ކެލިފޯނިއާ (ޖޫން 19) - ފަހު ވަގުތު ގެނައި ބަދަލުތަކާ އެކު ސްވިޒަލެންޑް 4-1 އިން ބޮސްނިއާ އެންޑް ހާޒިގޮވީނާ ބަލިކޮށް ގުރޫޕްގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
ސްވިޒަލެންޑް މެޗުގެ ކޮންޓްރޯލް ނަގައިގެން ގިނަ ވަގުތު ކުޅުނު ނަމަވެސް މާ ބޮޑު ނުރައްކާތެރި އެޓޭކެއް އެ ޓީމަށް ނުކުރެވުނެވެ. އެކަން ބަދަލުވީ 71 ވަނަ މިނިޓުގައި ކޯޗު މޫރަތު ޔަކިން އެއްފަހަރާ ގެނައި ތިން ބަދަލާ އެކު އެވެ.
ބަދަލުތައް ގެނައިތާ ތިން މިނިޓު ފަހުން، 74 ވަނަ މިނިޓުގައި ސްވިޒަލެންޑްގެ ފުރަތަމަ ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި، 20 އަހަރުގެ ޔޯހާން މަންޒަމްބީ އެވެ.
އޭގެ ހަ މިނިޓު ފަހުން ބްރީލް އެމްބޫމޫ ހުސްކޮށް ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަންނަން ދަނިކޮށް ބޮސްނިއާގެ ތާރިކް މުހާރެމޮވިޗް ކުރި ފައުލަށް އޭނާއަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. މިއާ އެކު އެ ޓީމު މެޗު ފުރިހަމަ ކުރަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
ކުޅުންތެރިއަކު މަދު ވުމުން އޭގެ ފައިދާ ވެސް ސްވިޒަލެންޑް ވަނީ އެންމެ ފުރިހަމައަށް ނަގައިފަ އެވެ. އެގޮތުން 84 ވަނަ މިނިޓުގައި އެމްބޫމޫގެ ޕާހަކުން ރުބެން ވާގަސް ވަނީ ލީޑު ފުޅާ ކޮށްދީފަ އެވެ. ވާގަސް އަކީ ވެސް މަންޒަމްބީ އާއެކު ކުޅެން އެރި ކުޅުންތެރިއެކެވެ.
ސްވިޒަލެންޑްގެ ތިންވަނަ ގޯލު 90 ވަނަ މިނިޓުގައި ވާގަސް ދިން ޕާހަކުން ޖަހައިދިނީ މަންޒަމްބީ އެވެ.
އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ބޮސްނިއާގެ ހަމައެކަނި ގޯލު އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބު ކޮށްދިނީ އެރްމިން މަކްމީޗް އެވެ.
އޭގެ ހަތަރު މިނިޓު ފަހުން، ލިބުނު ޕެނަލްޓީއަކުން ސްވިޒަލެންޑްގެ ހަތަރު ވަނަ ގޯލު ޖަހައިދިނީ ކެޕްޓަން ގްރޭނިޓް ޒާކާ އެވެ. މިއީ އެ ޓީމުގެ ޖިބްރީލް ސޯ އަށް ބޮސްނިއާގެ އަމަރް މެމީޗް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
މިއާ އެކު ސްވިޒަލެންޑަށް ގުރޫޕް ބީ ގައި މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައި ވާއިރު، ބޮސްނިއާ އެންޑް ހާޒިގޮވީނާ އަށް ދެ މެޗުން ލިބިފައި ވަނީ އެއް ޕޮއިންޓެވެ. މި ގުރޫޕްގައި ދެން ހިމެނޭ ކެނެޑާ އާއި ގަތަރު ވެސް ވަނީ މިހާތަނަށް ކުޅުނު ހަމައެކަނި މެޗުން ޕޮއިންޓެއް ހޯދައިފަ އެވެ.
ސްވިޒަލެންޑް ވަނީ އެންމެ ފަހުން ބޭއްވި ފަސް ވޯލްޑް ކަޕްގައި ވެސް ކުޅެފަ އެވެ. އޭގެ ތެރެއިން ހަތަރު ފަހަރު ވަނީ ގުރޫޕް ސްޓޭޖް ފަހަނައަޅައި ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ. މި އަހަރުގެ ނޮކްއައުޓް ބުރު ފަށާނީ ގަދަ 32 ޓީމާ އެކު އެވެ.