މީގެ 19 އަހަރު ކުރިން، ޔުނިސެފާއި، ބާސެލޯނާ އަދި ސްޕެއިނުގެ ނޫހެއް ކަމަށްވާ "ޑިއާރިއޯ ސްޕޯޓްސް" ގުޅިގެން ކުޑަކުދިންނަށް އެހީވުމަށް ފައިސާ ހޯދަން ކަލަންޑަރެއް ތައްޔާރުކުރި އެވެ. މި ކަލަންޑަރުގެ ކޮންމެ މަހަކަށް ހާއްސަކޮށްފައިވަނީ ބާސެލޯނާގެ ކުޅުންތެރިޔަކު ތުއްތު ކުއްޖަކާއެކު ނަގާފައިވާ ފޮޓޯއެކެވެ. އޭރު ބާސެލޯނާގެ ޒުވާން ތަރި ލިއޮނަލް މެސީ ވެސް މި ހަރަކާތުގައި ބައިވެރިވެ، އެންމެ ފަސް މަހުގެ ތުއްތު ކުއްޖަކާއެކު ފޮޓޯއެއް ނެގި އެވެ. ނަމަވެސް ކަލަންޑަރުން މަހަކަށް ފަހު މަހެއް ފާއިތުވެގެން ދިޔަ ގޮތަށް، އެ ފޮޓޯ ވެސް އޭރު މާބޮޑު ސަމާލުކަމެއް ނުލިބި މާޒީގެ ތެރެއަށް ގެއްލިގެން ދިޔައީ އެވެ.

އެއީ ފުޓްބޯޅައިގެ ތާރީހުގެ ތެރެއަށް ވަންނާނެ ފޮޓޯއެއް ކަމަށް އޭރު އެކަކު ވެސް ހީނުކުރެ އެވެ. މީގެ ދުވަސްކޮޅެއް ކުރިއާ ހަމަޔަށެވެ.

އެ ފޮޓޯއިން މެސީއާއެކު ފެންނަން ހުރި ތުއްތު ކުއްޖަކީ، ވޯލްޑް ކަޕުގެ ފައިނަލުގައި އަންނަ އާދީއްތަ ދުވަހުގެރޭ އާޖެންޓީނާއާ ދެކޮޅަށް ނުކުންނަ ސްޕެއިނުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ލަމީން ޔަމާލް އެވެ. މެސީއެކޭ އެއްގޮތަށް ބާސެލޯނާގެ ޝަރަފްވެރި ލަ މަސިއާ އެކަޑަމީން ތަމްރީންވެ، އެ ކްލަބުގައި ވިދަމުން އަންނަ ޔަމާލް އަށް އެ ފޮޓޯގައި ބައިވެރިވާން ފުރުސަތު ލިބުނީ ޔުނިސެފުން ކުރިއަށް ގެންދިޔަ ގުރުއަތުލުމެއްގައި ނަސީބު ދިމާވުމުންނެވެ.

މި ފޮޓޯ އެންމެ ފުރަތަމަ ވައިރަލްވީ މީގެ ދެ އަހަރު ކުރިން ސްޕެއިނުން 2024 ގެ ޔޫރޯ މުބާރާތް ކާމިޔާބުކުރިއިރު ޔަމާލް ދެއްކި މޮޅު ކުޅުމާ ގުޅިގެން، އޭނާގެ ބައްޕަ އިންސްޓަގްރާމްގައި އެ ފޮޓޯ ހިއްސާކުރުމުންނެވެ. "ދެ ލެޖެންޑުންގެ ފެށުން" ގެ ނަމުގައި އާއްމުކުރި ފޮޓޯގެ ސައްހަކަމާމެދު ފުރަތަމަ ބައެއް މީހުން ޝައްކު ކުރި ނަމަވެސް، ޔަމާލް ވަނީ އެއީ ހަގީގީ ފޮޓޯއެއްކަން ކަށަވަރުކޮށްދީފަ އެވެ.

ކަލަންޑަރު ޝޫޓްކުރި ފޮޓޯގްރާފަރު ޔޮއާން މޮންފޯޓް ކިޔައިދިން ގޮތުގައި، މެސީއަކީ އޭރު ވަރަށް ލަދުރަކި މިޒާޖެއްގެ މީހަކަށް ވުމުން ފުރަތަމަ ފޮޓޯ ނަގަން އުނދަގޫވި އެވެ.

"މެސީއަށް އެވަރުގެ ކުޑަކުއްޖަކު އުރާލަންވެސް ނޭނގުނު. އެކަމަކު ޔަމާލް ހީލުމުން މެސީ ވެސް ހަމަޖެހުނު،" އޭނާ ބުންޏެވެ.

މޮންފޯޓަށް ވެސް އެއީ ކިހާ މުހިންމު ފޮޓޯއެއްކަން އެނގުނީ 2024 ގައި އެ ފޮޓޯ މުޅި ދުނިޔެއަށް މަޝްހޫރުވުމުންނެވެ.

"ރައްޓެއްސަކު އަހަރެން ގާތު ބުނީ އެ ފޮޓޯގެ ވާހަކަ. ވަރަށް އުފާވި މިހާ ތާރީހީ ފޮޓޯއަކަށްވީ ފޮޓޮއެއް ނެގުނީތީ."

މި ދެ ކުޅުންތެރިންގެ ފުޓްބޯޅައިގެ ފެށުން ވެސް ގުޅިފައިވަނީ ސްޕެއިނާ އެވެ. އާޖެންޓީނާ އަށް އުފަން މެސީ 2001 ގައި އާއިލާއާ އެކު ސްޕެއިނަށް ހިޖުރަކުރީ އޭނާއަށް ކުރިމަތިވި ސިއްހީ މައްސަލައަކަށް ބާސެލޯނާއިން ފަރުވާދޭން އެއްބަސްވުމުން، އެ ކްލަބުގެ އެކަޑަމީއާ ގުޅުމަށެވެ. އަނެއްކޮޅުން، ޔަމާލް އުފަންވީ ބާސެލޯނާއަށެވެ. އޭނާ އަކީ ސްޕެއިނަށް ހިޖުރަކުރި މޮރޮކޯގެ ބައްޕައަކާއި އިކުއެޓޯރިއަލް ގިނީގެ މަންމައަކަށް ލިބުނު ދަރިއެކެވެ.

އަންނަ އާދީއްތަ ދުވަހުގެރޭގެ ފައިނަލް މެޗަކީ މެސީގެ ކާމިޔާބު ކެރިއަރު އިތުރު ވޯލްޑް ކަޕް ތަށްޓަކުން ނިންމާލަން ލިބޭ ރަން ފުރުސަތެކެވެ. އަދި ޔަމާލަށް މިއީ ވޯލްޑް ކަޕް ތަށްޓާއެކު އޭނާގެ ކެރިއަރުގެ މާދަމާ ކާމިޔާބުކަމާއެކު ބިނާކުރަން ފަށަން ލިބޭ ފުރުސަތެކެވެ. މީގެ 19 އަހަރު ކުރީގެ އެ ހިތްގައިމު ފޮޓޯއާ ހިލާފަށް، އެރޭ ދަނޑުމަތިން ފެންނާނީ ވަރުގަދަ ވާދަވެރިކަމެވެ. އެހެންނަމަވެސް، މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ކަމުގައި ވިޔަސް، އެ ތާރީހީފޮޓޯގެ ހާއްސަކަމެއް ނުގެއްލޭނެ އެވެ.