ލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި އާޖެންޓީނާ އާއި މިސްރު ބައްދަލުކުރި މެޗުގައި ރެފްރީ ވަކި ފަރާތަކަށް ޖެހުނު ކަމަށް ބުނާ ތުހުމަތުތައް ފީފާގެ ރެފްރީންގެ ވެރިޔާ ޕިއެރްލުއީޖީ ކޮލީނާ ދޮގުކުރައްވައިފި އެވެ.

މެޗުގެ އޮފިޝަލުން މަސައްކަތް ކުރީ މުޅިން މިނިވަންކަމާ އެކުގައި ކަމަށް އޭނާ ބުންޏެވެ. 

ބުރާސްފަތި ދުވަހު ފީފާގެ ވެބްސައިޓުގައި ޝާއިއުކުރި އިންޓަވިއުއެއްގައި، ކުރީގެ ލެޖެންޑްރީ ރެފްރީ ކޮލީނާ ބުނީ ރެފްރީންނަށް ފާޑުކިޔުމަކީ ފުޓްބޯޅައިގެ ބައެއް ކަމަެވެ.

ނަމަވެސް، މެޗުން ބަލިވުމުން މިސްރުން، އެ މެޗުގެ ރެފްރީ ރެފްރީ ފްރާންސްގެ ފްރަންސުވާ ލެތެކްސިއޭ އިންސާފުވެރިކަމާ މެދު ތުހުމަތު ކުރުމުން އޭނާ އެކަން ކުށްވެރިކުރެއްވި އެވެ.

"ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ގިނަ މެޗުތަކެއް ކުޅޭއިރު، ބައެއް ކަންކަން ހީކުރާ ގޮތަށް ނުދިއުމަކީ އާދައިގެ ކަމެއް،" ކޮލީނާ ބުންޏެވެ.

"އެފަދަ ކަމެއް ދިމާވުމުން، ދެން އޮންނަ މެޗަކަށް ފުރިހަމައަށް ތައްޔާރުވުމަށް ރެފްރީން ކުރިއަށް ވުރެ ބޮޑަށް މަސައްކަތް ކުރާނެ."

ކޮލިނާ ބުނިގޮތުގައި ނިންމުންތަކާ މެދު ބިނާކުރަނިވި ގޮތެއްގައި ބަހުސްކުރުމަކީ އަބަދުވެސް ފުޓްބޯޅައިގެ ތެރޭގައި އޮންނާނެ ކަމެކެވެ.

"ނަމަވެސް އަސާސެއް ނެތް ތުހުމަތުތަކަށް އަހަރެމެންގެ ކުޅިވަރުން ޖާގައެއް ނެތް،" ކޮލީނާ ބުންޏެވެ.

މިފަދަ ތުހުމަތުތަކުގެ ސަބަބުން ރެފްރީންނާއި އެމީހުންގެ އާއިލާތަކަށް ނުރައްކަލާއި އިންޒާރުތައް ކުރިމަތިވެދާނެ ކަމަށް ކޮލީނާ ބުންޏެވެ.

"ފީފާ ވޯލްޑް ކަޕްގެ މެޗު އޮފިޝަލުންގެ އިންސާފުވެރިކަމާ މެދު އެކަކަށް ވެސް ސުވާލެއް ނުއުފެއްދޭނެ... ހަމައެހެންމެ، ފީފާގެ ރެފްރީންގެ ނިންމުންތަކަށް އެއްވެސް މީހަކަށް ނުފޫޒު ފޯރުވޭނެ ކަމަކަށް ވެސް ނުބުނެވޭނެ، ފީފާގެ ރައީސް [ޖިއާނީ އިންފަންޓީނޯ] އަށް ވެސް އެ ނުފޫޒެއް ނުފޯރުވޭނެ،" އޭނާ އިތުރަށް ވިދާޅުވި އެވެ.

މެޗު އޮފިޝަލުން ނިންމުންތައް ނިންމަނީ އިހުލާސްތެރިކަމާ އެކުގައި ކަމަށް އޭނާ ބުންޏެވެ. ކުޅުންތެރިންނާއި ކޯޗުން ފަދައިން ރެފްރީން ވެސް އަބަދުވެސް އެންމެ ރަނގަޅަށް ކަންކަން ކުރަން މަސައްކަތްކުރާ ކަމަށް ވެސް ކޮލީނާ ބުންޏެވެ. 

އެ މެޗުގެ ފަހު ވަގުތަށް ދިޔައިރު މިސްރު އޮތީ 2-0 އިން ކުރީގަ އެވެ. ނަމަވެސް، އާޖެންޓީނާއިން ވަނީ ފަހަތުން އަރައި މެޗުގެ ނަތީޖާ ބަދަލުކޮށްފަ އެވެ. އެ ޓީމު މޮޅުވީ މެޗުގެ އިތުރު ވަގުތުގައި އެންޒޯ ފެނާންޑޭޒް ޖެހި ލަނޑާ އެކުގަ އެވެ. މިއާ އެކު އީޖިޕްޓް ވަނީ މުބާރާތުން ކެޓި އެވެ.

އެ ލަނޑު ޖެހުމުގެ މަރުހަލާގައި އާޖެންޓީނާގެ ކުޅުންތެރިން މިސްރުގެ މުހައްމަދު ސަލާހަށް ކުރި ޗެލެންޖްގައި އޭނާ ވެއްޓުނެވެ. މިސްރުން ބުނަނީ އެއީ ފައުލެއް ކަމަށެވެ. އަދި ވީއޭއާރް މެދުވެރިކޮށް އެކަން ނުބެލި މައްސަލައިގައި މިސްރުން ވަނީ ރެފްރީ އަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. 

ރެފްރީގެ މައްސަލަ، މިދިޔަ ބުދަ ދުވަހު މިސްރުން ފީފާ އަށް ރަސްމީކޮށް ހުށަހަޅާފައިވާކަމުގެ ކަށަވަރުކަން ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެ މައްސަލަ ހުށަހެޅީ މިސްރު އެފްއޭގެ ރައީސް ހާނީ އަބޫ ރީދާ އެވެ.