އެޓްލާންޓާ (ޖޫން 18) - ފަހު ވަގުތު ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށް ޗެކިއާއާ 1-1 އިން އެއްވަރު ކޮށްގެން ދެކުނު އެފްރިކާ މުބާރާތުގައި ދެމި އޮތުމުގެ އުންމީދު ދަމަހައްޓައިފި އެވެ.

މިއީ ދެކުނު އެފްރިކާ އާއި ޗެކިއާ އަށް ވެސް މި އަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ލިބުނު ފުރަތަމަ ޕޮއިންޓެވެ. ގުރޫޕް އޭގައި ދެން ހިމެނޭ މެކްސިކޯ އާއި ދެކުނު ކޮރެއާ ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްގެން ތިން ޕޮއިންޓް ހޯދައިފަ އެވެ.

ފުރަތަމަ މެޗުގައި މެކްސިކޯ އަތުން ބަލިވި ދެކުނު އެފްރިކާ ކޮޅަށް މިރޭގެ މެޗުގެ ވަރަށް ކުރީކޮޅު ވަނީ ލަނޑެއް ވަދެފަ އެވެ. މެޗުގެ ހަވަނަ މިނިޓުގައި ޗެކިއާ އަށް ލީޑު ނަގައިދިނީ މީކާލް ސަޑީލެކް އެވެ.

ޗެކިއާ އާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ގެޓީ އިމޭޖަސް
ޗެކިއާ އާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ގެޓީ އިމޭޖަސް

ކުރީކޮޅު ގޯލެއް ވަތް ނަމަވެސް ދެކުނު އެފްރިކާ ވަނީ އިތުރު ހިތްވަރެއް ލައިގެން މޮޅަށް ކުޅެ، ގޯލު ޖަހާނޭ ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. ލިބުނު ފުރުސަތުތައް ރަނގަޅަށް ބޭނުން ނުކުރެވުނު އިރު 83 ވަނަ މިނިޓުގައި ޕެނަލްޓީއެއް ލިބުނީ، ތަޕޭލޯ މަސޭކޯ ފޮނުވާލި ބޯޅައެއް އޭރިއާ ތެރެއިން ޗެކިއާގެ ޕަވެލް ޝޫޓްސް އަތުގައި ޖެހިގެންނެވެ. ދެކުނު އެފްރިކާއަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށް ނަތީޖާ އެއްވަރު ކޮށްދިނީ ޓެބޮހޯ މޮކޮއޭނާ އެވެ.

ޗެކިއާ އިން ހޯދި މަދު ފުރުސަތުތަކުގައި ފޮނުވާލި ނުރައްކާތެރި ހަމަލާތައް އެފްރިކާގެ ކީޕަރު ރޮންވެން ވިލިއަމްސް ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ.

ޗެކިއާ އެންމެ ފަހުން ވޯލްޑް ކަޕް ކުޅެފައި ވަނީ 2006ގަ އެވެ. ދެކުނު އެފްރިކާ އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅެފައި ވަނީ އެ ގައުމުގައި 2010 ވަނަ އަހަރު ބޭއްވި ތާރީހީ މުބާރާތުގަ އެވެ. އެ އަހަރު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ވަރުގަދަ ފްރާންސް ބަލި ކޮށް، ދެވަނައިގައި ނިންމި މެކްސިކޯއާ ޕޮއިންޓްގެ ގޮތުން އެއްވަރު ކުރި ނަމަވެސް ފައިދާ ގޯލުގެ ތަފާތުން ކުރި ނުލިބުމުން ދެވަނަ ބުރަށް ދެވޭ ގޮތެއް ނުވި އެވެ.

މި އަހަރުގެ 12 ގުރޫޕުން ވެސް ތިންވަނައަށް ދާ ޓީމުތަކުގެ ތެރޭން އެންމެ ނަތީޖާ ރަނގަޅު އަށް ޓީމު، ނޮކައުޓް ބުރަށް ދަތުރު ކުރާނެ އެވެ.

ދެކުނު އެފްރިކާ ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ނުކުންނާނީ ދެކުނު ކޮރެއާއާ ދެކޮޅަށެވެ.