ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް ކުރީގެ މަޝްހޫރު ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހީމް (ސޮބާ) ހަމަޖެއްސައިފި އެވެ.
ކުރިއަށް އޮތް އިންޓަނޭޝަނަލް ވިންޑީގައި ގައުމީ ޓީމުން ކުޅޭ ތިން މެޗާއި ސާފް ޗެމްޕިއަންޝިޕްގައި ވެސް ގައުމީ ޓީމުގެ ހެޑް ކޯޗު އިސްތަވާން އުރުބާނީގެ އެންމެ އިސް އެހީތެރިޔަކަށް ވާނީ އޭނާގެ ކުރީގެ ކުޅުންތެރިޔާ ސޮބާ އެވެ.
ގައުމީ ޓީމަށް 13 އަހަރު ކުޅުނު ސޮބާ ވަނީ އުރްބާނީ ރާއްޖޭގެ ކޯޗުކަމުގައި ހޭދަކުރި ފުރަތަމަ އަހަރު ޓީމުގެ ޑިފެންސްގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ޗައިނާ، ކިރްގިސްތާން އަދި ލުބުނާނާ ދެކޮޅަށް ކުޅޭ މެޗުތަކަށް ތައްޔާރުވާން ފެށުމުގެ ކުރިން ރޭ ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި އުރްބާނީ ބުނީ އެސިސްޓެންޓް ކޯޗަކަށް އޭނާ ކުރިން ކޯޗުކޮށް ދިން ޖީލުގެ ކުޅުންތެރިއަކު ހަމަޖައްސައިދިނުމަށް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ގެ ކިބައިން އެދުނު ކަމަށެވެ.
އުރުބާނީ ބުނިގޮތުގައި އޭނާގެ އެސިސްޓެންޓަކަށް ސޮބާ ނެގި އެންމެ ބޮޑު ސަބަބަކީ އޭނާއަކީ ގިނައިން ސުވާލުކޮށް ކޯޗަށް ވެސް ޗެލެންޖް ކުރާ މީހަކަށް ވާތީ އެވެ.
ސޮބާ އެކު މަސައްކަތް ކުރަން ފެށިފަހުން ކޮންމެ ދުވަހަކު ތިނެއް ނުވަތަ ހަތަރު ގަޑިއިރު ވާހަކަދައްކައި މަޝްވަރާކުރަން ހޭދަކުރާ ވަގުތުގައި، ސޮބާގެ ފަރާތުން ފެންނަނީ ވަރަށް ތަފާތު ސިފައެއް ކަމަށް އުރުބާނީ ބުންޏެވެ.
"އޭނާ ދަނީ ސުވާލުކުރަމުން. އަހަންނާ ސުވާލުކޮށް އަހަރެން ޓެސްޓުކުރާ ކަހަލަ ގޮތަކަށް (އޭނާ ސުވާލު ކުރޭ). (އޭނާ އަހާނެ) 'އޯކޭ ކީއްވެގެންހޭ ތިހެން ހީވަނީ؟'،" ސޮބާއާ ބެހޭގޮތުން ވާހަކަ ދައްކަމުން އުރްބާނީ ބުންޏެވެ.
"މިއީ އަސްލު ކަންކަން އޮންނަންޖެހޭނެ ގޮތަކީ. އަހަރެން ބޭނުންވަނީ ޗެލެންޖްތަކާ ކުރިމަތިލާން. އަދި ސޮބާއަކީ މެދުކެނޑުމެއްނެތި އެފަދަ ޗެލެންޖްތައް އަހަންނަށް ކުރިމަތިކުރުވާ މީހެއް."
ސޮބާ ފަދައިން ޓީމުގެ ކުޅުންތެރިންވެސް އޭނާއާ ސުވާލުކޮށް، ކަންކުރާ ސަބަބު އޮޅުންފިލުވުމަށް ހިތްވަރުދޭ ކަމަށް އުރުބާނީ ބުންޏެވެ.
އުރްބާނީ ބުނީ ކުޅުންތެރިންގެ ގާތު ވަކި ކަމެއް ކުރަން ބުނުމުން، އެކަމެއް ކުރަންޖެހޭ ސަބަބު ކުޅުންތެރިން އޭނާއާ ސުވާލު ކުރަން ޖެހޭ ކަމަށެވެ. އަދި އެ ސުވާލަށް އޭނާ އަށް ޖަވާބު ނުދެވިއްޖެނަމަ އެކަމެއް ނުކުރުމަށް ކުޅުންތެރިންނަށް މީގެ ކުރިން ވެސް ހަނދާންކޮށްދީފައި ވާނެ ކަމަށް، ކޯޗު ބުންޏެވެ.
"އަހަރެން ކުޅުންތެރިންނަށް ވެސް ހިތްވަރުދެނީ އަހަންނާ ސުވާލުކޮށް ޗެލެންޖް ކުރުމަށް. 'ކޯޗު، ކީއްވެގެންހޭ މިކަން މިހެން ކުރަންޖެހެނީ؟ އަހަރެން ޖަވާބުދޭން ބޭނުންވަނީ ކިހިނެއްހޭ؟' އަހަރެން ކުޅުންތެރިން ގާތު ބުނިން އަހަންނަށް އޭގެ ޖަވާބު ދޭން ނޭނގިއްޖެނަމަ، އަހަރެން އެދޭ ކަންތައް އެމީހުން ކޮށްގެން ނުވާނެއޭ،" އުރްބާނީ ބުންޏެވެ.
އަހަރެން ބޭނުންވަނީ މި ޒުވާން ކުޅުންތެރިން އެގޮތުގައި ފެންނަން. ތަޖުރިބާ ނެތް ކުޅުންތެރިން ކުރިއަރައި ހެދި ބޮޑުވާތަން ދެކެން އަހަރެން ބޭނުންވަނީ."
ސޮބާ، އެންމެ ފަހުން މަސައްކަތް ކުރީ ގައުމީ އަންހެން ޓީމުގެ ހެޑް ކޯޗުގެ ގޮތުގަ އެވެ. ސާފް އަންހެން ޗެމްޕޮއަންޝިޕްގައި ގައުމީ އަންހެން ޓީމުން ކުރި މަސައްކަތް އުރްބާނީ ފާހަގަ ކުރި އެވެ.