ޓްރެއިނިން ގްރައުންޑުގައި ހިނގި ކުރިމަތިލުމަކަށްފަހު ރެއާލް މެޑްރިޑްގެ ފެޑެރިކޯ ވަލްވާޑޭ އާއި އައުރެލިއަން ޗުއަމެނީ އެކަކު އަނެކަކަށް މާފަށް އެދި ސުލްހަވެފައިވާ ކަމަށް ޓީމުގެ ކޯޗު އަލްވާރޯ އާބެލޯއާ ބުނެފި އެވެ.
މި ހާދިސާއާ ގުޅިގެން ކްލަބުން ވަނީ ދެ ކުޅުންތެރިން ކުރެ ކޮންމެ ކުޅުންތެރިއަކު ފަސް ލައްކަ ޔޫރޯ އިން ޖޫރިމަނާކޮށްފަ އެވެ. މި ކުރިމަތިލުމުގައި ވަލްވާޑޭގެ ބޮލަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ
އާބެލޯއާ ބުނީ ދެ ކުޅުންތެރިންވެސް މިހާރު ތިބީ ކުޅުމަށް ތައްޔާރަށް ކަމަށެވެ.
"ދެ ކުޅުންތެރިންވެސް ވަނީ އެމީހުންނަށް ކުރެވުނު ކަންތަކަށް ދެރަވާކަން ހާމަކޮށް، ކުށަށް އިއުތިރާފްވެ، އޭގެ ނަތީޖާއާ ކުރިމަތިލައި މާފަށް އެދިފައި،" އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާބެލޯއާ ބުންޏެވެ.
"އަހަންނަށް އެވަރު ފުދޭ. އަހަރެންގެ ކުޅުންތެރިން އަލިފާނަށްލައި އަންދާލާކަށް އަހަރެން ބޭނުމެއް ނޫން. އެއިން އެކަކުވެސް އެފަދަ އަދަބެއް ހައްގެއް ނޫން."
މި ހާދިސާ ހިނގީ މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހުގެ ފަރިތަކުރުންތަކުގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޗުއަމެނީ ވަލްވާޑޭގެ މޫނުމަތީގައި ޖެހި އެވެ. ނަމަވެސް އެ ވާހަކަ ދެ ކުޅުންތެރިންވެސް ދޮގުކުރެ އެވެ.
"ވަލްވާޑޭ އާއި ޗުއަމެނީއަކީ ރެއާލް މެޑްރިޑް ރަމްޒުކޮށްދޭ ދެ ކުޅުންތެރިން. މި ކްލަބަށްޓަކައި މަސައްކަތް ކުރަން އެމީހުންނަށް ފުރުސަތު ދޭންޖެހޭނެ،" ކުޅުންތެރިންގެ ދިފާއުގައި ވާހަކަ ދައްކަމުން އާބެލޯއާ ބުންޏެވެ.
"އަހަރެން އެމީހުންނާ މެދު ފަހުރުވެރިވަން. މި ހާދިސާގެ ބޭނުން ހިފައިގެން އަހަރެންގެ ކުޅުންތެރިންގެ ޕްރޮފެޝަނަލްކަމާ މެދު ސުވާލު އުފައްދާކަށް ފުރުސަތެއް ނުދޭނަން."
ވާދަވެރި ބާސެލޯނާއާ ދެކޮޅަށް މިރޭ ކުޅޭ ކްލެސިކޯ މެޗުގައި ޗުއަމެނީ ފެންނާނެ ކަމަށާއި، ވަލްވާޑޭގެ ކެޕްޓަންކަމާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށްވެސް އާބެލޯއާ ވަނީ ބުނެފަ އެވެ.
ޓީމުގެ އެތެރޭގެ ވާހަކަތައް މީޑިއާއަށް ލީކުވާތީ އެކަމާ އާބެލޯއާ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ ޑްރެސިން ރޫމްގެ ސިއްރުތައް ބޭރުކުރުމަކީ ކްލަބަށް ވެވޭ "ޚިޔާނާތެއް" ކަމަށެވެ.
"އަހަރެން މިއީ ސީއައިއޭ އަށް މަސައްކަތްކުރާ މީހެއް ނޫން. އަހަރެން އެއްވެސް ކުޅުންތެރިއަކަށް ނުވަތަ މީހަކަށް އިނގިލި ދިއްކުރާކަށް ނެތިން،" މީޑީއާ އަށް ހާމަވާ މައުލޫމާތުތަކާ ބެހޭގޮތުން އޭނާ ބުންޏެވެ.
"އެންމެ ސީރިއަސް ކަމަކީ، އަދި އަހަންނަށް އެންމެ ތަދުވާ ކަމަކީ ރެއާލްގެ ޑްރެސިން ރޫމްގައި ހިނގާ ކަންކަން ބޭރަށް އިވުން. އެއީ މި ބެޖަށް ވެވޭ ބޮޑު ޚިޔާނާތެއް."
އާބެލޯއާ ވަނީ އޭނާ އާއި ކުޅުންތެރިންނާ ދެމެދު މައްސަލަޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތައްވެސް ދޮގުކޮށްފަ އެވެ. އޭނާ ބުނީ މީޑިއާގައި ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
"ކުޅުންތެރިން އަހަންނަށް އިހުތިރާމް ކުޑަކުރާ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގު. އަދި ކުޅުންތެރިންނާ މައްސަލަ ޖެހިގެން ޓީމުން ބާކީކުރާ ކަމަށް ބުނާ ވާހަކައަކީވެސް ދޮގެއް،" އޭނާ ބުންޏެވެ.
"އަހަރެން މަސައްކަތް ކުރަނީ ނަމޫނާ ދައްކަން. އަހަރެންގެ ކުޅުންތެރިންނާ ދެކެވޭ އަމިއްލަ ވާހަކަތައް އޮންނާނީ އަބަދުވެސް ސިއްރުގެ ގޮތުގައި."