މި ސީޒަނަށް ފަހު ކުޅުން ހުއްޓާލަފާނެކަމުގެ އިޝާރާތެއް، ކްރިސްޓިއާނޯ ރޮނާލްޑޯ ދީފި އެވެ.
ސައުދީ ޕްރޯ ލީގުގެ އައް ނަސްރުގެ ކެޕްަޓަން، އެ ކްލަބާ އެކު އޮތް ކޮންޓްރެކްޓްގެ މުއްދަތު އަންނަ އަހަރު ޖޫން މަހު ހަމަވާނެ އެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ މީގެ ކުރިން ވެސް ބުނެފައި ވަނީ އޭނާ ރިޓަޔަރމަންޓް ގާތްވަމުން އަންނަ ކަމަށެވެ. ނަމަވެސް ފުޓްބޯޅަ ހުއްޓާލާނެ ސީދާ މުއްދަތެއް ނަމަވެސް ދިނުމަކީ އޭނާ މީގެ ކުރިން ކުރި އިއުލާނެއް ނޫނެވެ.
މިއަދު ޝާއިއުކުރި ވޯގް މަޖައްލާގެ އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ، މިއީ ފުޓްބޯޅަ ކުޅޭނެ އެންމެ ފަހު އަހަރު ކަމަށް ވުން ގާތް ކަމަށެވެ.
"މިއީ ފުޓްބޯޅައިގައި ހޭދަކުރާނެ އެންމެ ފަހު އަހަރު ކަމަށް ވުން ގާތް. އަދި ފުރިހަމަ ލެގަސީއަކާ އެކު ދޫކޮށްލަން ބޭނުން،" ރޮނާލްޑޯ ބުންޏެވެ.
މިދިޔަ ނޮވެމްބަރު މަހު ރޮނާލްޑޯ ބުނެފައި ވަނީ އިތުރު އެއް އަހަރު ނުވަތަ ދެ އަހަރު ކުޅުން ކުރިއަށް ގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ގައުމީ ޓީމަށް ކުޅޭނެ އެންމެ ފަހު މުބާރާތް ކަމަށް ވެސް އޭރު އޭނާ ވަނީ ކަށަވަރުކޮށްދީފަ އެވެ.
މިދިޔަ މަހު ނިމުނު ވޯލްޑް ކަޕުން ސްޕެއިން އަތުން ބަލިވެ ޕޯޗުގަލް ވަނީ މުބާރާތުން ކަޓައިފަ އެވެ. ނަމަވެސް ފުޓްބޯޅައިން ރިޓަޔާ ކުރާނެ ސީދާ ތާރީހެއް ބުނަން އޭރު ވެސް ރޮނާލްޑޯ ދިޔައީ ދެކޮޅު ހަދަމުންނެވެ.
މެންޗެސްޓާ ޔުނައިޓެޑް އަދި ރެއާލް މެޑްރިޑްގެ ކުރީގެ ފޯވަޑް ބުނީ ފުޓްބޯޅަ އަށް ފަހު ދިރިއުޅުން ކުރިއަށްގެންދާނެ ގޮތުގެ ރޭވުންތައް މިހާރު ފަށާފައިވާ ކަމަށެވެ. ދާދި ފަހުން އަލަތު ކައިވެނި ކުރި ރޮނާލްޑޯ ބުނީ އާއިލާއާ އެކު ވަގުތު ހޭދަކުރުމަށް ކެތްމަދުވެފައި ހުރި ކަމަށެވެ.
"މުސްތަގްބަލް މުޅިން ރާވާފައި ވަނީ. މަޝްއޫލުވުމަށް ކުރެވޭނެ ކިތަންމެ ކަމެއް އެބަހުރި،" ސްޕެއިންގެ ދެވަނަ ޑިވިޝަންގެ ކްލަބް އަލްމީރިއާގެ ކޯ އޯނަރު ބުންޏެވެ.