މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅުނު ޕްލޭ އޮފް ސެމީ ފައިނަލްގައި ނޮދަން އަޔަލޭންޑް ބަލިކޮށް، އިޓަލީން ތާރީޚީ މޮޅެއް ހޯދައިފި އެވެ.
މިއީ ގާތްގަނޑަކަށް 20 އަހަރަށް ފަހު ވޯލްޑް ކަޕާ ގުޅޭ ނޮކައުޓް މެޗަކުން އިޓަލީ މޮޅުވި ފުރަތަމަ ފަހަރެވެ. އެ ޓީމުން މީގެ ކުރިން އެ މުބާރާތާ ގުޅޭ ނޮކައުޓް މެޗަކުން މޮޅުވީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ފްރާންސް ބަލިކޮށް ތަށި އުފުލާލައިގެން އެވެ.
ވޯލްޑް ކަޕުގެ އެންމެ ފަހު ދެ މުބާރާތް ކަމަށްވާ 2018 އާއި 2022 އަށް އިޓަލީ ކޮލިފައިވެފައެއް ނުވެ އެވެ. ރޭގެ މޮޅާ އެކު ވިދިވިދިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލުމުގެ ބިރު ވަނީ ކުޑަވެފަ އެވެ.
މީގެ ކުރިން 2018 ވަނަ އަހަރުގެ ޕްލޭ-އޮފްގައި ސްވިޑަން އަތުން އަދި 2022 ވަނަ އަހަރުގެ ސެމީ ފައިނަލްގައި ނޯތު މެސެޑޯނިއާ އަތުން ބަލިވެ އިޓަލީއަށް ވަނީ މުބާރާތުން ފުރުސަތު ގެއްލިފަ އެވެ. އަދި 2010 އާއި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްތަކުގައި ވެސް އެ ޓީމަށް ގްރޫޕް ސްޓޭޖުން ކުރިއަށްދެވޭ ގޮތެއް ނުވެ އެވެ.
ރޭގެ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު، ހާފް ވޮލީއަކުން ލަނޑެއް ޖަހައި މެޗުގެ ލީޑު އަމިއްލަ ދަނޑުގައި ކުޅުނު އިޓަލީއަށް ނަގައިދިނީ ސަންޑްރޯ ޓޮނާލީ އެވެ. އޭގެ ފަހުން މޮއިސް ކީން ޖެހި ލަނޑަށް ފުރުސަތު ތަނަވަސްކޮށްދިނީ ވެސް ޓޮނާލީ އެވެ.
މެޗަށް ފަހު ވާހަކަދައްކަމުން އިޓަލީގެ ކޯޗު ޖެނާރޯ ގަޓޫސޯ ބުނީ ލީޑު ނެގުމުން ސިކުނޑިއަށް ހަމަޖެހުމެއް ލިބުނު ކަމަށެވެ.
"ލީޑު ނެގުމަށްފަހު އަހަރެމެންގެ ސިކުނޑިތައް ހަމައަކަށް އެޅުނު. އަހަރެމެން ދެއްކީ ރަނގަޅު ކުޅުމެއް. މިއީ އަންގާރަ ދުވަހުގެ (ޕްލޭ އޮފްގެ ފައިނަލް) މެޗަށް އިތުބާރު ބޮޑުވެގެންދާނެ ކަމެއް،" 2006 ގެ ވޯލްޑް ކަޕް އިޓަލީއަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި އޭރުގެ މިޑްފީލްޑަރު ބުންޏެވެ.
"އަހަރެމެން މޮޅުވާން ޖެހޭނެ. އެ ނޫން އެހެން ގޮތެއް އަހަރެމެންނަކަށް ނެތް،"
ޕްލޭ އޮފްގެ އެހެން މެޗުތަކަށް ބަލާއިރު، ޕޮލެންޑް، ސްވިޑަން، ތުރުކީ، ކޮސޯވޯ އަދި ޑެންމާކް ވަނީ އަންގާރަ ދުވަހު އޮންނަ ފައިނަލްތަކުން ޖާގަ ހޯދާފަ އެވެ. އަޔަލޭންޑް އަތުން ޗެކިއާ މޮޅުވީ ޕެނަލްޓީ ޖަހައިގެން އެވެ. ވޭލްސް އާއި ބޮސްނިއާ އެންޑް ހެރްޒެގޮވީނާ ބައްދަލުކުރި މެޗު ޕެނަލްޓީ ޝޫޓްއައުޓުން ކާމިޔާބުކުރީ ބޮސްނިއާ އެވެ.
ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކުރުމަށް ކުޅޭ ޕްލޭއޮފް ފައިނަލްގައި އިޓަލީ ބައްދަލުކުރާނީ ބޮސްނިއާއާ އެވެ. ފައިނަލްގެ އެހެން މެޗުތަކަކީ ސްވިޑަން އާއި ޕޮލެންޑް، ތުރުކީ އާއި ކޮސޯވޯ، އަދި ޑެންމާކް އާއި ޗެކިއާ ބައްދަލުކުރާ މެޗުތަކެވެ.
މި މެޗުތަކުން މޮޅުވާ ޓީމުތަކަށް، އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕްގެ ޖާގަ ކަށަވަރު ވާނެ އެވެ.