ފީފާގެ ޕްލޭނާ މެދު ގޮތް ނިމުމުގައި އޭޝިއާގެ ގައުމުތަކުން އަވަސްއަރުވާލައިގެން ނޫޅުމަށް، އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހީމް އާލް ހަލީފާ އިލްތިމާސް ކުރައްވައިފި އެވެ.

ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްކުގެ ވިޔަފާރީގެ ޕްރޮޖެކްޓްގެ ބައިން ޕްރައިވެޓް އިންވެސްޓަރުންނަށް ހިއްސާ ވިއްކަން. ފީފާއިން ވަނީ ޕްލޭނެއް އިއުލާން ކޮށްފަ އެވެ. އަދި އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އެ ނިންމުމަށް މެންބަރު ގައުމުތަކުން ވޯޓް ދޭނެ ގޮތް ނިންމުމަށް 53 ދުވަހުގެ މުއްދަތެއް ދީފަ އެވެ. 

ސެޕްޓެމްބަރު 19 ގައި ބާއްވާ ކޮންގްރެސްގައި އެ ނިންމުމާ މެދު ފީފާގެ 211 މެންބަރު ގައުމުގެ ވޯޓަށް އަހާނެ އެވެ. އެ ނިންމުން ފާސް ވާނީ މެންބަރު ގައުމުތަކުގެ 50 ޕަސަންޓަށް ވުރެ އިތުރަށް ވޯޓް ލިބިގެންނެވެ. އޭގެ ކުރިން 38 މެންބަރުން ހިމެނޭ ފިފާގެ ކައުންސިލުން އެ ނިންމުން ހުށަހަޅާނެ ކަމަށް، އެ އިދާރިން ބުންޏެވެ. 

މި ޕްލޭނާ ދެކޮޅު ހަދާކަން، އިއުލާންކޮށް ޔޫރަޕްގެ 55 ގައުމުން އިއްތިފާގުވެ، އިއްޔެ ނިންމީ ވޯލްޑް ކަޕާއި ފީފެގެ އެހެނިހެން މުބާރާތްައް ބޮއިކޮޓް ކުރުމަށެވެ. އަދި ފީފާއިން އެ ޕްލޭން އަނބުރައި ނުގެންދާހާ ހިނދަކު އެ ބޮއިކޮޓް ދެމި އޮންނާނެކަމަށް، ޔޫއެފާގެ އޮންލައިން ކޮންގްރެސްގައި އެ އިދާރާގެ ހުރިހާ މެންބަރު ގައުމެއްގެ އިއްތިފާގުން ނިންމި އެވެ. 

އޭޝިއާގެ ފުޓްބޯޅަ އިދާރާ (އޭއެފްސީ) ރައީސް ބަހްރޭނުގެ ޝައިހް ސަލްމާން ވަނީ، އެ ޕްލޭނާ މެދު ގޮތް ނިންމުމުގައި އޭޝިއާގެ ގައުމުންތަކުން އަވަސްއަރުވައިނުލުމަށް އިލްތިމާސް ކޮށްފަ އެވެ. 

އޭއެފްސީގެ 44 މެންބަރު ގައުމަށް އޭނާ ސިޓީއެއް ފޮނުވާފައިވާ ކަމަށް ރޮއިޓާސްއިން ބުންޏެވެ. އަދި އެ ސީޓީގެ ކޮޕީއެއް އެ އެޖެންސީ އަށް ވެސް ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ސިޓީގައި ސަލްމާން ވަނީ، އެފަދަ ބޮޑު ނިންމުމަކަށް ގޮތް ނިންމަން ފީފާއިން ދިން މުއްދަތު ވެސް ކުރުކަން ހާމަކުރައްވައިފަ އެވެ. އަދި މި ޕްލޭނާ މެދު އޭއެފްސީން ފީފާއާ އެކު ވެސް މަޝްވަރާ ކުރާނެކަމަށް ޝައިހް ސަލްމާން ވިދާޅުވި އެވެ.  

