މާލޭގައި މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު މެޗުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފި އެވެ. 

ގަލޮޅު ރަސްމީ ދަނޑުގައި ބޮޑެތި ކުރިމަތިލުންތަކާއި ހަމަނުޖެހުންތަކެއް ހިނގި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މެޗުގެ އިތުރު ވަގުތުގައި، ރާއްޖޭގެ ހަސަން އީނާޒަށް، ބަންގްލަދޭޝްގެ ކުޅުންތެރިޔަކު ކުރި ޗެލެންޖަކަށް ރެފްރީ ފައުލެއް ދެއްކުމުން ބަންގްލަދޭޝްގެ ކުޅުންތެރިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. އެ ޓީމުގެ ބެންޗުން ވެސް ވަނީ ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ،

ރެފްރީގެ ނިންމުމާ މެދު ބަންގްލަދޭޝްގެ އަލީ އަމީން، ހިތްހަމަނުޖެހުމުން އޭނާ އަށް ދެވަނަ ރީނދޫ ކާޑެއް ދައްކައި ރަތް ކާޑް ދެއްކި އެވެ. އެކަމާ ހިތްހަމަނުޖެހި އޭނާ ރެފްރީގެ ގައިގައި ޖެހި އެވެ. ބަންގްލަދޭޝްގެ އެހެން ކުޅުންތެރިން އޭނާ ކޮންޓްރޯލް ކުރަން މަސައްކތް ކުރި އެވެ. 

ފަހުން މެޗުގެ ކުޅުން ކުރިއަށް ގެންދިޔަ އެވެ. އެންމެ ފަހު ވަގުތުގައި ބަންގްލަދޭޝްގެ އޭރިއާ ކައިރިން ރާއްޖޭގެ ޒުވާން ފޯވާޑް ނައްސާހް އިބްރާހިމް ނާސިރާ، ބަންގްލަދޭޝްގެ ކުޅުންތެރިން ކުރިމަތިލައި ދެ ޓީމުގެ ކުޅުންތެރިން ވެސް ތަޅާފޮޅި އެވެ. 

މެޗުގެ ރަސްމީ ރިޕޯޓުން އެނގޭގޮތުގައި 2,150 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފަހު ވަގުތު، ބަންގްލަދޭޝްގެ ސަޕޯޓަރުން ކޮންޓްރޯލް ކުރަން ރެފްރީންނަށް ޖެހުނެވެ. 

މި މެޗުގެ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލަނޑު ޖަހައި ރާއްޖެއަށް ކުރިހޯދައިދިނީ އަލީ ފާސިރު އެވެ. ނަމަވެސް، މެޗުގެ 54 ވަނަ މިނެޓުގައި ބަންގްލަދޭޝްއަށް ލިބުނު ޕެނަލްޓީއަކުން މިރާޖުލް އިސްލާމް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ހެޑް ކޯޗު އޭކޭއެމް މަރޫފުލް ހައްގަށް ރީނދޫ ކާޑެއް ދެއްކިއިރު، 43 ވަނަ މިނެޓުގައި އެ ޓީމުގެ މެނޭޖަރު މުހައްމަދު ޝާހިން ހަސަންއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. 

ރެފްރީ ސެންތިލްނާތަންއާ ދިމާލަށް ގޮސް ޖިސްމާނީގޮތުން ކުރިމަތިލައި ރެފްރީގެ ގައިގައި އަތްލާ މާރާމާރީ ހިންގާފަ އެވެ. މި ހާދިސާއާއެކު ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ދަނޑުމަތީގައި ބޮޑު ކުރިމަތިލުމެއް ހިނގި އިރު، ސެކިއުރިޓީންނާއި ކޯޗިން ސްޓާފުން ވަނީ ދަނޑަށް އަރައި ކުޅުންތެރިން ދުރުކުރަން މަސައްކަތް ކޮށްފަ އެވެ.

މި މެޗު ބެލުމަށް ގަލޮޅު ދަނޑަށް ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަދެ ތިބިއިރު، ދަނޑުމަތީގައި ހަމަނުޖެހުން ހިނގަން ފެށުމާއެކު ސަޕޯޓަރުން ދަނޑުތެރެއަށް ވަންނަން މަސައްކަތް ކުރުމުން ފުލުހުން ވަނީ ވަގުތުން ހަރަކާތްތެރިވެ މަސްރަހު ކޮންޓްރޯލް ކޮށްފަ އެވެ.

ރެފްރީ އަށް ބަންގްލަދޭޝްގެ ކުޅުންތެރިން ހަމަލާދިނުމުން، ފީފާ ޑިސިޕްލިނަރީ ކޯޑުތަކުގެ ދަށުން އެ ކުޅުންތެރިންނަށް މަދުވެގެން 4 މެޗާއި 6 މެޗާ ދެމެދުގެ ބޮޑު ސަސްޕެންޝަނެއް އަންނާނެކަމަށް ބެލެވެ އެވެ. 

މެޗުން، ބަންގްލަދޭޝް މޮޅުވިނަމަ، އެ ޓީމު ފައިނަލަށް ދާނެ އެވެ. އެކަމަކު އެއްވަރުވުމުން، ފައިނަލަށް ދިޔައީ އަފްޣާނިސްތާނެވެ. 

ބުދަ ދުވަހުގެ ރޭ ކުޅޭ ފައިނަލުމެޗުގައި އަފްޣާނިސްތާނުން ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.