ފަހު ވަގުތު ރާއްޖޭގެ މައްޗަށް 1-0 ން ކާމިޔާބު ހޯދައި، ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް، ވަރުގަދަކޮށް އަފްޣާނިސްތާނުން ފަށައިފި އެވެ.


ރާއްޖޭގެ ކެޕްޓަން ސަމޫހް އަލީ އަށް އަނިޔާވެފައިވުމުން، މި މުބާރާތުގައި ރާއްޖޭގެ ޓީމު ލީޑް ކުރުމުގެ ޒިންމާ، ކޯޗު އިސްތަވާން އުރްބާނީ މަތިކުރީ ހަމްޒާ މުހައްމަދު (ހަމްޕް) އާ އެވެ.

ޓީމުގެ ވައިސް ކެޕްޓަނުންގެ ލިސްޓްގައި ހިމެނޭ ހަމްޒާ، މުބާރާތެއްގައި ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅޭ އިންޓަނޭޝަނަލް ފުރަތަމަ މުބާރާތެވެ. މީގެ ކުރިން ބައެއް ވަކިވަކި މެޗުތަކުގައި ހަމްޒާ ވަނީ ކެޕްޓަންކަން ކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ހުރަސްތަކުންނާއި ހިލޭޖެހުންތަކުން، އަފްޣާނިސްތާނުން ބާރުބޮޑު ކުރި އެވެ.

އެކަމަކު އެ ހާފުގައި ވެސް ދޭތެރެދޭތެރެއިން ރާއްޖޭން އަފްޣާނިސްތާނުގެ ގޯލަށް ނުރައްކާ ކުރި އެވެ. އޭގެ ތެރެއިން އެއް ފުރުސަތުގައި އިބްރާހިމް ވަހީދު ހަސަން ދިން ބޯޅައެއް، އޭރިއާގެ ބޭރުގައި ހުރެފައި އިބްރާހިމް އައިސަމް ފޮނުވާލި ބޯޅަ، އަފްޣާންގެ ކީޕަރު ފައިސަލް ހާމިދީ ސަލާމަތް ކުރި އެވެ.

އޭގެ ފަހުން ވެސް ކައުންޓަ އެޓޭކްގައި ރާއްޖޭން ނުރައްކާތެރި ހަމަލާއެއް އޭރިއާ ބޭރުން ފޮނުވާލި އެވެ. އެކަމަކު އެފަހަރު އެ ބޯޅަ ދިޔައީ ގޯލް ދަނޑިކައިރިން ބޭރަށެވެ.

ދެވަނަ ހާފަށް ރާއްޖޭން ނުކުތީ ތަޖުރިބާކާރު އަލީ ފާސިރު (ސެންޓޭ) އާ އެކު އެވެ. އޭނާ ކުޅެން އެރީ އަހްޒަމް ރަޝީދު (އަހުއްކޮ) ގެ ބަދަލުގަ އެވެ.

މީގެ ކުރިން ކުޅުނު އެހެން މެޗުތަކުގައި ވެސް ސެންޓޭ ކުޅެން ނުކުތުމާ އެކު ދިވެހި ޓީމަށް އިތުރު ހިތްވަރެއް ލިބެ އެވެ. މި މެޗުގައި ވެސް އޭނާ ކުޅެން ނުކުތުމާ އެކު ދިވެހި ޓީމުން ހަމަލާތައް ވަރުގަދަ ކުރި އެވެ.

މެޗުގެ 60 ވަނަ މިނެޓްގައި އަފްޣާނިސްތާނުން ވަރުގަދަ ހަމަލާއެއް ފޮނުވާލި އެވެ. އެ ޓީމުގެ އަމީން ނަބީޒާދާ ރާއްޖޭގެ އޭރިއާގެ ބޭރުން ދިވެހި ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބާރު ހަމަލާ ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް ދިފާއު ކުރި އެވެ.

