ޓޮރޮންޓޯ (ޖޫން 17) - ފީފާ ވޯލްޑް ކަޕުގައި ވާދަކުރާ ގާނާ ގައުމީ ޓީމުގެ ވައިސް ކެޕްޓަން ތޯމަސް ޕާޓޭ ކެނެޑާއަށް އެތެރެވާން ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެ އެވެ.

އެމެރިކާގައި ކޭމްޕް ކޮށްގެން އޮތް ގާނާގެ ފުރަތަމަ މެޗުގައި ޕެނަމާއާ ދެކޮޅަށް ކުޅުނީ ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގަ އެވެ. އެ މެޗު 1-0 އިން ކާމިޔާބުކުރީ ގާނާ އެވެ.

ޕާޓޭ އަށް ވިސާ ނުލިބުނު މައްސަލަ އޭނާ ކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް އެކަން އޭނާ އަށް ވަނީ ކާމިޔާބެއް ނުވި އެވެ. ކޯޓުން ނިންމާފައި ވަނީ، އޭނާ ވިސާ އެޕްލިކޭޝަންގައި ދޮގު މައުލޫމާތު ހިމަނާފައި ވާތީ ވިސާ ނުދޭށެވެ.

ވިސާ އެޕްލިކޭޝަންގައި ޕާޓޭ ވަނީ އޭނާއަށް އެއްވެސް އިރެއްގައި ކުށަކަށް ތުހުމަތު ކުރެވިފައި ނުވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭނާ އަށް ވަނީ މީގެ ކުރިން ޔޫކޭގައި ރޭޕް އާއި ޖިންސީ ގޯނާގެ ތުހުމަތުތަކެއްކޮށްފަ އެވެ. އަދި ޕާޓޭ ވަނީ ކޯޓުގައި އެތައް ފަހަރަކު މި ކަންކަމަށް އިންކާރު ވެސް ކޮށްފަ އެވެ.

"އެޕްލިކޭޝަންގައި ގާނޫނީ ޖިނާއީ އަދި ސަލާމަތީ ސުވާލުތަކުގައި ދައުވާ ލިބޭ ފަރާތުން [ޕާޓޭ] ޖަވާބު ދިނީ ދުވަހަކުވެސް އެއްވެސް ގައުމެއްގައި ޖިނާއީ ކުށެއް ކޮށްފައިނުވާ ކަމަށާއި، ހައްޔަރުކޮށްފައި ނުވާ ކަމަށާއި އަދި ދައުވާ އުފުލާފައި ނުވަތަ ކުށްވެރިވެފައި ނުވާ ކަމަށް،" އޮޓާވާގެ ފެޑެރަލް ކޯޓުގެ އިސް ފަނޑިޔާރު ހުކުމުގައި ފާހަގަ ކޮށްފައި ވާކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ އަހަރު އާސެނަލް ދޫކޮށް ޕާޓޭ މިހާރު ކުޅެމުން އަންނަނީ ސްޕެއިންގެ ވިޔަރެއާލަށެވެ.

މި މައްސަލަތަކާ އެކު ވެސް އޭނާއަށް އެމެރިކާ އިން ވަނީ ވިސާ ދީފަ އެވެ. ގާނާ ޓީމު މުބާރާތަށް ކޭމްޕް ކޮށްފައި ވަނީ އެމެރިކާގެ ރޯޑް އައިލެންޑްގަ އެވެ.

މިއާ އެކު ފުރަތަމަ މެޗުގައި ޕާޓޭ ނުފެނުނު ނަމަވެސް ދެވަނަ މެޗުގައި، އެމެރިކާގެ ބޮސްޓޮންގައި އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗުން އޭނާއަށް ފުރުސަތު އެބަ އޮތެވެ. ހަމަ އެއާ އެކު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭނީ ވެސް އެމެރިކާގަ އެވެ.