ޕޯޗުގަލްގެ ބެންފީކާގެ ކޯޗު ހޯޒޭ މޮރީނިއޯ، ރެއާލް މެޑްރިޑްގެ އާ ހެޑް ކޯޗުގެ މަގާމާ ހަވާލުވާން އެއްބަސްވެއްޖެ އެވެ. 

ރެއާލް މެޑްރިޑުން މޮރިނިއޯގެ އެޖެންޓް ހޯޖޭ މެންޑޭޒާ އެކު ވާހަކަ ދައްކާތާ ދުވަސްތަކެއް ވެއްޖެ އެވެ. އަދި މޮރީނިއޯ ރެއާލަށް ބަދަލުވާނެކަން ވެސް މިހާރު ވަނީ ކަށަވަރު ވެފަ އެވެ.

އުމުރުން 63 އަހަރުގެ މޮރީނިއޯ މިހާރު ވަނީ އޭނާ ބެންފީކާ ދޫކޮށްލަން ނިންމާފައިވާ ކަން އެ ކްލަބަށް ވެސް އަންގާފާ އެވެ. އެ ކްލަބުން ވެސް މިހާރު ދަނީ މޮރީނިއޯގެ ބަދަލުގައި އެހެން ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފުލަމްގެ ކޯޗު މާކޯ ސިލްވާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ރުބެން އަމޮރިމްގެ ތެރެއިން ކޮންމެ ވެސް އެއް ކޯޗަކު ހަމަޖެއްސޭތޯ ބެންފީކާއިން ދަނީ މަސައްކަތް ކުރަމުންނެވެ.  އެންމެ ފުރުސަތު ބޮޑީ މާކޯ ސިލްވާ ކަމަށް ބެލެވެ އެވެ.

ސެޕްޓެމްބަރު މަހު ބެންފީކާގެ ކޯޗުކަމާ ހަވާލުވި މޮރީނިއޯގެ ކޯޗުކަމުގެ ދަށުން ލީގުގައި އެ ޓީމު ބަލިވެފައެއް ނެތެވެ. ނަމަވެސް އެ ޓީމަށް ހޯދުނީ ލީގުގެ ތިންވަނަ އެވެ. 

މި ސީޒަނުގައި ވެސް ތައްޓެއް ނުލިބި ރެއާލް ހުސްއަތާ ނިންމާލަން ޖެހުނީ އެވެ. އެ ޓީމުން ސީޒަން ފެށީ ޝަނީ އަލޮންސޯގެ ކޯޗުކަމުގެދަށުންނެވެ. އެކަމަކު ޖެނުއަރީ މަހު ސުޕަ ކަޕް ފައިނަލުގައި ބާސާ އަތުން ބަލިވުމުން އޭނާ މަގާމުން ވަކި ކުރި އެވެ. އަންނަ ސީޒަނުގައި ޗެލްސީއާ ހަވާލުވާން އަލޮންސޯ ވަނީ މިހާރު އެއްބަސްވެފަ އެވެ،

ވަގުތީ ކޯޗު އަލްވާރޯ އާބެލޯއާ އެކު ވެސް ރެއާލްގެ ސީޒަން ސަލާމަތެއް ނުކުރެވުނެވެ. 

ރެއާލް މެޑްރިޑްގެ އާ ކޯޗު ހޮވުމުގެ ކަންކަން ސީދާ ބަލަހައްޓަނީ ރައީސް ޕެރޭޒް އެވެ.

މި ފަހަކަށް އައިސް ރެއާ؛ަށް ވަނީ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފާ އެވެ. އޭގެ ތެރޭގައި ބާސެލޯނާ އަތުން ބަލިވެ ލަލީގާގެ ތަށި ގެއްލުމާއި، ޓްރެއިނިންގްގައި ފެޑެރީކޯ ވަލްވާޑޭ އާއި އައުރެލިއަން ޗުއަމެނީ މާރާމާރީ ހިންގުން ހިމެނެ އެވެ. މި ކަންކަމާ ގުޅިގެން ކުރިމަތިވި ޕްރެޝަރުގައި ޕެރޭޒް ވަނީ ކްލަބުގެ އާ އިންތިހާބަށް ވެސް އިއުލާން ކުރައްވާފާ އެވެ. 

ބޮޑު މުބާރާތެއްގެ ތަށި ރެއާލަށް ނުލިބި ވިދިވިދިގެން ދެ ސީޒަން ރެއާލަށް އެންމެ ފަހުން ކުރިމަތިވީ މީގެ 16 އަހަރު ކުރިންން 2009-2020 ގަ އެވެ. 

އެ ފަހަރު ވެސް ކްލަބާ ހަވާލުވީ މޮރީނިއޯ އެވެ. އިންޓަ މިލާނަށް 2010 ގެ ސީޒަނުގެ ތިން ތަށި ކާމިޔާބުކޮށް ދިނުަމަށް ފަހު މޮރީނިއޯ ހަވާލުވީ ރެއާލް މެޑްރިޑާ އެވެ.

އޭނާ ވަނީ 2010 އާއި 2013 އާ ދެމެދު ރެއާލްއަށް ތިން ތަށި ހޯދައިދީފާ އެވެ. އޭގެ ތެރޭގައި ރެކޯޑް، 100 ޕޮއިންޓަކާ އެކު ހޯދި ލަލީގާ ތަށި ހިމެނެ އެވެ.

މޮރީނިއޯގެ އިތުރުން އެމެރިކާގެ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި އޭސީ މިލާންގެ ކޯޗު މަސިމިލިއާނޯ އަލެގްރީގެ އިތުރުން ރެޑްބުލްގެ ކުންފުނީގެ ސްޕޯޓްސް ޕްރޮޖެކްޓްގައި މަސައްކަތް ކުރަމުން އަންނަ ޔާގަން ކްލޮޕް ފަދަ ކޯޗުންގެ ނަން ވެސް ރެއާލްއިން ދަނީ ދިރާސާކޮށްފަ އެވެ.