ރެއާލް މެޑްރިޑާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގާއި ލަލީގާގެ ޗެމްޕިއަންކަން ހޯދި މިޑްފީލްޑަރު ހޯޒޭ ރޮޑްރިގޭޒް، ރާއްޖޭގެ އޮޑި ސްޕޯޓްސްއާ ގުޅެން ތައްޔާރުވާކަމުގެ އިޝާރާތެއް ލިބިއްޖެ އެވެ. 

ސޯޝަލް މީޑިއާގައި އޮޑި ސްޕޯޓްސް ޓެގްކޮށް އެހެން އެކައުންޓަކުން ކުރި ޕޯސްޓްގައި ބުނެފައިވާ ގޮތުން، އުމުރުން 17 އަހަރުގައި އެ ކުޅުންތެރިޔަކު ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުޅެން ފަށާފަ އެވެ.

އެ ޕޯސްޓަށް ކޮމެންޓް ކުރި މީހަކު ބުނެފައި ވަނީ އެއީ ރެއާލް މެޑްރިޑަށް ކުރިން ކުޅުނު މިހާރު އުމުރުން 31 އަހަރުގެ ހޯޒޭ ރޮޑްރިގޭޒް ކަމަށެވެ. 

އިންސްޓަގްރާމްގައި އޮޑި ސްޕޯޓްސް ޓެގުކޮށް އެހެން މީހަކު ކުރި އެ ޕޯސްޓަށް ހޯޒޭގެ އެކައުންޓުން ލައިކް ދީފައިވެ އެވެ. 

ރެއާލްގެ މިހާރުގެ ކޯޗު ހޯޒޭ މޮރީނިއޯ އެ ކްލަބްގައި ހޭދަ ކުރި ފުރަތަމަ ދައުރުގައި 2012 ގައި، ހޯޒޭ ރޮޑްރިގޭޒަށް ޗެމްޕިއަންސް ލީގުގެ މެޗަކުން ފުރުސަތު ދިނެވެ. އެހާހިސާބަށް އޭނާ ވެފައި ވަނީ އެ ކްލަބްގައި ޔޫރަޕްގެ އެންމެ ބޮޑު ކްލަބް މުބާރާތުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

ހޯޒޭ ރޮޑްރިގޭޒް އާއި މޮރީނިއޯ: ރެއާލްގެ ސީނިއާ ޓީމުން އޭރުގެ އުއްމީދީ ކުޅުންތެރިޔާ ރޮޑްރިގޭޒަށް ފުރުސަތު ދިނީ މޮރީނިއޯ
ހޯޒޭ ރޮޑްރިގޭޒް އާއި މޮރީނިއޯ: ރެއާލްގެ ސީނިއާ ޓީމުން އޭރުގެ އުއްމީދީ ކުޅުންތެރިޔާ ރޮޑްރިގޭޒަށް ފުރުސަތު ދިނީ މޮރީނިއޯ

ރެއާލުން 2014 ގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ސީޒަނުގައި، ޗެމްޕިއަން މެޑަލް ވެސް އޭނާ އަށް ލިބިފައިވެ އެވެ. އެކަމަކު އޭރު އުމުރުން 19 އަހަރުގެ މިޑްފީލްޑަރުގެ ދައުރެއް އެ ކާމިޔާބުގައި ނެތެވެ. 

އޭނާ އަށް ޗެމްޕިއަން މެޑަލް ލިބުނީ ޔޫއެފާގައި ރަޖިސްޓަރީ ކުރި ރެއާލްގެ ސްކޮޑްގައި އޭނާގެ ނަން ހިމެނުމުންނެވެ. 

އޭގެ ކުރީގެ ސީޒަންގައި މޮރީނިއޯގެ ކޯޗުކަމުގައި ލަލީގާގެ 100 ޕޮއިންޓް ހަމަކޮށް ލީގު ކާމިޔާބު ކުރި ސީޒަންގައި ވެސް އޭނާ އަށް މެޑަލް ލިބުނެވެ. ގަލަތަސަރާއީ އާއި ޖަރުމަނުގެ މައިންޒް އާއި ޑިޕޯޓިވޯ ލަކަރޫނިއާ އަދި މަލަގާ އަށް ވެސް ހޯޒޭ ރޮޑްރިގޭޒް ކުޅެފައިވެ އެވެ.