ރެއާލް މެޑްރިޑްގެ ރައީސްކަމަށް އޭނާ ހޮވިއްޖެނަމަ، އެ ޓީމަށް ވޯލްޑް ކްލާސް ދެ ތަރިން ސޮއިކުރުވާނެކަމަށް، ކެންޑިޑޭޓް އެންރީކޭ ރިކޭލްމޭ ބުނެފި އެވެ.
އަންނަ މަހު ހަތްވަނަ ދުވަހު ބާއްވާ ރެއާލްގެ އިންތިހާބަކީ 20 އަހަރަށް ފަހު ވޯޓުލައިގެން ރައީސަކު ހޮވުމަށް އެ ކްލަބްގެ މެންބަރުންނަށް ފުރުސަތު ލިބޭ ފުރަތަމަ އިންތިހާބެވެ.
ރެންޓީނޯ ޕެރޭޒް މިދިޔަ ހަތަރު ދައުރަށް ވެސް ރައީސްކަމުގެ މަގާމު ހޯދީ އިންތިހާބަކާ ނުލަ އެވެ. އެއީ އެ ހަތަރު ފަހަރު ވެސް އޭނާއާ ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ނުވުމުންނެވެ.
ވިދިވިދިގެން ދެ ސީޒަނުގައި ތައްޓެއް ނުހޯދި ކުރިމަތިވި ބޮޑު ނާކާމިޔާބާ އެކު އުމުރުން 79 އަހަރުގެ ޕްރޭޒަށް ބޮޑު ޕްރެޝަރެއް ކުރިމަތިވި އެވެ. އެ ޕްރެޝަރު ކުޑަކުރަން އޭނާ ވަނީ އާ އިންތިހާބަކަށް އިއުލާން ކޮށްފަ އެވެ.
އޭނާއާ ވާދަކުރަން އިންތިހާބަށް ކުރިމަތިލީ ޒުވާން ވިޔަފާރިވެރިޔާ ރިކޭލްމޭ އެވެ. ރެއާލްގެ ގަވާއިދު ބުނާ ގޮތުން ކްލަބްގެ އިންތިހާބަށް ކެންޑިޑޭޓުން ފައިނަލު ކުރުމަށް ފަހު ދެ ހަފުތާގެ މުއްދަތެއް ކެމްޕޭ ކުރަން ދޭން ޖެހެ އެވެ. އެ މުއްދަތު ނިމުމަށް ފަހު ރެއާލްގެ އިންތިހާބު ބާއްވާނީ އަންނަ މަހު ހަތްވަނަ ދުވަހު ނުވަތަ އަށްވަނަ ދުވަހު އެވެ.
އިންތިހާބުގެ ކެމްޕޭނުގައި ރިކޭލްމޭ ވައުދުވެފައި ވަނީ ދުނިޔޭގެ ފެންވަރުގެ ދެ ތަރިން ރެއާލަށް ސޮއި ކުރުވުމަށެވެ. އޭނާއާ ގުޅުން އޮންނަ ކަމަށް އަޑުފެތުރިފައިވާ ސްޕެއިންގެ ނޫހެއްކަމަށްވާ "އޭބީސީ" އަށް ދިން އިންޓަވިއުގައި، ސޯލާ ޕެނަލް އުފެއްދައި އިއާދަކުރުވަނިވި ހަކަތައިގެ ވިޔާފާރީގައި ހަރަކާތްތެރިވާ ރިކޭލްމޭ ބުންޏެވެ.
ކޮން ދެ ކުޅުންތެރިޔެއްގެ ނަންކަން ހާމަނުކޮށް، ރިކޭލްމޭ ބުނީ އެ ދެ ކުޅުންތެރިންނާ އެކު އޭނާ މިހާރު އެއްބަސްވުމަކަށް ގޮސްފައިވާ ކަމަށެވެ.
"އަހަރެމެން މިވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ދެ ތަރިއަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި،" އެ ކުޅުންތެރިންގެ ނަން ހާމަނުކޮށް، އިއްޔެ 'އޭބީސީ' ނޫހަށް ދިން އިންޓަވިއުއެއްގައި ރިކޭލްމޭ ބުންޏެވެ.
"އަހަރެން ރައީސްކަމަށް ހޮވިއްޖެނަމަ، ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑު ދެ ތަރިއަކު ރެއާލް މެޑްރިޑަށް ކުޅޭނެ ކަމުގެ އެއްބަސްވުމެއް އެބައޮތް. އެއީ ކުރިއަށް އޮތް ކުރު، މެދު އަދި ދިގު ރާސްތާގެ ކާމިޔާބީގެ ޕްރޮޖެކްޓަށް ކޮންމެހެން ވެސް ބޭނުންތެރި ދެ ތަރިން."
މި ސީޒަނުގައި ރެއާލްގައި ދެ ކޯޗުން މަސައްކަތް ކުރި އެވެ. ކްލަބްގެ ދެ ލެޖެންޑުން ކަމަށްވާ ޝަބީ އަލޮންސޯ އާއި އަލްވާރޯ އާބެލޯއާ އެވެ. އެކަމަކު ދެ ކޯޗުންނަށް ވެސް މަގާމު ގެއްލުނީ އެވެ.