”މި ހުށަހެޅުމާ މެދު ވަކި ގޮތެއް ނިންމުމުގެ ކުރިން، މި މަޝްވަރާތަކުގެ ނަތީޖާއަށާއި ބޭނުންވާ މުރާޖާ ކުރުމުގެ މަރުހަލާތައް ނިމެންދެން (އޭޝިއާގެ ގައުމުތަކުން) އިންތިޒާރު ކުރެއްވުމަށް އޭއެފްސީން (ހުރިހާ މެމްބަރު އެސޯސިއޭޝަންތަކުގެ ކިބައިން) އިހުތިރާމާއެކު އެދެން.“ ސަލްމާންގެ ސިޓީގައި ލިޔުއްވާފައިވާކަމަށް ރޮއިޓާސްއިން ބުންޏެވެ. 

”ފުޓްބޯޅައިގެ މަންފާ އާއި މަސްލަހަތު ކުރިއަރުވައި ކުޅިވަރުގެ ދެމެހެއްޓެނިވި ކުރިއެރުން އިތުބާރާއި ދެފުށް ފެންނަގޮތަށް އަދި އެއްބައިވަންތަކަމުގެ ބިންގަލެއްގެ މައްޗަށް ބިނާވެގެންދާނެކަން ކަށަވަރުކުރުމަށްޓަކައި ހުރިހާ [މެމްބަރު އެސޯސިއޭޝަންތަކާއި] ފީފާ އަދި ކަމާގުޅޭ އެންމެހައި ފަރާތްތަކާއެކު ބިނާކުރަނިވި ގޮތެއްގައި މަސައްކަތްކުރުމުގައި އޭއެފްސީ ފުރިހަމައަށް ސާބިތުވެ އޮންނާނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން.“

މި މައްސަލައިގައި އޭއެފްސީން ވަނީ މިދިޔަ ބުދަ ދުވަހު ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި އޭއެފްސީން ބުނީ ފީފާއިން އެފަދަ ޕްލޭނެއް އިުއލާން ކުރުމުގެ ކުރިން މަޝްވަރާ ވެސް ކޮށްފައި ނުވާ ކަމަށެވެ. އަދި އޭގެ އިތުރަށް އެކަމާ އެއްވެސް މައުލޫމާތެއް އިސްވެ ފީފާއިން ހިއްސާކޮށްފައި ނުވާ ކަމަށް ވެސް އޭއެފްސީން ބުންޏެވެ. 

ފީފާގެ ޕްލޭނާ މެދު މާލީ، ގާނޫނީ ނުވަތަ އިދާރީ ތަފްސީލުތަކުގެ މިންވަރު ވެސް ލިބިފައި ނުވާ ކަމަށް އޭއެފްސީން ފާހަގަކޮށްފައިވެ އެވެ.

އިނގިރޭސި ވިލާތުގެ ދަ ޓައިމްސް އާއި ފައިނޭންޝިއަލް ޓައިމްސް އިން ބުނި ގޮތުގައި، ފީފާ އެންޓަޕްރައިޒަސް ކުންފުނީގެ ހިއްސާ ގަންނަން އުޅޭނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާގެ އިންވެސްޓްމެންޓް ކުންފުނި "ތުރައިވް ކެޕިޓަލް" އާއި އެ ގައުމުގެ ނުފޫޒުގަދަ ބޭންކެއް ކަމަށްވާ ޖޭޕީ މޯގަން ޗޭސް ބޭންކެވެ. 

ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާއި ޔޫރަޕްގެ ބާރުގަދަ 11 ކްލަބެއްގެ އިސްވެރިން ގުޅިގެން ފަށަން އުޅުނު ޔޫރަޕިއަން ސުޕަ ލީގުގެ ޕްރޮޖެކްޓަށް އިންވެސްޓް ކުރަން އެ ބޭންކުން މަސައްކަތް ކުރި އެވެ. ނަމަވެސް އެ ޕްރޮޖެކްޓަށް ޔޫއެފާ އާއި ފީފާ އިން ވެސް އޭރު ދެކޮޅު ހެދި އެވެ. އަދި ކްލަބްތަކުގެ ސަޕޯޓަރުންގެ ޕްރެޝަރާ ހެދި އެ ޕްރޮޖެކްޓް ނުފެށެނީސް ފެއިލްވީ އެވެ. 

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިދިޔަ ބުދަ ދުވަހު މި އިނީޝިއޭޓިވް ސިފަކުރެއްވީ "ދުނިޔޭގެ ފެންވަރުގައި ކުޅިވަރު ކުރިއެރުވުން އަވަސްކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް" ގެ ގޮތުގަ އެވެ.