ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގައި އިންގްލެންޑްގެ ގައުމީ ޓީމުން ކުޅޭ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗު، ގާތްގަނޑަކަށް ހުސް ސްޓޭޑިއަމެއްގައި ކުޅެން ޖެހިއްޖެ އެވެ.
ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި އަންނަ ހަފުތާގައި އިންގްލެންޑުން، ނިއު ޒިލެންޑާ ދެކޮޅަށް ކުޅޭނީ އެމެރިކާގެ ރޭމަންޑް ޖޭމްސް ސްޓޭޑިއަމްގަ އެވެ.
އެމެރިކާގެ ޓާމްޕާގައި ހުންނަ އެ ސްޓޭޑިއަމަކީ 69،000 ގޮނޑީގެ ޖާގަ ހިމެނޭ ދަނޑެކެވެ.
އަންނަ މަހު ހަތްވަނަ ދުވަހު ކުޅޭ އެ މެޗަށް ޓިކެޓް ވިއްކީ 54 ޕައުންޑަށެވެ. އެއީ އެމެރިކާގައި ކުޅިވަރުތަކަށް ވިއްކާ ޓިކެޓްގެ އަގުތަކަށް ވުރެ ބޮޑުތަނުން ހެޔޮ އަގަކެވެ.
އެކަމަކު އެ އަގުގައި ވެސް ވިއްކާލެވުނީ ގާތްގަނޑަކަށް 19،000 ޓިކެޓެވެ. މާނައަކީ ސްޓޭޑިއަމްގެ ބޮޑުބައެއް އޮންނާނީ ފަޅަށެވެ. ޖުމުލަ 50،000 ގޮނޑި ހުރީ ހުސްކޮށެވެ.
ނިއު ޒިލެންޑާ ދެކޮޅަށް ކުޅޭ އެ މެޗަށް، އިނގިރޭސި އެފްއޭގެ ހަރަދުގައި 1،500 ސަޕޯޓަރުން، އިންގްލެންޑުން ދަތުރު ކުރާނެ އެވެ.
އަންނަ މަހު 10 ވަނަ ދުވަހު، ކޮސްޓަރިކާއާ ދެކޮޅަށް އިންގްލެންޑުން އެމެރިކާގައި މެޗެއް ކުޅޭނެ އެވެ. ޖުމުލަ 25،000 ގޮނޑި ހިމެނޭ އޯލެންޑޯ ސްޓޭޑިއަމްގައި ކުޅޭ އެ މެޗަށް 12،000 ޓިކެޓް ވަނީ ވިކި ހުސްވެފަ އެވެ.
އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާ ގުޅިގެން ބާއްވާ ވޯލްޑް ކަޕްގައި ސަޕޯޓަރުން އެންމެ މަދުން ވަންނާނީ، އެމެރިކާގައި ކުޅޭ މެޗުތަކަށް ކަމަށް ބެލެވެ އެވެ. ޓިކެޓްގެ ބޮޑު އަގާ ހެދި ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ ފީފާ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
މިދިޔަ އަހަރު އެމެރިކާގައި ކުޅުނު ކްލަބް ވޯލްޑް ކަޕްގައި ވެސް ދަނޑު ފުރައެއް ނުލެވުނެވެ.
ވޯލްޑް ކަޕް ގްރޫޕް ސްޓޭޖްގައި އިންގްލެންޑްގެ ފުރަތަމަ މެޗުގައި އަންނަ މަހު 17 ވަނަ ދުވަހު ޑަލަސްގައި ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި 23 ވަނަ ދުވަހު ނުކުންނާނީ ގާނާއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ ބޮސްޓަންގަ އެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ނިއު ޖާޒީގައި އިނގިރޭސިން ނުކުންނާނީ ޕެނަމާއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންނަ މަހު 27 ގަ އެވެ.