މެންޗެސްޓާ ސިޓީގެ ކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާއަށް ބޭކާރުގޮތުގައި ފަހަތަށް ޕާސް ދިނުން ހުއްޓާލަން އެ ޓީމުގެ ކުޅުންތެރިންނަށް ކޯޗު އެންޒޯ މަރެސްކާ އަންގައިފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕޯޓޯީއާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީގެ ފަހަތަށް ކުޅޭ ކުޅުންތެރިން ޑޮނަރުއްމާއަށް ދިން ޕާސްތަކެއްގެ ސަބަބުން، ޕޯޓޯގެ ވިލިއަމް ގޯމެސްއަށް ވަނީ ލަނޑު ޖަހާނެ ނުރައްކާތެރި ފުރުސަތުތަކެއް ލިބިފަ އެވެ.
ޕާސް ދިފާއު ކުރުމުގައި ޑޮނަރުއްމާގެ ފަރާތުން ފެނުނީ ހާސްކަމެވެ. އެހާސްކަމުގައި އޭނާގެ ގޯލަށް ބޯޅަ ނުވަނީ ކިރިކިރިޔާ އެވެ.
މަރެސްކާ ވަނީ އޭނާ ވެސް ނިސްބަތްވާ އިޓަލީގެ ކީޕަރު ދިފާއުކޮށްފަ އެވެ. އޭނާ ބުނީ އެކަމުގައި ޑޮނަރުއްމާގެ މައްސަލައެއް ނެތް ކަމަށެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި މިރޭ [ރޭ] ފެނުނު ކަންކަމަކީ ޖީޖިއޯ (ޑޮނަރުއްމާ) ގެ މައްސަލައެއް ނޫން. އެއީ ކުޅުންތެރިން އޭނާއަށް ފަހަތަށް ޕާސްދޭން ނިންމި ނުބައި ނިންމުންތަކުގެ ސަބަބުން ދިމާވި ކަންތައްތަކެއް ބައެއް ފަހަރު އަހަރެމެން ބޭނުންވާ ވަރަށް ވުރެ އިތުރަށް ކީޕަރާ ހަމައަށް ފަހަތަށް ކުޅޭ،" މަރެސްކާ ބުންޏެވެ.
"އެހެން އެއްވެސް ގޮތެއް ނެތިއްޔާ ކީޕަރާ ހަމައަށް ފަހަތަށް ޕާސް ކުރެވިދާނެ. ނަމަވެސް ކުޅުންތެރިން ޖެހޭނީ އެހެން މަގެއް ހޯދަން މަސައްކަތްކުރަން."
މަރެސްކާ ބުނީ ޕްރިމިއާ ލީގުގައި އެންމެ ފަހުން، ކޮވެންޓްރީއާ ދެކޮޅަށް ކުޅުނު މެޗުގައި ޑޮނަރުއްމާގެ ކުޅުން ވަރަށް ފުރިހަމަ ކަމަށެވެ. އޭނާ ވަނީ މުހިންމު ސޭވްތަކެއް ކޮށްފަ އެވެ.
ކޮވެންޓްރީ މެޗުގައި ލަނޑެއް ވަންނަން ދިޔަ ހާލަތެއްގައި ގޯހެއް ހެދުނު ކަމުގައި ވިޔަސް، (އޭނާ ވަރަށް ރަނގަޅު)،" މަރެސްކާ ބުންޏެވެ.
"އެއީ ކުސާ (އަބްދުލް ގާދިރު ހުސަނޯވް) ޖީޖިއޯއަށް ފަހަތަށް ޕާސްދިނުމުގައި ހެދި ގޯހެއް. އެހެންކަމުން ޖީޖިއޯއާމެދު އަހަރެން ހުރީ ވަރަށް ހިތްހަމަޖެހިފައި."
ޕޯޓާގެ ޑޯ ޑްރަގާއޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސިޓީން މެޗު ކާމިޔާބު ކުރީ 2-0 ންނެވެ. އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ އާލިންގް ހާލަންޑެވެ.
އެ ދެ ލަނޑާ އެކު އޭނާ ވަނީ ސިޓީގެ ކުރީގެ ފޯވާޑް ސާޖިއޯ ކުން އަގުއޭރޯ، ޗެމްޮިއަންސް ލީގުގައި އެ ކްލަބަށް ޖަހައި ދިން ލަނޑުގެ އަދަދާ ހަމަހަމަކޮށްފަ އެވެ. އެއީ 36 ގޯލެވެ. މުޅި މުބާރާތުގައި އޭނާ ޖެހި ގޯލްގެ އަދަދު ވަނީ 59 އަށް އަރާފަ އެވެ. އެ އަދަދު، ބްރޫޝިއާ ޑޯޓްމަންޑްގެ ކުރީގެ ފޯވާޑް ހަމަ ކުރީ 59 މެޗުންނެވެ.