ރެއާލްގެ ކޯޗަކަށް ބެންފީކާގެ މިހާރުގެ ކޯޗު ހޯސޭ މޮރީނިއޯ އަލުން ގެންދަން ރެއާލް އާއި އޭނާގެ އެޖެންޓުންގެ ދެމެދުގައި ވަނީ ހުރިހާ ކަމެއް ނިމިފަ އެވެ. އެކަމަކު ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރެއާލްގެ ކުއްލި އިންތިހާބާ ދިމާވުމުން މޮރީނިއޯ އައްޔަން ކުރުން ވަނީ މަޑުޖެހިފަ އެވެ.
ރިކޭލްމޭ ބުނީ އޭނާ ރައީސްކަމަށް ހޮވިއްޖެނަމަ މޮރީނިއޯ އަލުން ގެނައުމާ މެދު އިތުރަށް ވިސްނާނެކަމަށެވެ.
"އަހަރެން ރައީސްކަމަށް ހޮވިއްޖެނަމަ، [މޮރީނިއޯ އެނބުރި އައުމާ މެދު] އަހަރެމެން ގޮތެއް ނިންމާނަން. ނަމަވެސް އަހަރެމެން ބޭނުންވަނީ ދިގު މުއްދަތުގެ ޕްރޮޖެކްޓެއް އެކުލަވައިލަން،" އޭނާ ބުންޏެވެ.
އޭނާ ބުނީ ރެއާލްގެ ކޯޗަކަށް އަލޮންސޯ ހަމަޖެއްސުމަކީ އެ ކްލަބުން ނިންމި ރަނގަޅު ނިންމުމެއް ކަމަށެވެ. އެކަމަކު އޭނާ މަގާމުން ވަކި ކުރުމަކީ ރެއާލުން ހެދި ގޯހެއް ކަމަށް ރިކޭލްމޭ ބުންޏެވެ.
"ތިން މަސްދުވަހުގެ ތެރޭގައި ޕްރޮޖެކްޓެއް ކާމިޔާބެއް ނުކުރެވޭނެ. އޭނާ [އަލޮންސޯ] އަށް ވަގުތު ނުދިނީ، އަމިއްލައަށް ގޮތް ނިންމުމުގެ ބާރު ވެސް ކުޑަވީ،" ރިކޭލްމޭ ބުންޏެވެ.
އޭނާ ހޮވިއްޖެނަމަ ރެއާލްގެ ކޯޗުކަމަށް ގެންނާނެ ވަކި ކޯޗެއްގެ ނަމެއް ރިކޭލްމޭ ނުބުނެ އެވެ. އެކަމަކު އޭނާ ބުނީ ޔާގަން ކްލޮޕަށް އޭނާ ޝައުގުވެރިވާ ކަމަށެވެ.
"އަހަރެން ކްލޮޕަށް ގަޔާވަން. އެކަމަކު އަހަރެން ޝައުގުވެރިވާ އެހެން ކޯޗުންވެސް އެބަތިބި،" އޭނާ ބުންޏެވެ.
"ރެއާލް މެޑްރިޑަކީ ކޯޗުންނާއެކު 'އެކްސްޕެރިމެންޓް' ކުރެވޭނެ ތަނެއް ނޫން."
އޭނާ ބުނީ އާބެލޯއާ ޓީމާ ހަވާލުވީ ވެސް އެންމެ ރަނގަޅު ވަގުތެއްގައި ނޫން ކަމަށެވެ.
އިންތިހާބު ކާމިޔާބުވެއްޖެނަމަ، ކްލަބަށް ސްޕޯޓިން ޑިރެކްޓަރެއް ވެސް އައްޔަންކުރާނެ ކަމަށް ރިކޭލްމޭ ބުންޏެވެ.
"(ސްޕޯޓިން ޑިރެކްޓަރު ކަމަށް) އަހަރެންގެ ވިސްނުމުގައި ވަކި މީހަކު އެބަހުރި، އަދި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކަން އިއުލާންކުރާނަން،" އޭނާ ބުންޏެވެ.
ކުރިއަށް އޮތް ވޯލްޑް ކަޕަށް ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ އެކުލަވާލި 26 ކުޅުންތެރިންގެ ސްކޮޑްގައި ރެއާލްގެ އެއްވެސް ކުޅުންތެރިޔަކު ނެތެވެ. ރިކޭލްމޭ ބުނީ އެކަމާ އޭނާ ދެރަވާ ކަމަށެވެ.
"ނަމަވެސް މިއީ ޕްރޮފެޝަނަލް މެނޭޖްމަންޓެއް ނެތި ގިނަ އަހަރުތަކެއް ވުމުގެ ހަގީގަތް. ފުޓްބޯޅައިގެ ނިންމުންތައް ނިންމަންވާނީ އޮފީސްތަކުގައި ތިބޭ މީހުންނެއް ނޫން، އެކަން ދަންނަ ޕްރޮފެޝަނަލް މީހުން ނޫން ބަޔަކު ގޮތް ނިންމަން ފެށުމުން މިފަދަ ކަންކަން ދިމާވާނެ،" އެފަދަ ގޮތްތައް މެދުވެރިވާ ސަބަބު ބަޔާންކުރަމުން އޭނާ ބުންޏެވެ.