ކުންފުންޏެއް ހަދައި، ވޯލްޑް ކަޕާއި ފީފާގެ އެހެން މުބާރާތްތަކުގެ ވިޔާފާރީ އޮޕަރޭޝަނާ ގުޅޭ ހިއްސާ ވިއްކަން އުޅޭކަން، ފީފާއިން އިއުލާން ކުރި އިރު އެކަމާ ބެހޭގޮތުން ފީފާއިން އެއްވެސް މަޝްވަރާއެއްކޮށްފައި ނުވާތީ އޭއެފްސީން ކުށްވެރިކޮށްފި އެވެ.

އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެފަދަ ބޮޑު ޕްރޮޖެކްޓެއް ހިންގަން އުޅޭކަން ފީފާއިން އެއްވެސް އިޝާރާތެއް ދީފައި ނުވާ ކަމަށެވެ. އަދި ފީފާއިން އިސްވެ އެކަން އެންގުމުގެ ކުރިން ޕަބްލިކްގެ އެހެން ޕްލެޓްފޯމުތަކުން އެކަން ހާމަވެގެން ދިއުމަކީ ދެފުށް ފެންނަ އުސޫލާއި ހަރުދަނާ ހިންގުމުގެ ނިޒާމާ ހިލާފުކަމެއް ކަމަށް އޭއެފްސީން ބުންޏެވެ. 

"އެ ހުށަހެޅުމާ ގުޅޭ ގޮތުން އޭއެފްސީއާ މަޝްވަރާ ނުކުރެވި އެކަށީގެންވާ އަދި ގާއިމްވެފައިވާ ގަވަނަންސް ޗެނަލްތަކުން އޭއެފްސީ އާއިލާއަށް އެކަން ބަލައި މަޝްވަރާ ކުރުމުގެ ފުރުސަތު ލިބުމުގެ ކުރިން އެފަދަ މުހިންމު ކަމެއް ޕަބްލިކްގެތެރެއިން އެނގިގެން ދިޔައީތީ ހިތާމަކުރާކަމެއް،" މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ، އޭއެފްސީގެ މައި އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ އިދާރާއިން ބުނީ އާ ބަދަލުތަކާއި އާ ހިޔާލުތަކަށް، އޭއެފްސީން މަރުހަބާ ކިޔާނެ ކަމަށެވެ. ނަމަވެސް އެ ގަންނަ ބަދަލަކީ ދުނިޔޭގެ ފުޓްބޯޅަ ކިހާވަރެއްގެ އަސަރުތަކެއް ކުރާ ބަދަލެއްތޯ ސާފުކޮށް ދެނެގަންނަންޖެހޭނެ ކަމަށް، 47 މެންބަރު ގައުމު ތަމްސީލުކުރާ އިދާރާއިން ބުންޏެވެ. 

"ކުޅިވަރުގެ ވިޔަފާރި އަދި މާލީ މުސްތަގުބަލް ބަދަލުކޮށްލަފާނެ ފަދަ ނިންމުންތަކަކީ އެކަން ނިންމާ ފަރާތްތަކާ (ފީފާގެ ކައުންސިލާއި ކޮންގްރެސް އަށް) ހުށަހަޅުމުގެ ކުރިން(ސަރަހައްދީ) ކޮންފެޑެރޭޝަންތަކާއި މެމްބަރު އެސޯސިއޭޝަންތަކާއި އަދި ކަމާގުޅުންހުރި އެހެން ފަރާތްތަކާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން ނިންމަންޖެހޭނެ ކަންތައްތަކެއް،" އޭއެފްސީގެ ވެބްސައިޓްގައި އާންމުކުރި ބަޔާނުގައި ބުނެފައިވެ އެވެ.

"ފީފާ ފޯވާޑް އެންޓަޕްރައިޒަސް" ނަމުގައި ސެމީ ޕްރައިވެޓް ސަބްސިޑަރީ ކުންފުންޏެއް ހަދަން އުޅޭކަން ފީފާއިން އިއްޔެ ހާމަކުރީ އިނގިރޭސިވިލާތުގެ ދަ ޓައިމްސް ނޫހާއި ފައިނޭންޝިއަލް ޓައިމްސްއިނ ފީފާއިން އެކަން ކުރަން އުޅޭކަން ރިޕޮޓެއް އާންމު ކުރި ފަހުންނެވެ. 

އޭއެފްސީ ބުނީ އެ ފަދަ ނިންމުމެއް ނިންމުމުގެ ކުރިން އެކަށީގެންވާ ވަގުތު ނަގައި ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު ނޫނީ އެފަދަ ކަމެއް ކުރަން އުޅޭކަން ވެސް އިއުލާންކޮށްގެން ނުވާނެ ކަމަށެވެ. 

