ތޭވީސް އަހަރެވެ. ޖުމުލަ 232 މެޗެވެ. އިންޓަނޭޝަނަލް ފުޓްބޯޅައިގައި 146 ގޯލެވެ. ހަ ވޯލްޑް ކަޕަވެ. މިއީ އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ކުރު ރެކޯޑެވެ.
މިފަހަރުގެ ވޯލްޑް ކަޕަކީ ޕޯޗުގަލްގެ ޖޯޒީގައި އޭނާ ކުޅޭނެ ފަހު މުބާރަތެވެ.
ފަހަރެއްގައި މިރެއަކީ، އޭނާގެ އިންޓަނޭޝަނަލް ކެރިއާ ނިމިގެންދާ ރެޔަށް ވެދާނެ އެވެ. ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި ރޮނާލްޑޯގެ ޕޯޗުގަލުން ސްޕެއިންއާ ދެކޮޅަށް ނުކުންނާނެ އެވެ.
ނުވަތަ މިރެޔަކީ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ހުވަފެން ދެކެމުންދާ ރޮނާލްޑޯ، އެ ތައްޓާ ކައިރިއަށް ދިއުމަށް އިތުރު ފިޔަވަޅެއް ކުރިއަށް އަޅާ މެޗަށް ވެސް ވެދާނެ އެވެ.
"މިއީ އަހަރެންގެ އެންމެ ފަހު ވޯލްޑް ކަޕް. ކަލާނގެ މެދުވެރިކުރައްވައިފިއްޔާ މާދަމާ [މިރޭ] އަކީ (މުބާރާތުގައި) އަހަރެންގެ ފަހު މެޗު ކަމުގައި ނުވާނެ،" މެޗަށް ހާއްސަކޮށް ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ތިން ބަހު ފަރިތަކަމާ އެކު ވާހަކަ ދެއްކި ރޮނާލްޑޯ ބުންޏެވެ.
ކާމޔާބު ކެރިއަރުގައި އޭނާ އަށް މަދުވަނީ ހަމައެކަނި ވޯލްޑް ކަޕްގެ ތައްޓެވެ. އެ މުބާރާތުގެ ތަށި ނޫން ހުރިހާ ކާމިޔާބެއް ރޮނާލްޑޯ ހޯދައިފި އެވެ.
އެކަމަކު ރޮނާލްޑޯ ބުނީ އޭނާ އަށް އެއްވެސް އެއްޗެއް އުނި ނުވާ ކަމަށެވެ.
"އެއަށްވުރެ ބޮޑަށް ކަލާނގެ އޯގާވަންތަކަށް އަހަންނާ މެދު ބޮޑު،" ރޮނާލްޑޯ ބުންޏެވެ.
"ވޯލްޑް ކަޕް ކާމިޔާބު ކުރިޔަސް ނުވަތަ ނުކުރިޔަސް އަހަރެން މާ ބޮޑު ކްރިސްޓިއާނޯއަކަށް ނުވަތަ ކުޑަ ކްރިސްޓިއާނޯއަކަށް ނުވާނެ."
ޕޯޗުގަލްގެ ޓީމަށް ރޮނާލްޑޯ އެންމެ ފުރަތަމަ މެޗެއް ކުޅުނީ އޯގަސްޓް 2003 ގަ އެވެ. އެ ގައުމުގެ މުނިސިޕަލް ރަށެއް ކަމަށްވާ، ޗާވޭސްގައި ކަޒަކިސްތާނާ ދެކޮޅަށް ކުޅުނު އެ މެޗަށް ހާޒިރުވީ 8،000 ސަޕޯޓަރުންނެވެ. އެ ގައުމުގެ ލެޖެންޑް ލުއިސް ފީގޯގެ ބަދަލުގައި އޭރު އުމުރުން 18 އަހަރުގެ ރޮނާލްޑޯ ކުޅެން ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
އޭގެ 23 އަހަރު ފަހުން، ފަހަރެއްގައި އޭނާގެ ފަހު މެޗުގައި ރޮނާލްޑޯ ނުކުންނާނީ 80،000 ސަޕޯޓަރުންގެ ކުރިމަތީގަ އެވެ. އަދި ޓީވީން އެ މަންޒަރު ބަލާނެ އަދަދު ބިލިއަނުން މަތިވާނެ އެވެ. އޭގެ ތެރެއިން އެތައް މިލިއަން ބައެއްގެ ސަމާލުކަން ހުއްޓޭނީ މިހާރު އުމުރުން 41 އަހަރުގެ ރޮނާލްޑޯ އަށެވެ.
