ދުނިޔޭގެ މަޝްހޫރު އޯޕަން ވޯޓާ ސްވިމިން ފްރެންޗައިސް "އޯޝަން މޭން ގްލޯބަލް" އާ ގުޅިގެން ރާއްޖޭގައި ބާއްވާ "އޯޝަން މޭން މޯލްޑިވްސް" އަށް އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް ދެ މިލިއަން ޑޮލަރުގެ އިންޝުއަރެންސް ޕެކޭޖެއް ކަނޑައަޅައިފި އެވެ.
ރާއްޖޭގެ އަމިއްލަ ކްލަބެއް ކަމަށްވާ "ސްވިމް މޯލްޑިވްސް" އިން އިންތިޒާމުކުރާ މި ބޮޑު މުބާރާތް މި ހުކުރު އަދި ހޮނިހިރު ދުވަހު ކ. މާފުށީގައި ބޭއްވުމަށް މިހާރު ވަނީ ތައްޔާރީތަކެއް ވެފަ އެވެ.
މި އިވެންޓް ނިވަތަ މުބާރާތުގައި ޖުމްލަ 532 ފެތުންތެރިން ބައިވެރިވެފައިވާކަން ސްވިމް މޯލްޑިވްސްއިން ބުންޏެވެ.
މި މުބާރާތުގައި ތަފާތު ކެޓަގަރީތަކަކުން ފެތުންތެރިން ވާދަކުރާނެ އެވެ.
އެގޮތުން ރާއްޖޭގައި ބާއްވާ ފެތުމުގެ އެންމެ ދިގު ރޭސް ކަމަށްވާ 10 ކިލޯމީޓަރުގައި 46 ފެތުންތެރިން ބައިވެރިވާނެ އެވެ.
ފަސް ކިލޯމީޓަރުގައި 143 ފެތުންތެރިން އަދި ދެ ކިލޯމީޓަރުގައި 181 ފެތުންތެރިން ވާދަކުރާނެ އެވެ. އަދި ދެ ކިލޯމީޓަރުގެ ފިންސް ކެޓަގަރީގައި 20 ފެތުންތެރިން ވާދަ ކުރާނެ ކަމަށް ސްވިމް މޯލްޑިވްސްއިން ބުންޏެވެ.
ކުޑަކުދިންނަށް ޚާއްސަ "އޯޝަން ކިޑްސް" ގައި 73 ފެތުންތެރިން، އަދި ޓީމު އިވެންޓްތަކުގައި 23 ޓީމަކުން 69 ފެތުންތެރިން ބައިވެރިވެ އެވެ.
ފްރެންޗައިޒް މި އިވެންޓަށް ބައިނަލްއަގުވާމީ ގޮތުން ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. ޖުމްލަ 40 ގައުމަކުން ފެތުންތެރިން ވަނީ ރަޖިސްޓްރީވެފަ އެވެ. މުބާރާތުގެ ބައިވެރިންގެ 72.37 ޕަސަންޓާކީ ބޭރުގެ ފެތުންތެރިންނެވެ. އެއީ 385 ބައިވެރިންނެވެ. ބާކީ 147 ފެތުންތެރިންނަކީ ދިވެހިންނެވެ.
ރާއްޖެ ފިޔަވައި އެންމެ ގިނަ ފެތުންތެރިން ބައިވެރިވަނީ އިންޑިއާއިންނެވެ. އެއީ 54 ފެތުންތެރިންނެވެ.
ޗައިނާ، މެލޭޝިއާ އަދި ރަޝިޔާ ފަދަ ގައުމުތަކުން ވެސް ގިނަ އަދަދެއްގެ ފެތުންތެރިން މި މުބާރާތުގައި ވާދަކުރާނެ އެވެ.
މުބާރާތުގައި ބައިވެރިވި އތުލީޓުން ނިސްބަތްވާ ބައެއް އެހެން ގައުމުތަކީ އިނގިރޭސިވިލާތް، ޖަޕާން، ދެކުނު ކޮރެއާ، އެމެރިކާ އަދި ފްރާންސް، އިޓަލީ އަދި ކޮލަމްބިއާ އެވެ.
ސްވިމް މޯލްޑިވްސްއިން ބުނާިގތުގައި މި މުބާރާތަކީ ރާއްޖޭގެ ކުޅިވަރު ފަތުރުވެރިކަން ކުރިއެރުވުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ.
އެތުލީޓުންނާއި އެމީހުންގެ އާއިލާތަކުގެ އިތުރުން ގާތް މީހުންނާ އެކު 1,300 އަށް ވުރެ ގިނަ މީހުން އެ ދެ ދުވަހަށް މާފުށްޓަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވެ އެވެ.
މި ހަރަކާތުގެގެ ސްޕޮންސަރުންނަކީ އެމްއައިބީ އާއި ސޮލިޑް ޕްރޯ ސޮލިއުޝަންސް އެވެ. ހައިޑްރޭޝަން ޕާޓްނަރަކީ ބޮންއަކުއާ އެވެ. ރިސްކް ޕާޓްނަރަކަށް އެލައިޑް އިންޝުއަރަންސެވެ. އޮފިޝަލް ހޮޓެލް ޕާޓްނަރުންނަކީ އެރީނާ ހޮޓެލް އަދި ކާނި ހޮޓެލް އެވެ. ޓްރާންސްޕޯޓް ޕާޓްނަރަކީ އައިކޮމް ޓުއާސް މާފުށި އެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. މީޑިއާ ޕާޓްނަރަކީ މިހާރު އެވެ.
ވިޒިޓް މޯލްޑިވްސްއިން ވަނީ މި މުބާރާތް އެންޑޯޒް ކޮށްފަ އެވެ.