"މިއީ ފީފާގެ ގަވަނަންސް އޮނިގަނޑަށް އިތުބާރު ބޮޑުކޮށް ދުނިޔޭގެ ފުޓްބޯޅަ މުޖުތަމައުގެ ޖަމާއީ މަސްލަހަތު ރައްކާތެރިކުރާ ނިންމުމަކަށް ވުމަށްޓަކައި ކޮންމެހެން ބޭނުންވާ މަރުހަލާއެއް،" އެފަދަ ނިންމުތަކާ މެދު ކުރިން މަޝްވަރާކޮށް ބަހުސް ކުރަންޖޭކަން ފާހަގަކޮށް ނެރުނު ބަޔާނުގައި އޭއެފްސީން ބުންޏެވެ.

ފީފާގެ އެ ނިންމުމާ ދެކޮޅު ހަދާކަން އޭއެފްސީ ސީދާ ނުބުނެވެ. އެކަމަކު އޭއެފްސީގެ ކަންބޮޑުވުމަކީ މާލީ ގުޅޭ އެ ފަދަ ޕްރޮޖެކްޓެއް ފީފާއިން ހިންގަން އުޅޭއިރު ދުރާލައިގެ އެފެދަ ނިންމުމެއް ނިންމަން އުޅޭކަން ދުރާލައިގައި އަންގާފައި ނެތުމެވެ. 

މި މައްސަލައިގައި އެންމެ ފާލުކަންބޮޑު ގޮތެއްގައި ކުށްވެރިކުރީ ޔޫއެފާއިންނެވެ. އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނީ ފުޓްބޯޅައަކީ އެއްވެސް ބަޔަކަށް އަމިއްލަ މިލްކު ކުރެވޭނެ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ފީފާއިން ހުރަސްކުރަން އުޅެނީ ފުޓްބޯޅަ ހިންގުމުގެ އެއްވެސް އިދާރާއަކުން ހުރަސްކޮށްގެން ނުވާނެ ރަތް ރޮނގެއް ކަމަށް ޔޫއެފާއިން ބުންޏެވެ.

ފީފާއިން ބުނީ އެ އިދާރާގެ ފުލް ކޮންޓްރޯލް ކުންފުނީގައި އޮންނާނެ ކަމަށެވެ.  އަދި މުބާރާތްތަކުން ހިއްސާ ވިއްކާނީ ފަރުވާތެރިކަމާ އެކު އިންވެސްޓަރުން ހޯދައިގެންކަމަށް ވެސް ފީފާއިން ބުންޏެވެ. އަދި ވިއްކާނީ އެ ހިއްސާ ގަންނަ ފަރާތްތަކަށް ކުންފުނީގެ ކޮންޓްރޯލް ނުލިބޭނެ ގޮތަށް ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ. 

އެ ކުންފުނި އުފައްދައި، ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކައިގެން މިއަހަރު ފަހުކޮޅު 4.2 ބިލިއަން ޑޮލަރު ފީފާ އަށް ވެއްދުމަށް އުއްމީދުކުރާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. މުޅި ކުންފުނީގެ އަގު 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.

އެ ކުންފުނިން ވިއްކާ، ހިއްސާ ގަންނާނެ ކުންފުނިތަކާ އެކު ފީފާއިން މަޝްވަރާކުރަމުންދާ ކަމަށް އިނގިރޭސިވިލާތުގެ ދަ ޓައިމްސް ނޫހާއި ފައިނޭންޝިއަލް ޓައިމްސްއިން ބުންޏެވެ. އޭގެ ތެރޭގައި އިންފަންޓީނޯގެ ގާތް އެކުވެރިޔާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާގެ އިންވެސްޓްމެންޓް ކުންފުނި "ތުރައިވް ކެޕިޓަލް" ހިމެނޭ ކަމަށް ޓައިމްސްއިން ބުންޏެވެ.

އޭގެ އިތުރުން ކުރިން ފަށަން މަސައްކަތްކޮށް ފެއިލްވި ޔޫރަޕިއަން ސުޕަ ލީގަށް ހަރަދުކުރަން އުޅުނު އެމެރިކާގެ ޖޭޕީ މޯގަން ޗޭސް ބޭންކު ވެސް އެ ލިސްޓުގައި ހިމެނެ އެވެ.

މި ކުންފުނި އުފެއްދުމާ ބެހޭގޮތުން ފީފާއިން އެންމެ ފުރަތަމަ ވާހަކަ ދެއްކީ ވެސް ދަ ޓައިމްސް އާއި ފައިނޭންޝިއަލް ޓައިމްސްއިން، ދެ މަސްދަރަކާ ހަވާލާދީ، އާންމުކުރި ރިޕޯޓާ ގުޅިގެންނެވެ.