އިއްޔެ އެމެރިކާގެ ޑަލަސްގައި ބޭއްވި ޕްރެސް ކޮންފަރެންސަކީ ޕޯޗުގަލްގެ ކިޓްގައި ރޮނާލްޑޯ، ޕްރީ މެޗު ޕްރެސްގައި މީޑިއާއާ ކުރިމަތިލި އެންމެ ފަހު ފަހަރަށް ވެދާނެ އެވެ. އޭނާގެ އެ ޕްރެސް ކޮންފަރެންސް ކުރިއަށް ގެންދިޔައީ އުފާވެރި މާހަުލެއްގަ އެވެ. ބައެއްފަހަރު މާޖާ ރާގެއްގައި ސަމާސާ މޫޑެއްގައި އޭނާ ވާހަކަ ދެއްކި އެވެ.
މެޗު ކުޅެން ހަމަޖެހިފައިވާ އެމެރިކާގެ ޓެކްސަސްގެ ޑަލަސް ސްޓޭޑިއަމްގެ ޕްރެސް ރޫމްގައި ކުރިއަށް ގެންދިޔަ އެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވި އެއް ނޫސްވެރިޔަކީ ދި ގާޑިއަންގެ ފުޓްބޯޅަ ލިޔުންތެރިޔާ ސިޑް ލޯ އެވެ.
އޭނާ ސިފަ ކުރިގޮތުގައި އެ ޕްރެސް ރޫމް އޮތީ ފުރި ބާރުވެފަ އެވެ.
ސިޑް ލޯ ލިޔެފައިވާ ގޮތުގައި މިއީ ރޮނާލްޑޯގެ ފަހު މެޗަށް ވުމުގެ ފުރުސަތު އޮތް ކުރިމަތިލުމުގެ ކުރިން ބޭއްވި ފަހު ނޫސްވެރިންގެ ބައްދަލުވުމަށް ވެދާނެ އެވެ. އޭނާ ހުރީ ނޫސްވެރިން ކުރިމަތިކުރުވާނެ އުނދަގޫ ސުވާލުތަކާއި މީޑިއާގެ ޕްރެޝަރަށް ރަނގަޅަށް ހޭނިފައި ކަމަށް ސިޑް ލޯ ލިޔެފައިވެ އެވެ.
"(ރޮނާލްޑޯ ހުރީ) އެ ތަޖުރިބާ ވަރަށް ފުރިހަމައަށް ހާސިލްކޮށް، ފަހަރުގައި އެކަމުން އުފާވެސް ހޯދާށެވެ. ފުރިފައި އޮތް ހޯލުގައި ނޫސްވެރިންގެ ކުރިމަތީގައި، ތިން ބަހަކުން ވާހަކަދައްކަމުން ދިޔައިރު، ބައެއް މަޖާ ވާހަކަތަކާއި ކުދިކުދި ދިމާކުރުންތައް ވެސް ހިމެނުނެވެ.
ނަމަވެސް މި ހުރިހާ ކަމެއްވެސް އޭނާ ކުރިއަށް ގެންދިޔައީ ހިނިތުންވުމަކާ އެކު އެވެ.،" ރޮނާލްޑޯގެ އެ ޕްރެސް ކޮންފަރެންސް ސިފަކޮށްދެމުން ދި ގާޑިއަން އަށް ސިޑް ލޯ ލިޔެފައި ވެއެވެ.
ޕްރެސް ކޮންފަރެންސްގައި ރޮނާލްޑޯ ބުނީ އޭނާ ފަހަތަށް ވައްޓާލަން "ބަޔަކު" މަސައްކަތް ކުރާތާ 23 އަހަރު ވެއްޖެ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ނުބުނެ އެވެ.
