މިއީ ޕްރޮފެޝަނަލް ފުޓްބޯޅާގައި ފަހު އަހަރަށް ވެދާނެ ކަމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވޯގް މަޖައްލާއަށް ދިން އިންޓަވިއުއެއްގައި ބުނެފި އެވެ. 

އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބުނީ، މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރުގެ އެންމެ ފަހު އަހަރަށް ވުން އެކަށީގެންވާ ކަމަށެވެ.

ކްލަބާއި ގައުމީ ޓީމަށް 950 އަށްވުރެ ގިނަ ގޯލު ޖަހައި، ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯ، މީގެ ކުރިން ވެސް ވަނީ "އަވަސް މުސްތަގުބަލެއްގައި" ނުވަތަ "އެކެއް ނުވަތަ ދެ އަހަރު ތެރޭގައި" ކުޅުން ހުއްޓާލާނެ ކަމަށް ބުނެފަ އެވެ.

"މިއީ ފުޓްބޯޅާގައި އަހަރެންގެ ފަހު އަހަރަށް ވެދާނެ. ބޭނުންވަނީ ރީތި ލެގަސީއަކާ އެކު ނިންމާލަން،" ވޯގް މަޖައްލާއަށް ރޮނާލްޑޯ ބުންޏެވެ. 

އޭނާ ބުނީ ފުޓްބޯޅައަށް ފަހު އޭނާގެ މުސްތަގުބަލު ބައްޓަންކުރާނެ ގޮތް އޮތީ ވަރަށް ރަނގަޅަށް ރާވާފައި ކަމަށެވެ. 

"އަހަރެން މަޝްއޫލުވެގެން އުޅޭނެ ވަރަށް ގިނަ ކަންކަން އެބަހުރި. އެހެންވެ ވަކި އެއް ކަމެއްގެ ވާހަކަ ދައްކަން ދަތި،" ޓްރެވަލް އާއި ޕެޑަލް އަކީ އޭނާ އެންމެ ގަޔާވާ ހަރަކާތްތަކުގެ ގޮތުގައި ފާހަގަކުރަމުން ރޮނާލްޑޯ ބުންޏެވެ.

"ފުޓްބޯޅަ ހުއްޓާލުމުން އުފެދޭ ހުސްކަން ފުރުމަށްޓަކައި، އެކި ކަހަލަ ކަންކަމުގައި ވަގުތު ހޭދަކުރަންޖެހޭ،" މެންޗެސްޓަ ޔުނައިޓެޑާއި ރިއާލް މެޑްރިޑް އަދި ޔުވެންޓަސްގެ ކުރީގެ ފޯވާޑް ބުންޏެވެ. 

ރޮނާލްޑޯ މި އިންޓަވިއު ދިން އިރު އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒްއާ މިދިޔަ އަންގާރަ ދުވަހު ޕޯޗުގަލްގެ ކާސްކައިސް ރިސޯޓުގައި ވަނީ ކައިވެނިކޮށްފަ އެވެ. 

އޭނާގެ ކާމިޔާބު ކެރިއަރާ ބެހޭ ގޮތުން ރޮނާލްޑޯ ބުނީ، "ހޯދި ކާމިޔާބީތަކުގެ އުފާ ކުރިއަށް އޮތް ތަނުގައި ލިބިގަންނަން ބޭނުން" ކަމަށެވެ.  އޭނާ ބުނީ މިއީ 25 އަހަރުގެ ބުރަ މަސައްކަތާއި ގުރުބާނީގެ ނަތީޖާ ކަމަށެވެ. 

މިއަހަރުގެ ވޯލްޑް ކަޕްގައި ގައުމީ ޓީމު ގަދަ 16 އަށް ގެންގޮސްދިނުމަށް ފަހު، ރޮނާލްޑޯ ދެން ގުޅޭނީ ސައުދީ ޕްރޯ ލީގުގެ އާ ސީޒަނަށް، އޭނާގެ ކްލަބް އަލް ނަސްރާ އެވެ. -- އޭއެފްޕީ