ގްވާދަލޫޕޭ (ޖޫން 25) - ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދެކުނު ކޮރެއާގެ މައްޗަށް 1-0 އިން ކުރި ހޯދައި، ގުރޫޕް އޭގެ ދެވަނަ ހޯދައިގެން ދެކުނު އެފްރިކާ ފީފާ ވޯލްޑް ކަޕް މުބާރާތުގެ ނޮކައުޓް ބުރަށް ދަތުރު ކޮށްފި އެވެ.

މެޗުގައި ދެކުނު އެފްރިކާގެ ހަމައެކަނި ލަނޑު 63 ވަނަ މިނިޓުގައި ޖަހައިދިނީ ތަޕޭލޯ މަސޭކޯ އެވެ.

އެންމެ ފަހުން ދެކުނު އެފްރިކާ ވޯލްޑް ކަޕްގައި ވާދަ ކޮށްފައި ވަނީ އެ ގައުމުގައި 2010 ވަނަ އަހަރު ބޭއްވި ތާރީހީ މުބާރާތުގަ އެވެ. އެ އަހަރު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ވަރުގަދަ ފްރާންސް ބަލިކޮށް، ދެވަނައިގައި އޮތް މެކްސިކޯއާ ޕޮއިންޓްގެ ގޮތުން އެއްވަރު ކުރި ނަމަވެސް ފައިދާ ގޯލު މަދު ވެގެން އެ ފަހަރު ކުރިއަށް ދެވޭ ގޮތެއް ނުވި އެވެ.

ދެކުނު އެފްރިކާގެ ގޯލު ޖެހުމަށް ފަހު މަސޭކޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ދެކުނު އެފްރިކާގެ ގޯލު ޖެހުމަށް ފަހު މަސޭކޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ނަމަވެސް މި އަހަރު މި ވަނީ އޭޝިއާގެ ވަރުދަދަ ދެކުނު ކޮރެއާ ފަހަތަށް ޖައްސާލައި ނޮކައުޓް ބުރުން ޖާގަ ޔަގީން ކޮށްފަ އެވެ.

ނޮކައުޓް ބުރުގައި 32 ޓީމު ވާދަ ކުރާ އިރު، ގުރޫޕް ތަކުގެ އެއްވަނަ އަދި ދެވަނަ ޓީމުގެ އިތުރުން، ގުރޫޕް ތަކުގެ ތިންވަނަ އަށް ދާ ޓީމު ތަކުގެ ތެރޭން ގަދަ އަށް ޓީމު ނޮކައުޓް ބުރަށް ހޮވޭނެ އެވެ. އަމިއްލަ ބާރު ނެތް ނަމަވެސް ދެކުނު ކޮރެއާއަށް މި ވަނީ ނޮކައުޓް ބުރުގެ ޖާގައަކަށް އިންތިޒާރު ކުރަން ޖެހިފަ އެވެ.

މެޗަށް ފަހު ދެކުނު ކޮރެއާގެ ކެޕްޓަނާއި ކުޅުންތެރިން މާޔޫސް ވެފަ.-- ފޮޓޯ: އޭއެފްޕީ
މެޗަށް ފަހު ދެކުނު ކޮރެއާގެ ކެޕްޓަނާއި ކުޅުންތެރިން މާޔޫސް ވެފަ.-- ފޮޓޯ: އޭއެފްޕީ

މި ގުރޫޕްގެ އެއްވަނަ ހޯދީ ހުރިހާ މެޗެއް ކާމިޔާބު ކުރި މުބާރާތުގެ ކޯ ހޯސްޓް މެކްސިކޯ އެވެ.

ހެނދުނު ޗެކިއާއާ ވާދަކޮށް 3-0 އިން މޮޅުވި މެކްސިކޯ ވަނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.

މިއަދުގެ މެޗުގެ ދެވަނަ ހާފުގައި މެކްސިކޯގެ ލަނޑުތައް ޖަހައިދިނީ މަޓެއޯ ޗާވޭސް އާއި ހޫލިއަން ކުއިނޯނެސް އަދި އަލްވަރޯ ފިޑަލްގޯ އެވެ.

މެޗަށް ފަހު މެކްސިކޯގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
މެޗަށް ފަހު މެކްސިކޯގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މި މެޗުގައި މެކްސިކޯގެ ގޯލްކީޕަރު ގުއިލާމޯ އޮޗޮއާ ވަނީ ފަހު ވަގުތު ކުޅެން އަރައިފަ އެވެ. މިއީ އޭނާ މި އަހަރުގެ ވޯލްޑް ކަޕްގައި ފުރަތަމަ ފެނިލުމެވެ. އުމުރުން 40 އަހަރުގެ އޮޗޮއާ އަކީ ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮކާލްޑޯ އާއެކު ތާރީހުގައި ވެސް ޖުމްލަ ހަ ވޯލްޑް ކަޕް ސްކޮޑުގައި ހިމެނިފައިވާ ތިން ކުޅުންތެރިންގެ ތެރެއިން އެކަކެވެ.

މެކްސިކޯ ނުވަ ޕޮއިންޓާ އެކު ގުރޫޕްގެ އެއްވަނަ ހޯދި އިރު، ދެކުނު އެފްރިކާ ދެވަނަ ހޯދީ ހަތަރު ޕޮއިންޓާ އެކު އެވެ. ތިންވަނައިގައި ނިންމި ދެކުނު ކޮރެއާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ޗެކިއާ ނިންމާލީ އެއް ޕޮއިންޓާ އެކު އެވެ.

މި ނަތީޖާއާ އެކު ނޮކައުޓް ބުރުގައި ދެކުނު އެފްރިކާ ވާދަ ކުރަން ޖެހޭނީ ގުރޫޕް ބީގެ ދެވަނަ ހޯދި، މުބާރާތުގެ ކޯ ހޯސްޓް ކެނެޑާއާ ދެކޮޅަށެވެ. މިއީ ދެކުނު އެފްރިކާ އާއި ކެނެޑާ ވެސް މުބާރާތުގެ  ގުރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރެވެ.