ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެލް ގައި ގާނާ އަދި ޕެނަމާ ބައްދަލުކުރި މެޗުގެ ފަހު ވަގުތުގައި ޖެހި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގާނާގެ ފެށުމުގައި ހިތްވަރުދައްކާލައިފި އެވެ.
ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ރާއްޖެގަނޑިން ބުރާސްފަތި ދުވަހުގެ ފަތިހު ކުޅުނު މި މެޗުން ގާނާ މޮޅުވީ މެޗުގެ ކުރިންނާއި މެޗުގެ ތެރޭގައި ވެސް ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކާއި ހުރަސްތައް ގިރާކުރުމަށް ފަހު އެވެ.
އެ ޓީމުގެ މުހިންމު މިޑްފީލްޑަރު ތޯމަސް ޕާޓޭ އަށް، ކެނެޑާގެ ވިސާ ނުލިބުމުން ޓީމުގައި އޭނާ އަށް ބައިވެރި ނުވެވުނެވެ. ގާނާގެ އެއްވަނަ ކީޕަރު ލޯރެންސް އާޓީ ޒިގީއަށް އަނިޔާވެ މެޗުގެ ފުރަތަމަ ހާފަށް ފަހު ބަދަލުކުރަން ޖެހުނެވެ.
ނަމަވެސް މި ހުރިހާ ނުތަނަވަސްކަމެއް އޮތް ކުޅެން ނުކުތް ބަދަލު ކީޕަރު ބެންޖަމިން އަސާރޭ ވަނީ ޕެނަމާއިން ލަނޑެއް ޖެހިޔަނުދީ ހިފަހައްޓާފަ އެވެ. މުޅި މެޗުގެ 63 ޕަސަންޓް ބޯޅަ ހިފަހައްޓައިގެން ޕެނަމާއިން މެޗު ކޮންޓްރޯލް ކުރި އެވެ. ނަމަވެސް ގާނާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭނެ އެއްވެސް ގޮތެއް ޕެނަމާއަކަށް ނުހޯދުނެވެ.
ގާނާގެ ތަފާތަކަށް ވީ އެ ޓީމުގެ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުތް ކުޅުންތެރިންނެވެ. ދެވަނަ ހާފުގައި އެ ޓީމުގެ އެޓޭކްތައް ވަރުގަދަ ކުރި އެވެ. މެޗުގެ ނަތީޖާ ބަދަލުކޮށްލީ 90 މިނެޓް ހަމަވެގެން ދެއްކި އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައި ބްރެންޑަން ތޯމަސް އަސާންޓޭ ތަނަވަސްކޮށްދިން ފުރުސަތަކުން ކަލެބް ޔިރެންކީ ޖެހި ލަނޑުންނެވެ.