ވޯލްޑް ކަޕްގެ ގްރޫޕް އެލްގައި ވަރުގަދަ އިންގްލެންޑް ސިއްސުވާލުމަށް ފަހު ގާނާ އިން 0-0 އިން މެޗު އެއްވަރުކޮށްފި އެވެ.

މެޗަށް އިންގްލެންޑް ނުކުތީ ފުރަތަމަ މެޗުގައި ކްރޮއޭޝިއާ 4-2 އިން ބަލިކޮށް، ބޮޑު ފޭވަރިޓެއްގެ ގޮތުގަ އެވެ.

ފޮކްސްބޮރޯގެ ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު މެޗު، ވާރޭތެރޭގައި އިންގްލެންޑަށް ގާނާގެ ގޯލް ހުޅުވައެއް ނުލެވުނެވެ. މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 4 ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕުގެ އެއްވަނައިގައި އޮވެ ގަދަ 32 ގެ ބުރަށް ދިއުމުގެ ފުރުސަތު ދެ ގައުމަށް ވެސް ބޮޑެވެ.

އިންގްލެންޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް: ހާފް ޓައިމްގައި އޭނާއާ، ގާނާގެ ކޯޗު ކުއިރޯޒާ ދެމެދު ޒުވާބެއް ހިނގި --- ފޮޓޯ: މައުރޯ ޕިމެންޓެލް | އޭއެފްޕީ
އިންގްލެންޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް: ހާފް ޓައިމްގައި އޭނާއާ، ގާނާގެ ކޯޗު ކުއިރޯޒާ ދެމެދު ޒުވާބެއް ހިނގި --- ފޮޓޯ: މައުރޯ ޕިމެންޓެލް | އޭއެފްޕީ

މުޅި މެޗުގައި ބޯޅަ ކޮންޓްރޯލް ބޮޑަށް ހޯދީ އިންގްލެންޑުންނެވެ. ކޯޗު ތީމަސް ޓޫހުލްގެ ޓީމުން ވަނީ ގާނާގެ ގޯލަށް 19 ހަމަލާ ފޮނުވާލާފަ އެެވެ. ގާނާގެ ވަރުގަދަ ޑިފެންސްގެ ސަބަބުން އިންގްލެންޑަށް ސީދާ ގޯލަށް ފޮނުވާލެވުނީ އެންމެ ތިން ހަމަލާ އެވެ.

ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާނުލެވި އެވެ. އެ ހާފުގެ ކުޅުން ނިމުނު ވަގުތު، އިންގްލެންޑްގެ ޖޫޑް ބެލިންހަމް އާއި ގާނާގެ ކޯޗު ކާލޯސް ކުއިރޯޒާ ދެމެދު ޓަނަލް ތެރޭގައި ހޫނު ބަހުގެ ހަމަލާތަކެއް ވެސް ބަދަލުކުރެވުނެވެ.

ފަހު ހާފުގައި ޓޫހުލް ވަނީ ބުކާޔޯ ސަކާ އާއި އެބެރެޗީ އެޒޭ ފަދަ އެޓޭކިން ކުޅުންތެރިން ދަނޑަށް ނެރެ ބަދަލުތަކެއް ގެނެސްފަ އެވެ.

އިންގްލެންޑް އަތުން ހޯދި ޕޮއިންޓާ އެކު ގާނާގެ ފޯވާޑް އިނާކީ ވިލިއަމްސް (ކ) އުފާފާޅުކުރަނީ --- ފޮޓޯ: ޗާލީ ޓްރިބަލޯ | އޭއެފްޕީ
އިންގްލެންޑް އަތުން ހޯދި ޕޮއިންޓާ އެކު ގާނާގެ ފޯވާޑް އިނާކީ ވިލިއަމްސް (ކ) އުފާފާޅުކުރަނީ --- ފޮޓޯ: ޗާލީ ޓްރިބަލޯ | އޭއެފްޕީ

މެޗުގެ 80 ވަނަ މިނިޓުގައި ގާނާގެ ޕްރިންސް އަދޫއަށް އިންގްލެންޑްގެ އެޒްރީ ކޮންސާ ކުރި ފައުލަކަށް ޕެނަލްޓީއަކާއި ރަތް ކާޑެއް ދޭން ޖެހުނު ނަމަވެސް، އޭގެ ކުރިން އޮފްސައިޑް ވެފައިވުމުން އިންގްލެންޑް ސަލާމަތްވި އެވެ.

މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް އިންގްލެންޑަށް މޮޅުވާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. ސަކާ ފޮނުވާލި ހަމަލާ ކީޕަރު ދިފާއުކުރީ އެވެ.

އޭގެ ފަހުން ރީސް ޖޭމްސް ހުރަސްކޮށްދިން ބޯޅައަކުން ނިކޯ އޯރިލީ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އަދި ރީބައުންސްވެގެން، ކެޕްޓަން ހެރީ ކޭންއަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.