ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރެއްގެ ގޮތުގައި ބެލެވޭ އިޓަލީ، ވިދިވިދިގެން ތިންވަނަ ފަހަރަށް ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވެ އަނެއްކާވެސް ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެ އެވެ. 

ޖޫން، ޖުލައިގައި ބާއްވާ މުބާރާތުގެ އެންމެ ފަހު ޖާގަތަށް ކަށަވަރުކުރުމަށް ކުޅުނު ޕްލޭއޮފްގައި، އިޓަލީން ރޭ ވާދަކުރީ ބޮސްނިއާ އެންޑް ހެރްޒެގޮވިނާއާ ދެކޮޅަށެވެ. މެޗުގެ ފުރިހަމަ ވަގުތު 1-1 ން އެއްވަރުވެ، ބޮސްނިއާއިން މެޗު ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެންނެވެ. 

ބޮސްނިއާގެ ޒެނިކާގައި ކުޅުނު މި މެޗުގެ 15 ވަނަ މިނެޓުގައި މޮއިސް ކީން ޖަހައިދިން ގޯލާއެކު އިޓަލީން ކުރި ހޯދި އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން އުޅެނިކޮށް އެ ޓީމުގެ ޑިފެންޑަރު އަލެސަންޑްރޯ ބަސްޓޯނީ އަށް ދެއްކި ރަތް ކާޑާއެކު މުޅި މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔަ އެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ އިޓަލީގެ ގޯލު ބޮސްނިއާ އިން ފޫއަޅުވާލީ މެޗުގެ 79 ވަނަ މިނެޓުގައި ހާރިސް ޓަބަކޮވިޗް ޖެހި ގޯލުންނެވެ. އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު ވެސް ނަތީޖާ އަށް ބަދަލެއް ނައުމުން ޖެހި ޕެނަލްޓީގައި އިޓަލީގެ ޕިއޯ އެސްޕޮސިޓޯ އާއި ބްރަޔަން ކްރިސްޓަންޓޭ އަތުން ވަނީ ޕެނަލްޓީ ނާކާމިޔާބުވެފަ އެވެ.

މި ހިތްދަތި ނާކާމިޔާބީ އަށް ފަހު އިޓަލީގެ ކޯޗު ޖެނާރޯ ގަޓޫސޯ ވަނީ މުޅި ގައުމުގެ ކިބައިން މައާފަށް އެދިފަ އެވެ. ގަޓޫސޯ ބުނީ ކުޅުންތެރިން ކުރި މަސައްކަތާ މެދު ފަހުރުވެރިވާ ކަމަށެވެ. ނަމަވެސް ވޯލްޑް ކަޕަށް ޓީމު ކޮލިފައިކޮށް ނުދެވުމަކީ އޭނާ އަމިއްލައަށް ޒިންމާ ނަގަންޖެހޭނެ ކަމެއް ކަމަށް ކުރީގެ މިޑްފީލްޑަރު ބުންޏެވެ. 

"އަހަންނަށް މައާފްކުރޭ، އިޓަލީ ވޯލްޑް ކަޕަށް ގެންގޮސްނުދެވުނީތީ ވަރަށް ބޮޑަށް ދެރަވޭ،" އަސަރާ އެކު ގަޓޫސޯ ބުންޏެވެ.

އިޓަލީގެ ގައުމީ ޓީމުގައި އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ގަޓޫސޯ ބުނީ މިވަގުތު އަމިއްލަ ކުރިމަގަށްވުރެ މުހިންމީ މި ނާކާމިޔާބީން އަރައިގަތުން ކަމަށެވެ.