ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުން ފާހަގަކުރަން ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތަށް ގައުމީ ޓީމުގެ ސްކޮޑް އެކުލަވާލައި، އަންނަ އާދީއްތަ ދުވަހު ޕްރެކްޓިސް ފަށަން ނިންމައިފި އެވެ.
މި ސަރަހައްދުގެ ތިން ގައުމެއް ބައިވެރިކޮށްގެން ޖުމްލަ ހަތަރު ޓީމާ އެކު ބާއްވާ މުބާރާތް އޮންނާނީ ޖޫން 1-10 އަށް ގަލޮޅު ދަނޑުގަ އެވެ. ރާއްޖޭގެ ޑޮމެސްޓިކް ފުޓްބޯޅަ ސީޒަން ނިމިފައިވާތީ އާ އެކު މުބާރާތަށް ތައްޔާރުވާން ކޯޗު ހަންގޭރީގެ އިސްތަވާން އުރުބާނީ އަށް މަހަކަށް ވުރެ ގިނަ ދުވަސް ލިބޭނެ އެވެ.
މިއަދު އިއުލާންކުރީ ތަޖުރިބާކާރު ކުޅުންތެރިންނާއި، ޒުވާން ކުޅުންތެރިން ހިމެނޭ ގޮތަށް މަސްހުނި ސްކޮޑެކެވެ. ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި އަލީ އަޝްފާގް (ދަގަނޑޭ)، ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ)، ގޯލްކީޕަރު މުހައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)، އަހުމަދު އަބްދުﷲ (ލިލީ)، އަމްދާން އަލީ (އެންޑީ) ފާހަގަކުރެވެ އެވެ.
ޒުވާން ކުޅުންތެރިންގެ ތެރޭގައި މިހާރު ރާއްޖޭގައި ތިބި އެންމެ އުއްމީދީ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އިލާން އިމްރާން، އަހުމަދު އީތަން ޒަކީ ސްކޮޑުގައި ހިމެނެ އެވެ. އަދި ދާދި ފަހުން 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ޓީމުގައި ހިމެނުނު އެހެން ބައެއް ކުޅުންތެރިންނަށް ވެސް ފުރުސަތު ދީފައިވެ އެވެ. އެއީ ޒުވާން ގޯލްކީޕަރު ޒަހްރާން ހަސަން ޒިޔާދާއި، މުހައްމަދު ނައިޝަމް ނަދީމާއި، އަހުޒަމް ރަޝީދު، އަދި ނައްސާހް އިބްރާހީމް ނާސިރު އެވެ.
ގައުމީ ޓީމަށް ކުރިން ދެ ފަހަރެއްގެ މަތިން ކޯޗުކޮށްދީފައިވާ އުރުބާނީ އަލުން ޓީމާ ހަވާލުވެ ކުޅުނު ފުރަތަމަ މެޗުން އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ މަހު މާލޭގައި ވަނީ ޓިމޯ ލެސްޓޭ އަތުން 2-1 އިން މޮޅުވެފަ އެވެ.