ގާނާގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ތަޖުރިބާކާރު ކޯޗު ކާލޯސް ކުއިރޯޒް އައްޔަންކޮށްފި އެވެ.
ގާނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހޯމަ ދުވަހު ބުނި ގޮތުގައި، ޕޯޗުގަލްއަށް ނިސްބަތްވާ ކުއިރޯޒް. ވޯލްޑް ކަޕަށް ހާއްސަކޮށް ޓީމު ތައްޔާރީތަކާ ހަވާލުވާނެ އެވެ. ވޯލްޑް ކަޕް ފެށެން 72 ދުވަހަށް ވެފައި ވަނިކޮށް، ގާނާއިން އާ ކޯޗަކު ހޯދީ، މިދިޔަ ހު އޮސްޓްރިއާ އަދި ޖަރުމަނު އަތުން އެކުވެރިކަމުގެ މެޗުތަކުން ބަލިވުމާ ގުޅިގެން ކުރިން ހުރި ކޯޗު އޮޓޯ އެޑޯ މަގާމުން ވަކިކުރުމުންނެވެ.
އުމުރުން 73 އަހަރުގެ ކުއިރޯޒް އެންމެ ފަހުން ހުރީ އޯމާންގެ ކޯޗުގެ މަގާމުގަ އެވެ. ނަމަވެސް އޯމާނަށް ވޯލްޑް ކަޕުން ޖާގަ ހޯދައި ނުދެވުމުން އޭނާ ވަނީ މިދިޔަ މަހު އެ މަގާމުން ވަކިވެފަ އެވެ.
ގާނާއާއެކު އޭނާ އަށް އޮތީ ވޯލްޑް ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރުމެވެ. މި ފަހަރުގެ މުބާރަތަކީ ވިދިވިދިގެން ފަސްވަނަ ފަހަރަށް ވޯލްޑް ކަޕެއްގައި އޭނާ ކޯޗުކޮށްދޭ މުބާރާތެވެ.
ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ވަނީ މީގެ ކުރިން 2010 ވަނަ އަހަރު ޕޯޗުގަލް ގޮވައިގެން ގަދަ 16 އަށް ދަތުރުކޮށްފަ އެވެ. ފަހުން ވަނީ ވިދިވިދިގެން ތިން މުބާރާތެއްގައި އީރާނަށް އިރުޝާދު ދިނެވެ.
ކުއިރޯޒް ވަނީ އޭނާގެ ކެރިއަރުގައި މިސްރު، ޖަޕާން، ކޮލަމްބިއާ އަދި ދެކުނު އެފްރިކާގެ ގައުމީ ޓީމުތަކަށް ވެސް ކޯޗުކޮށްދީފަ އެވެ. ގާނާގެ ކޯޗުކަމަށް ކުރިމަތިލީ 600 އަށް ވުރެ ގިނަ މީހުންގެ ތެރެއިން އޭނާ މަގާމަށް ހޮވީ ވޯލްޑް ކަޕްގައި އޭނާއަށް ލިބިފައިވާ ބޮޑު ތަޖުރިބާގެ ސަބަބުންނެވެ.
ގާނާ ހިމެނެނީ ވޯލްޑް ކަޕްގެ ގްރޫޕް 'އެލް' ގައެވެ. މި ގްރޫޕުގައި ގާނާގެ އިތުރުން ދެން ހިމެނެނީ ކްރޮއޭޝިއާ، އިންގްލެންޑް އަދި ޕެނަމާ އެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ގާނާއިން އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މެއި މަހުގެ 22 ވަނަ ދުވަހު މެކްސިކޯއާ ދެކޮޅަށް ކުޅޭނެ އެވެ. އަދި ޖޫން މަހުގެ ދެވަނަ ދުވަހު ނުކުންނާނީ ވޭލްސްއާ ދެކޮޅަށެވެ.