ވާލްޑް ކަޕަށް ފަހު ގާނާގެ ގައުމީ ޓީމުން އިސްތިއުފާދިން ތަޖުރިބާކާރު ކޯޗު ކާލޯސް ކުއިރޯޒް، އަލުން އެ ޓީމުގެ ކޯޗުކަމަށް ހަމަޖައްސައިފި އެވެ.

އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ އުމުރުން 73 އަހަރުގެ ކޯޗާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގައި އޭނާ ޓީމުގެ މަސައްކަތްތަކާ ހަވާލުވާނެ ކަމަށެވެ.

"ކުއިރޯޒްގެ ބައިނަލްއަގުވާމީ ބޮޑު ތަޖުރިބާ އާއި ޓެކްނިކަލް ގާބިލުކަމުގެ އިތުރުން ގާނާ ޓީމު ދަންނަ މިންވަރަށް ބަލާއިރު، ކުރިއަށް އޮތް ތަނުގައި ޓީމު ކުރިއަށްުގެންދަން އެންމެ އެކަށީގެންވަނީ އޭނާ ކަމަށް ޖީއެފްއޭ އިން ގަބޫލުކުރޭ،" ގާނާ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައިވެ އެވެ.

ކުއިރޯޒް އެންމެ ފުރަތަމަ ގާނާގެ ކޯޗުކަމާ ހަވާލުވީ ވާލްޑް ކަޕް ފެށެން 72 ދުވަހަށް ވެފައިވަނިކޮށެވެ. އެއީ ކުރިން އެ މަގާމުގައި ހުރި ކޯޗު އޮޓޯ އަޑޯ މަގާމުން ވަކިކުރުމުންނެވެ.

ލިބުނު ކުރު މުއްދަތުގައި އޭނާ ވަނީ ގާނާ ވާލްޑް ކަޕުގެ ގަދަ 32 ބުރަށް ގެންގޮސްދީފަ އެވެ. ވާލްޑް ކަޕަށް ފަހު ކުއިރޯޒް މަގާމުން ވަކިވީ އަމިއްލަ އަށެވެ. އޭނާ އަށް އަލުން މަގާމު ދިނީ އެ ގައުމުގެ ކުޅިވަރުގެ ވުޒާރާ އާއި އެފްއޭގެ މަޝްވަރާތަކަށް ފަހު އެވެ.

އަލުން ކޯޗުކަމާ ހަވާލުވުމަށް ފަހު ކުއިރޯޒްގެ އެންމެ ފުރަތަމަ އިމްތިހާނަކަށް ވާނީ މި މަހު، އެފްރިކަން ކަޕް އޮފް ނޭޝަންގެ ކޮލިފައިންގައި  އައިވަރީ ކޯސްޓާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗާއި ރަށުން ބޭރުގައި ކުޅޭ މެޗުތަކެވެ.