ސްކޮޓްލެންޑްގެ ގްލާސްގޯގައި މި އަހަރުގެ ކޮމަންވެލްތު ގޭމްސް ފެށުމުގެ ރަސްމިއްޔާތުގައި، ދިވެހި ދިދަ އުފުލާލާނެ އެތުލީޓަކަށް މުހައްމަދު އާން ހުސެއިން ހަމަޖެއްސި އިރު، ރާއްޖޭގެ ފަރާތުން ކިންގްސް ބެޓަންއާ ހަވާލުވާ އެތުލީޓަކަށް މެރާލް އައިން ލަތީފް ހަމަޖައްސައިފި އެވެ.

ދެ އެތުލީޓުންނަކީ ވެސް މުބާރާތުގައި ވާދަ ކުރާނެ ރާއްޖޭގެ ފެތުންތެރިންނެވެ.

މި އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ދިވެހިރާއްޖޭން ވާދަ ކުރަނީ ފެތުމާއި ދުވުމުގެ އިވެންޓްތަކުގަ އެވެ.

ގައުމީ ފެތުންތެރިންގެ ޓީމުގައި ހިމެނޭ ބައެއް ފެތުންތެރިން.-- ފޮޓޯ: އެމްއޯސީ
ގައުމީ ފެތުންތެރިންގެ ޓީމުގައި ހިމެނޭ ބައެއް ފެތުންތެރިން.-- ފޮޓޯ: އެމްއޯސީ

އެގޮތުން ގައުމީ ފެތުންތެރިންގެ ޓީމުގައި ހިމެނެނީ އާން އަދި މެރާލްގެ އިތުރުން އަމްނާ ތަޒަކިޔާ މިރުސޯދާއި މުހައްމަދު ރިހާން ޝިހާމް އަދި ލޫތު މުހައްމަދު ހުސެއިން އެވެ.

ހުކުރު ދުވަހު އޮންނަ ފެތުމުގެ އިވެންޓްތަކުގެ ތެރެއިން ފިރިހެނުންގެ 50 މީޓަރު ބެކްސްތްރޯކް އިވެންޓްގައި އާން ވާދަ ކުރުމަށް ހަމަޖެހިފައި ވާއިރު، 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓްގައި ލޫތު ވާދަ ކުރާނެ އެވެ.

ގައުމީ ދުވުންތެރިންގެ ޓީމުގައި ހިމެނެނީ ހަސަން ސާއިދު، އާދަމް ރިއްފަތު، ހުސެއިން ޒީކް ސުއާދު، އަހްނާ ނިޒާރު، ޒިވާ މޫސާ ޝަފީއު، ފަސޫހާ އަހުމަދު އައިޝަތު ޝަބާ ސަލީމް އަދި އާމިނަތު ލަޔާނާ މުހައްމަދެވެ.

ރާއްޖޭގެ ދުވުންތެރިންގެ ޓީމް.-- ފޮޓޯ: އެމްއޯސީ
ރާއްޖޭގެ ދުވުންތެރިންގެ ޓީމް.-- ފޮޓޯ: އެމްއޯސީ

އިންޑިވިޖުއަލް އިވެންޓްތަކުގެ އިތުރުން 4 ގުނަ 100 މީޓަރު އަންހެން އަދި މިކްސްޑް ރިލޭ އިވެންޓުގައި ރާއްޖޭން ވާދަ ކުރާނެ އެވެ.

ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަނަކީ ފަޒްނާ ޖަލީލް އެވެ. މީގެ އިތުރުން ސީޖީއޭ މޯލްޑިވްސް އޮޕަރޭޝަންސް އެގްޒެކެޓިވް އަކަށް އިބްރާހިމް ޝިފާޒް އަދި މެޑިކަލް އޮފިސަރެއްގެ ގޮތުގައި ޑރ. ސައުދު ޖައުފަރު ވަނީ ހަމަޖައްސައިފަ އެވެ.