އެފްއޭއެމުން 18 އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު ބާއްވަން ކަނޑައަޅާފައިވާ ކަޕްވިނާސް ކަޕް މާދަމާ ހަވީރު ނިއު ރޭޑިއަންޓާއި، ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުން ފަށާނެ އެވެ.
ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ މުބާރާތެއްގެ ގޮތުގައި 1995 ވަނަ އަހަރު ފެށި ކަޕްވިނާސް ކަޕް އެންމެ ފަހުން ބޭއްވީ 2008 ގަ އެވެ.
ފާއިތުވާ ސީޒަނުގެ ޗެމްޕިއަން ޓީމުތަކަށް ދައުވަތުދީގެން ބާއްވަމުން އައި މުބާރާތް މި ފަހަރު ވެސް ކުރިއަށް ގެންދަނީ ތިން މުބާރާތުގެ ޗެމްޕިއަނުންގެ އިތުރުން ލީގުގެ ދެ ވަނަ ޓީމަށް ދައުވަތު ދޭ އުސޫލުންނެވެ. އެފްއޭ ކަޕް ޗެމްޕިއަން ނިއު އާއި ލީގުގެ ހަތަރު ވަނަ ހޯދި ބުރުގެ އިތުރުން ވާދަކުރަނީ ދިރާގު ދިވެހި ލީގުގެ ޗެމްޕިއަން މާޒިޔާ އާއި ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން އޮޑި ސްޕޯޓްސް އެވެ.
ލީގުގެ ހަތަރު ވަނަ ހޯދި ބުރަށް ފުރުސަތު ލިބުނީ ލީގުގެ ދެ ވަނަ އާއި ތިން ވަނަ ހޯދި އޮޑި އާއި ނިއު އަށް އަނެއް ދެ މުބާރާތުގެ ޗެމްޕިއަނުންގެ ގޮތުގައި ފުރުސަތު ލިބިފައިވާތީ ދެން އެންމެ ނަތީޖާ ރަނގަޅު ޓީމުގެ ހައިސިއްޔަތުންނެވެ.
މުބާރާތް ކުރިއަށްދަނީ ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ހޮވޭ އުސޫލުންނެވެ. ފައިނަލް މެޗު އޮންނާނީ މި މަހު 18 ވަނަ ދުވަހުގެރޭ އެވެ.
ޗެރިޓީ ޝީލްޑް މެޗުން މިދިޔަ ހުކުރު ދުވަހުގެރޭ ފުޓްބޯޅަ ސީޒަން ވަނީ ރަސްމީކޮށް ފަށައިފަ އެވެ. ޕެނަލްޓީ ޖަހައިގެން 5-3 އިން ނިއު ބަލިކޮށް ޝީލްޑް ކާމިޔާބުކުރީ މާޒިޔާ އެވެ. ސީޒަނުގެ މައި މުބާރާތް ކަމަށްވާ ލީގު ފަށަން ހަމަޖައްސާފައިވަނީ ސެޕްޓެމްބަރު 10 ގަ އެވެ. އެއީ އޭއެފްސީ ޗެލެންޖް ލީގުގައި މާޒިޔާ ކުޅޭ މެޗަށާއި، އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިން އަށް ވަގުތު ދިނުމަށް ފަހު އެވެ.
ކަޕްވިނާސް ކަޕުގެ ޝެޑިއުލް
- ނިއު - ބުރު : 3 އޮގަސްޓް 16:00
- މާޒިޔާ - އޮޑި : 3 އޮގަސްޓް 21:00
- މާޒިޔާ - ބުރު : 6 އޮގަސްޓް 16:00
- ނިއު - އޮޑި : 6 އޮގަސްޓް 21:00
- އޮޑި - ބުރު : 15 އޮގަސްޓް 16:00
- މާޒިޔާ - ނިއު : 15 އޮގަސްޓް 21:00
- ފައިނަލް : 18 އޮގަސްޓް 21:00