ރާއްޖޭގެ ޓީމުން ބަދަލުތައް ގެނައީ ހަމަލާތައް ވަރުގަދަ ކުރުމުގެ ވިސްނުމުގަ އެވެ. ޒުވާން އިލާންގެ ބަދަލުގައި ކުޅެން އެރުވި 19 އަހަރުގެ ނައްސާހް އިބްރާހިމް ނާސީރު ވަނީ ކުޅެން ނުކުތް ފުރަތަމަ މިނެޓްގައި ވެސް އަފްޣާނިސްތާނުގެ ފަހަތަށް ޕްރެޝަރު ބޯޅައެއް އުފައްދާފަ އެވެ.

އޭރިއާގެ އަރިމަތިން އަރައި ނައްސާހް ފޮނުވާލި ބޯޅަ އަފްޣާންގެ ކީޕަރު ފައިސަލް ހާމިދީ އަށް ވެސް އެ ބޯޅަ ދިފާއު ކުރަން އުނދަގޫވި އެވެ. އޭނާ ދިފާއުކުރަން އުޅުނު ބޯޅަ ބޭރުވީ ކޯނަރަކަށެވެ.

ރާއްޖޭގެ އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) ފޮނުވާލި ބާރު ހަމަލާއެއް ކީޕަރު ފައިސަލް ހާމިދީ އަތުގައި ޖެހިފައި ދިޔައީ ކޯނަރަކަށް ބޭރަށެވެ.

މެޗުގެ 71 ވަނަ މިނެޓްގައި ވަރަށް ހަނި ޖާގައަކުން އޭރިއާގެ އަރިމަތިން އަރައި ނައްސާހް އަފްޣާނިސްތާނުގެ ފަހަތަށް ޕްރެޝަރު ކުރި ބޯޅައެއް ތަނަވަސް ކުރި އެވެ. އެ ބޯޅަ ވެސް އަފްޣާންގެ ކުޅުންތެރިން ސަލާމަތް ކުރީ ކޯނަރަކަށް ބޭރުކޮށްލައިގެންނެވެ.

އެ ކޯނަރުގައި އައިސަމް ސީދާ ނެގީ ގޯލާ ދިމާލަށެވެ. އެކަމަކު ކީޕަރު ފައިސަލް ހާމިދީ އެ ބޯޅަ ދިފާއު ކުރި އެވެ.

ރާއްޖޭން ރަނގަޅަށް ކުޅެކުޅެ ތިއްބައި އަފްޣާނިސްތާނުން ލަނޑު ޖެހި އެވެ. މެޗުގެ 80 ވަނަ މިނެޓްގައި އެ ޓީމުން އުފެއްދި ފުރުސަތުގައި ލަނޑު ޖެހީ ރޯމަން ފާޒީ އެވެ. އަފްޣާނިސްތާނުން އޭރިއާ ތެރެއަށް ނެގި ބޯޅައިން އޭނާ އަށް ބޯޅަ ފަހިވީ ރާއްޖޭގެ އޭރިއާގެ ތެރޭގައި ހުރި އަފްޣާންގެ އެހެން ކުޅުންތެރިޔަކު ބޮލުން ދިން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ތަޖުރިބާކާރު އަލީ އަޝްފާގް (ދަގަނޑޭ) ކުޅެން ނުކުތެވެ. އެއީ ގައުމީ ޖޯޒީގައި އޭނާ ކުޅުނު 100 ވަނަ މެޗެވެ.

މީގެކުރިން، ރާއްޖޭގެ ދަނޑުގައި އަފްޣާނިސްތާނުން އެންމެ ފަހުން ކުޅުނީ މީގެ 12 އަހަރު ކުރިން، ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގަ އެވެ. އެ މުބާރާތުގެ ތިންވަނަ ހޮވަން ކުޅުނު މެޗުގައި ރާއްޖޭން، އަފްޣާން ބަލި ކުރީ ޕެނަލްޓީ ޖަހައިގެންނެވެ.