އިޒްރޭލު ސިފައިން ފަލަސްތީނުގެ ޚަލީލް (ހިބްރޫން) ސިޓީގައި ފަށާފައިވާ ފުޅާ އަސްކަރީ އޮޕަރޭޝަނުގެ ސަބަބުން، އެ ސަރަހައްދުން ފަލަސްތީނުގެ 2،670 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާންޖެހިފައިވާ ކަމަށް ފަލަސްތީން އޮތޯރިޓީ (ޕީއޭ) އާއި ޚަލީލްގެ މުނިސިޕަލްޓީން ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު ޚަލީލް ކައިރީގައި ހުރި ޗެކްޕޮއިންޓަކަށް ދިން ހަމަލާއެއްގައި އިޒްރޭލު ސިފައިންގެ ދެ މީހަކު މަރުވުމާ ގުޅިގެން، ބަދަލުހިފުމުގެ ގޮތުން އިޒްރޭލުން ވަނީ އެ ސިޓީ މުޅިން ބަންދުކޮށް، ވަރުގަދަ ލޮކްޑައުންއެއް އިިއުލާންކޮށްފަ އެވެ. އެއަށް ފަހު، އެ ސިޓީގެ އީން ދީރު ބަހާ އާއި އަލް ޖަލާދާ ފަދަ އަވަށްތަކަށް ސިފައިން ވަދެ، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގެދޮރު ދޫކޮށް ދިއުމަށް އާންމުންނަށް ވަނީ މަޖުބޫރުކޮށްފަ އެވެ.
މި އޮޕަރޭޝަނުގައި އިޒްރޭލު ސިފައިން ދަނީ ޚަލީލްގެ ގިނަ އަދަދެއްގެ ގެތަކާއި، ފިހާރަތަކާއި، ފެކްޓްރީތަކުގެ އިތުރުން މަގުތައް ވެސް ހަލާކުކޮށް ބުލްޑޯޒް ކުރަމުންނެވެ. އަދި ހުސްކުރި ބައެއް ގޭގޭގައި އިޒްރޭލުގެ ދިދަ ހަރުކޮށް، ކަޅު ކުލައިގެ "X" ފާހަގަ ޖަހަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ރެއިޑުތަކުގައި މިހާތަނަށް ފަލަސްތީނުގެ 70 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ، މިއީ ހަމާސް ޖަމާއަތުގެ ނިވަލުގައި ތިބި "ޓެރަރިސްޓުންގެ އޮނިގަނޑު" ހަލާކުކޮށްލުމަށް ހިންގާ ހަރަކާތެއް ކަމަށް ބުނެފަ އެވެ. އަދި ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ވަނީ، "ހަމާސްގެ ހާލިތައް" އެއްކޮށް ނައްތާނުލެވެނީސް އެ ސަރަހައްދުން ބޭރުކުރި މީހުންނަށް އެނބުރި އައުމުގެ ފުރުސަތެއް ނުދޭނެ ކަމަށް ވެސް ބުނެފަ އެވެ.
ނަމަވެސް، ފަލަސްތީނުގެ އޮފިޝަލުންނާއި ޚަލީލްގެ މޭޔަރު ޔޫސުފް އަލް ޖައުބަރީ މިކަން ސިފަކުރެއްވީ ކުށެއް ނެތް އާންމު ރައްޔިތުންނަށް ދެމުންދާ "ޖަމާއީ އަދަބެއް" ގެ ގޮތުގަ އެވެ. ގެދޮރުން ބޭރުކޮށްލި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންނެވެ.
ސަރަހައްދީ ލީޑަރުން ތުހުމަތުކުރާ ގޮތުގައި، ކުރިއަށް އޮތް އަންގާރަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އިޒްރޭލުގެ އާންމު އިންތިހާބާ ދިމާކޮށް ނަތަންޔާހޫ މިފަދަ ލޭއޮހޮރުވުމެއް ހިންގަނީ، ހަރުކަށި ޔަހޫދީ ވަޒަންވެރިންގެ ވޯޓު ކާމިޔާބުކުރުމުގެ ސިޔާސީ ބޭނުމުގަ އެވެ.