ފިލަޑެލްފިއާ (ޖޫން 23) - ފީފާ ވޯލްޑް ކަޕްގެ ގޯލު ޖެހުމުގެ ރެކޯޑާ މެދު ނުވިސްނާ ކަމަށާއި ބޭނުމީ ޓީމު މޮޅުށްދޭން ކަމަށް ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ބުނެފި އެވެ.
އެމްބާޕޭގެ ދެ ގޯލާ އެކު ފްރާންސް ވަނީ ރޭ ކުޅުނު ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި 3-0 އިން އިރާގް ބަލިކޮށް ހަ ޕޮއިންޓް ހޯދައިގެން، މުބާރާތުގެ ނޮކައުޓް ބުރުން ޖާގަ ޔަގީން ކޮށްފަ އެވެ.
ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސެނެގާލާ ދެކޮޅަށް އުމުރުން 27 އަހަރުގެ އެމްބާޕޭ ވަނީ ދެ ގޯލު ޖަހައި ފްރާންސްގެ އޯލް ޓައިމް ޓޮޕް ސްކޯރާގެ ރެކޯޑް ވެސް މުގުރާލައިފަ އެވެ.
ރޭގެ މެޗުގައި ޖެހި ދެ ގޯލާ އެކު އެމްބާޕޭ މި ވަނީ ޖުމްލަ 16 ގޯލު ޖަހައިގެން، މުބާރާތް ފެށުމުގެ ކުރިން 16 ގޯލާ އެކު ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތޯ ޖަރުމަންގެ މިރޮސްލާވް ކްލޯސޭއާ އެއްވަރު ކޮށްފަ އެވެ. އެމްބާޕޭ 16 ގޯލު ޖަހާފައި މި ވަނީ ވޯލްޑް ކަޕްގައި 16 މެޗު ކުޅެގެންނެވެ.
ނަމަވެސް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ވަނީ މި އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ދެ މެޗުން ފަސް ގޯލު ޖަހައި 18 ގޯލާ އެކު ރޭ، މި ރެކޯޑް މުގުރާލައިފަ އެވެ.
"ލިއޯ [މެސީ] އަބަދު ވެސް ގޯލު ޖަހާނެ. އަހަރެން ނުބަލަން އޭނާ ކުރާ ކަންކަމަކަށް، އަހަރެންގެ ވިސްނުން ހުރީ ޓީމަށް އެހީ ވާން،" ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 100 މެޗުން 60 ގޯލު ޖަހާފައިވާ އެމްބާޕޭ ބުންޏެވެ.
"އެކަމާ [ވޯލްޑް ކަޕްގެ އޯލްޓައިމް ރެކޯޑާ މެދު] މިހާރު ވިސްނޭކަށް ނެތް. އަހަރެން ގަބޫލުކުރާ ގޮތުގައި ޓީމު އެއް ކަމަކަށް ފޯކަސް ކޮށްގެން ކުރިއަށް ދިޔުން ބުއްދިވެރި. އަހަރެން މި އަންނަނީ ވޯލްޑް ކަޕްގައި އަބަދުވެސް ގޯލު ޖަހަމުން، އެކަމަކު އެންމެ ރަނގަޅު ގޮތަކީ ޓީމެއްގެ ގޮތުގައި މޮޅަށް ކުޅުން. ވޯލްޑް ކަޕްގައި މި ޖެހެނީ އެންމެ ބެސްޓު ޓީމުތައް ބަލިކުރަން އެހެންވެ ފަސޭހަ ކޮށްލެވޭކަށް ނެތް."
ރޭ ކުޅުނު މެޗުގައި އެމްބާޕޭ ވަނީ 14 ވަނަ މިނިޓުގައި ފްރާންސް އަށް ލީޑު ނަގައިދީފަ އެވެ. ހައިޑްރޭޝަން ބްރޭކުގެ މިނިޓެއް ކުރިން އަނިޔާ ވެގެން ކެޕްޓަން އައިމަން ހުސެއިން ބަދަލު ކުރަން ޖެހުނު ނަމަވެސް ބްރޭކަށް ފަހު އިރާން ފެނުނީ ވަރުގަދަކޮށެވެ.
ވިއްސާރަވެ، ވިދާ ގުރުރަން ފެށުމުން ހާފް ޓައިމްގެ 15 މިނިޓުގެ ބަދަލުގައި، އެމެރިކާގެ ގަވާއިދާ އެއްގޮތަށް މެޗު ވަނީ 30 މިނިޓަށް މެދުކަނޑާލައިފަ އެވެ. ނަމަވެސް މޫސުން ތަން ނުދޭތީ އަލުން މެޗު ފަށާފައި ވަނީ މެދުކަނޑާލިތާ ދެ ގަޑިއިރެއްހާއިރު ފަހުންނެވެ.
މެޗު ފެށުމުގެ ކުރިން އެ ސަރަހައްދަށް ބޯކޮށް ވިއްސާރަވެ މޫސުން ގޯސް ވުމުގެ ސަބަބުން ވަނީ ސަޕޯޓަރުން ދަނޑަށް ނުދާން އަންގައިފަ އެވެ. ނަމަވެސް ފަހުން މޫސުން ރަނގަޅުވަމުން އަންނާތީ ސަޕޯޓަރުން ދަނޑަށް ދާން ހުއްދަ ދިނީ މެޗު ފެށެން ތިން ގަޑިއެއްހާއިރަށް ވެފައި ވަނިކޮށެވެ.
ދެވަނަ ހާފު ފަށައިގެން މެޗުގެ 54 ވަނަ މިނިޓުގައި އެމްބާޕޭ ވަނީ އިތުރު ގޯލެއް ޖަހައި ފްރާންސް އަށް ލީޑު ފުޅާ ކޮށްދީފަ އެވެ.
ފްރާންސްގެ ފަހު ލަނޑު 66 ވަނަ މިނިޓުގައި އުސްމާން ޑެމްބެލޭ ކާމިޔާބު ކުރީ މައިކަލް އޮލީސޭގެ ޕާހަކުންނެވެ.