ފަލަސްތީނާއި އިޒްރޭލްގެ ފުޓްބޯޅައިގެ އިސްވެރިންގެ މެދުގައި ސުލްހައިގެ ސަލާމެއް ކުރުވަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ކުރި މަސައްކަތް ނާކާމިޔާބުވެ، ބޮޑު ލަދުވެތިކަމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ކެނެޑާގެ ވެންކޫވާގައި އިއްޔެ ބޭއްވި ފީފާގެ 76 ވަނަ ކޮންގްރެސްގައި، ފަލަސްތީނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޖިބްރީލް ރަޖޫބް އާއި އިޒްރޭލްގެ އެފްއޭގެ ނައިބު ރައީސް ބާސިމް ޝެއިޚް ސުލައިމާނާ ސަލާމް ކުރުވަން އިންފަންޓީނޯ އުޅުނެވެ. އެކަމަކު އިޒްރޭލްގެ އެފްއޭގެ އިސްވެރިޔަކާ އެކު އެއް ފޯރަމެއްގައި ހުއްޓި ހުރުމަށް ރަޖޫބް ވަނީ އިންކާރު ކުރައްވާފަ އެވެ.
މިއީ އިންފަންޓީނޯ، ފީފާގެ ރައީސްކަމަށް ފުރިހަމަ ތިންވަނަ ދައުރަކަށް ކެންޑިޑޭސީ އިއުލާން ކުރުމުގެ ކުރިން، ފަލަސްތީނާއި އިޒްރޭލްގެ އެފްއޭގެ އިސްވެރިން އެއްގަލަކަށް ގެންނަ މަންޒަރު ދައްކަވާލަން އޭނާ ބޭނުންވި ގޮތެވެ.
އިނގިރޭސި ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ދުނިޔޭގެ ފުޓްބޯޅައިގެ އިދާރީ އެންމެ ބޮޑު މަޖިލީހުގެ މެންބަރުންގެ ކުރިމަތީގައި އެ ފޮޓޯގަނޑު ނެންގެވުމަށް އިންފަންޓީނޯ ހުރީ ކުރިން ޕްލޭން ކުރައްވައިގެންނެވެ. އެކަމަކު އޭނާ އަކަށް އެކަން ކާމިޔާބެއް ނުވި އެވެ.
އިޒްރޭލުން ހިންގާ ހަނގުރާމައިގެ ޖަރީމާ އާއި އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކާ ހެދި އިޒްރޭލް ފީފާއިން ސަސްޕެންޑް ކުރުމަށް ފަލަސްތީނުގެ ފުޓްބޯޅަ އިދާރާއިން ފީފާ އަށް ހުށަހެޅި އެވެ. އެކަމަކު ރަޝިޔާ ސަސްޕެންޑް ކުރި ގޮތަށް އިޒްރޭލް ސަސްޕެންޑް ކުރާކަށް، ފީފާ އަކަށް ނުކެރުނެވެ.
އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅަން އެންމެ ބޮޑަށް ވަކާލަތު ކުރައްވާ ބޭފުޅަކީ ވެސް ފަލަސްތީނުގެ އެފްއޭގެ ރައީސް ރަޖޫބެވެ.
އިޒްރޭލުގެ މަންދޫބާ ސަލާމްކުރުމަށް ރަޖޫބް އިންކާރު ކުރެއްވުމާ ގުޅިގެން، ފަލަސްތީނުގެ އެފްއޭގެ ނައިބު ރައީސް ސޫޒަން ޝަލަބީ ވަނީ އެކަމަށް ތައުރީފު ކުރައްވާފަ އެވެ.
"އިޒްރޭލުން ހިންގާ ފެސިޒަމް އަދި ނަސްލު ނައްތާލުމުގެ އަމަލުތައް އޮއްބާލުމަށް އިޒްރޭލުން ގެނައި މީހަކާ އަހަރެމެން ސަލާމެއް ނުކުރާނަން. އަހަރެމެން މިތިބީ ވަރަށް ބޮޑު ތަހައްމަލެއްގެ ތެރޭގައި،" ރޮއިޓާސް އަށް ސޫޒަން ވިދާޅުވި އެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި 72,500 އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ. އޭގެ ތެރެއިން 21,000 އަށް ވުރެ ގިނަ ކުޑަކުދިންނެއް ވަނީ މަރާލާފަ އެވެ.
އެކަމަކު ފަލަސްތީނާއި އިޒްރޭލްގެ ފުޓްބޯޅައިގެ އިސްވެރިން ސަލާމް ކުރުވަން ކުރި މަސައްކަތް ނާކާމިޔާބު ވުމަށް ފަހު އިންފަންޓީނޯ އަލުން ސްޓޭޖަށް އަރައި ވިދާޅުވީ އިޒްރޭލާއި ފަލަސްތީނުގެ އޮފިޝަލުން ގުޅިގެން ކުޑަކުދިންނަށް އުއްމީދުތަކެއް ދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އިންފަންޓީނޯ މީގެ ކުރިން ވަނީ ޑޮނަލްޑް ޓްރަމްޕަށް ފީފާގެ ސުލްހައިގެ އެވޯޑް ދީގެން ވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
ފަލަސްތީނާއި އިޒްރޭލްގެ މަންދޫބުން ސަލާމް ކުރުވަން ކުރި މަސައްކަތް ނާކާމިޔާބުވި ނަމަވެސް ފުރިހަމަ ތިންވަނަ ދައުރަކަށް ފީފާގެ ރައީސްކަމަށް ކުރިމަތިލައްވާނެކަން އިންފަންޓީނޯ އިއުލާން ކުރި އެވެ .
"އަންނަ އަހަރު ބާއްވާ ފީފާގެ ރިޔާސީ އިންތިޚާބުގައި އަހަރެން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރާނެކަން ކަށަވަރުކޮށްދޭން ބޭނުން. މިކަން އެންމެ ފުރަތަމަ އެނގޭ ބަޔަކަށް ތިޔަބޭފުޅުން ވާން އަހަރެން ބޭނުންވި. ތިޔަބޭފުޅުން ދެއްވާ ހިތްވަރާއި އެއްބާރުލުމަށް ޝުކުރު ދަންނަވަން،" އިންފަންޓީނޯ ވިދާޅުވި އެވެ.
އިންފަންޓީނޯ 2016 ވަނަ އަހަރު މަގާމަށް ހޮވުނީ ފީފާ އިސްލާހު ކުރުމުގެ ވައުދާ އެކު އެވެ. އެކަމަކު ގަވާއިދުތަކަށް ގެނައި ބަދަލާ އެކު އޭނާ އަށް 15 އަހަރު ވަންދެން މަގާމުގައި ހުރުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފަ އެވެ.
އަންނަ އަހަރު މޮރޮކޯގެ ރަބާތުގައި ބާއްވާ އިންތިޚާބުގައި އޭނާއާ ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ހުންނާނެ ކަމަކަށް ނުބެލެވެ އެވެ.