަހަރަށް ފަހު އިރާގް ވޯލްޑް ކަޕަށް ކޮލިފައި ވެއްޖެ އެވެ.
މިއީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕަށް ފަހު، ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން އިރާގުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ބޮލީވިއާއިން މެޗުގެ ފަހު ވަގުތާ ހަމައަށް ގޯލެއް ޖެހޭތޯ ބުރަ މަސައްކަތްތަކެއް ކުރި ނަމަވެސް، އިރާގުގެ ވަރުގަދަ ޑިފެންސުން ވަނީ އެ ފުރުސަތު ނަގާލައި، މުބާރާތުގެ ފަހު ޖާގަ ކަށަވަރުކޮށްފަ އެވެ.
މި މެޗުގައި އިރާގުގެ ފަރާތުން ފެނުނީ ވަރަށް ބޮޑު ހިތްވަރަކާއި ކުޅުމަށް އޮތް ޝައުގުވެރިކަމެވެ. މާ މޮޅު ކުޅުމެއް މުޅި މެޗުގައި ނުދެއްކުނު ނަމަވެސް، ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފި އެވެ. ކޮންމެ ބޯޅައަކަށް ދެއްކި ހިތްވަރު މެޗުން މޮޅުވުމުގައި ބޮޑު ދައުރެއް އަދާކުރި އެވެ.
އިރާގުން އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅުނު 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރު މުބާއެ ގައުމު ކެޓީ މެކްސިކޯ، ޕެރަގުއޭ އަދި ބެލްޖިއަމް އަތުން ބަލިވެ ގްރޫޕް ސްޓޭޖުންނެވެ.
ފުރަތަމަ ފަހަރަށް 48 ޓީމަށް ހާއްސަކޮށް ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިވި 48 ވަނަ ޓީމަކީ އިރާގެވެ. އެ ޓީމު ލައްވާލީ މުބާރާތުގެ އެންމެ ވަރުގަދަ ގުރޫޕްގަ އެވެ. އެއީ ފްރާންސާއި ނޯވޭ އަދި ސެނެގާލް ހިމެނޭ ގުރޫޕްގަ އެވެ.
އެ ގައުމުގެ ފުރަތަމަ މެޗުގައި ޖޫން 16 ވަނަ ދުވަހު ބޮސްޓަންގައި ނުކުންނާނީ ނޯވޭއާ ދެކޮޅަށެވެ. އޭގެ ފަހުން ޖޫން 22 ގައި ކީލިއަން އެމްބާޕޭގެ ފްރާންސާ ދެކޮޅަށް ފިލަޑެލްފިއާގައި ކުޅުމަށް ފަހު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 26 ގައި ޓޮރޮންޓޯގައި ނުކުންނާނީ ސެނެގާލާ ދެކޮޅަށެވެ. މިހާރު މުބާރާތުގެ ހުރިހާ 48 ޓީމެއް ކަށަވަރުވެފައިވާއިރު، މުޅި ދުނިޔެ މިހާރު ތައްޔާރުވަމުންދަނީ ފޯރިގަދަ ވޯލްޑް ކަޕަކަށެވެ.