އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގެ ރީޖަނަލް ލީގުތަކުގައި ވާދަކުރާ ޓީމުތަކަށް 1،4 މިލިއަން ރުފިޔާގެ މާލީ އެހީއެއް ދޭން އެފްއޭމުން ނިންމައިފި އެވެ.

ނޯތް ރީޖަން ލީގާއި، ސެންޓްރަލް ރީޖަން ލީގު އަދި ސައުތު ރީޖަން ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް  އެހީވުމުގެ ގޮތުން ފީފާގެ އެހީތެރިކަމާއެކު 90,000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން، ދަތުރުފަތުރުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން ކޮންމެ ޓީމަކަށް އިތުރު 30,000ރ. ދިނުމަށްވެސް އެފްއޭއެމުން ވަނީ ނިންމާފަ އެވެ.

މި ނިންމުމާ އެކު، ރީޖަނަލް ލީގުތަކުގައި ވާދަކުރާ ކޮންމެ ޓީމަކަށް ދަތުރުފަތުރުގެ ޚަރަދުގެ ގޮތުގައި ޖުމްލަ 120,000 ރުފިޔާ ލިބިގެންދާނެ އެވެ.

އެފްއޭއެމުން ބުނިގޮތުގައި ރީޖަނަލް ލީގުތަކުގައި ޖުމްލަ 12 ޓީމެއް ވާދަކުރަމުންދެ އެވެ. މި ހުރިހާ ޓީމުތަކެއްގެ ދަތުރުފަތުރަށް އެފްއޭއެމުން ޖުމްލަ 1,440,000ރ. ޚަރަދުކުރުމަށް ވަނީ ބަޖެޓްކޮށްފަ އެވެ. 

ސަރަހައްދީ ލީގުގައި ވާދަކުރާ ހަތަރު ޓީމުގެ މެދުގައި ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅުމަށް ފަހު، އެ ލީގެއްގެ ޗެމްޕިއަން ޓީމު ކޮލިފައިވާނީ ދިވެހި ލީގަށް ކޮލިފައިވާ ބުރަށެވެ.

ދިވެހި ލީގަށް ކޮލިފައިވާ ބުރުގައި ވާދަކުރާނީ މާލެ ރީޖަންގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމާއި، ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ ޓީސީ އާއި އަށްވަނައިގައި ނިންމާލި ގްރީން ސްޓްރީޓްސް އެވެ. 

މި ބުރުން ހޮވޭ ގަދަ ހަތަރު ޓީމަށް، އަންނަ ސީޒަނުގެ ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ.