ސަންޑަލެންޑް (އޭޕްރީލް 12) - އާ ކޯޗު ރޮބާޓޯ ޑި ޒެރްބީއާ އެކު، ކުޅުނު ފުރަތަމަ މެޗުގައި ސަންޑަލެންޑް އަތުން 1-0 އިން ބަލިވެ ޓޮޓެންހަމް ހޮޓްސްޕާ ރެލިގޭޝަން ޒޯނުގައި ތާށިވެއްޖެ އެވެ.

ވެސްޓް ހޭމް ޔުނައިޓެޑުން ރޭ 4-0 އިން ވުލްވްސް ބަލި ކޮށް ރެލިގޭޝަން ޒޯނުން މައްޗަށް، ތާވަލްގެ 17 ވަނައަށް ޖެހިލުމާ އެކު، ޓޮޓެންހަމް ވަނީ 18 ވަނައަށް ވެއްޓިފަ އެވެ. މިރޭގެ މެޗުން މޮޅުވެގެން ޓޮޓެންހަމަށް ކުރިއަށް ޖެހިލުމުގެ ފުރުސަތު އޮތަސް އެ ޓީމުން މި ވަނީ ފުރުސަތު ނަގާލައިފަ އެވެ.

ޓޮޓެންހަމް ތާވަލްގެ 18 ވަނައިގައި އޮތީ 32 މެޗުން ލިބުނު 30 ޕޮއިންޓާ އެކު އެވެ. އެ ޓީމުގެ ފަހަތުގައި 20 ޕޮއިންޓާ އެކު އޮތީ ބާންލީ އެވެ. އަދި ފުލުގައި އޮތް ވުލްވްސް އަށް ލިބިފައި ވަނީ 17 ޕޮއިންޓެވެ. ވެސްޓް ހޭމް ވަނީ ރޭގެ މެޗު ކާމިޔާބު ކޮށްގެން 32 ޕޮއިންޓް ހޯދައިފަ އެވެ.

ޓޮޓެންހަމާއި ސަންޑަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
ޓޮޓެންހަމާއި ސަންޑަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

"އެ މީހުންނަށް ކޯޗެއް ބޭނުމެއް ނުވޭ، އަހަރެންނަށް ވެވިދާނެ ބޭބެއަކަށް ނޫނީ ބައްޕައަކަށް. އެ މީހުންގެ ފުޓްބޯޅައެއް ނޫން ކުރި އަރުވަންވީ. އެ ކުޅުންތެރިންނަށް ރަނގަޅަށް ކުޅެވެން ފަށާނީ އަމިއްލަ ނަފްސަށް އިތުބާރު ކުރެވެން ފެށުމުން،" މެޗަށް ފަހު ޑި ޒާބީ ބުންޏެވެ.

"އަހަރެންގެ މަސައްކަތް އޮތީ ދަނޑުމަތީގައެއް ނޫން. އެއީ ކުޅުންތެރިން ވަރަށް ބަރާބަރު އަދި އަހަރެން އެމީހުނަށް ހަމްދަރުދީ ވަން. އެ ކުޅުންތެރިންނަށް ވަނީ އިތުބާރު ހޯދައިދޭން ޖެހިފައި."

ޑި ޒާބީ އަކީ ޓޮޓެންހަމަށް މި ސީޒަންގައި އިރުޝާދުދޭ ތިންވަނަ ކޯޗެވެ. އެ ޓީމަށް ޔޫރޮޕާ ލީގު ހޯދައިދިން ކޯޗު އަންޖީ ޕޮސްޓެކޮގްލޫ، މި ސީޒަން ފެށުމުގެ ކުރިން ބޭރުކޮށް، މި ސީޒަނަށް ގެނައީ ބްރެންޓްފޯޑުގައި ހުރި ޑެންމާކްގެ ތޯމަސް ފްރޭންކް އެވެ. މިދިޔަ ފެބްރުއަރީ މަހު އޭނާ މަގާމުން ދުރުކޮށް ގެނައި ކްރޮއޭޝިއާގެ އީގޯ ޓޫޑޯ، މަގާމު ދޫކޮށްލީ މަގާމާ ހަވާލުވިތާ 44 ދުވަހުގެ ތެރޭގަ އެވެ.

ލީގުގައި ޓޮޓެންހަމް މިހާތަނަށް މޮޅު ވެފައި ވަނީ އެންމެ ހަތް މެޗުންނެވެ. މި އަހަރު ފެށުނީއްސުރެ ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުން ވެސް މޮޅު ވެފައެއް ނުވެ އެވެ. މީގެ ތެރެއިން އެއްވަރު ކޮށްލެވިފައި ވަނީ ފަސް މެޗުންނެވެ.