މިފަހަރު މުބާރާތުގައި އަދި އޭނާ އަށް ޖެހުނީ ތިން ގޯލެވެ. އެއީ ރޮނާލްޑޯ ސިފަ ކުރި ގޮތުގައި ގޯސް އަދަދެއް ނޫނެވެ. ދެން ނޫސްވެރިޔަކު ރޮނާލްޑޯއާ ދިމާލަށް އެއްލި ސުވާލަކީ "ކަލޭ ދެން އެނބުރި ނައިސްދާނެ ނޫން ހެއްޔެ؟"
މާނައަކީ މިއީ ރޮނާލްޑޯގެ ފަހު ޕްރީ މެޗު ޕްރެސް ކޮންފަރެންސަށް ވުމުގެ ފުރުސަތު އެބައޮތް ކަމެވެ. އެ ސުވާލަށް އޭނާ ޖަވާބު ދިނީ ހަމަޖެހިލައިގެން ހުރެ، ސުވާލު ކުރި ނޫސްވެރިޔާ އަށް ވެސް ނުސީދާ ރައްދެއް އަމާޒުވާ ގޮތަށެވެ.
"އަހަރެން އެނބުރި އަންނަން ކަލޭ ބޭނުން ނުވަނީތަ؟" ފަހަތަށް ޖެހުމެއް ނެތި ރޮނާލްޑޯ ޖަވާބު ދިނެވެ.
އޭގެ ކުރިން ރޮނާލްޑޯ ބުނީ ނޫސްވެރިން އޭނާގެ ގާތުގައި އަހަނީ އެއް ސުވާލެއް ކަމަށެވެ. އެއީ، މިފަހަރުގެ ވޯލްޑް ކަޕަކީ އޭނާގެ ފަހު މުބާރާތް ތޯ؟ ބުނެ ކުރާ ސުވާލެވެ.
"އެކަން ފަހުން އެނގޭނެ. އެކަމަށް މީހުން ސަމާލުކަން ދޭކަށް ބޭނުމެއް ނޫން. އެއީ މުހިންމު ކަމެއްވެސް ނޫން. އެންމެ މުހިންމު ކަމަކީ އަހަރެމެން ކުރިއަށްދިއުން (މެޗުން މޮޅުވުން)،" ރޮނާލްޑޯ ބުންޏެވެ.
"އެ ދުވަސް ވެސް [ގައުމީ ޓީމަށް ކުޅުން ހުއްޓާލާ ދުވަސް] އަންނާނެ. ނަމަވެސް ތެދަށް ބުނާނަމަ މާދަމާ [މިރޭ] ކޮންމެ ގޮތެއް ވިޔަސް އަހަރެން މިތަނުން ދާނީ ހިތްހަމަޖެހުމާއެކު. 100 އިން 100 އެއް ނޫން 1000 ޕަސަންޓް ހިތްހަމަޖެހުމާ އެކު."
އޭނާ ބުނިގޮތުގައި ފުޓްބޯޅައަށް އޭނާ މުޅި ދިރިއުޅުން ގުރުބާން ކުރި ހިތްހަމަޖެހުމާ އެކު އެވެ.
ރޮނާލްޑޯ ބުނީ ފުޓްބޯޅައިން އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ކަމަށެވެ. އޭނާ އަށް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ލިބިފައިވުމުން ފުޓްބޯޅައިން އޭނާ ބޭނުންވާ އިތުރު އެއްޗެއް ނެތް ކަމަށް ބުންޏެވެ.
"އަހަރެން ފުޓްބޯޅަ މި ކުޅެނީ އެކަމަށް ލޯބިކުރާތީ. މާދަމާ (މިރޭ) ކޮންމެ ގޮތެއް ވިޔަސް، މޮޅުވުން މަޖުބޫރޭ ބުނެ އަހަރެން އަމިއްލަ ނަފްސަށް ޕްރެޝަރެއް ނުކުރާނަން. ވާން އޮތް ގޮތެއް ވާނެ. ޖެހޭނީ ކޮންމެ ދުވަހަކުވެސް އެކަމުން އުފާ ކުރަން."
ޕޯޗަގަލް އާއި ސްޕެއިން ބައްދަލުކުރާ މެޗު ފަށާނީ ރާއްހޭ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އެވެ.