ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ނުޖަހައި ހުރެ ވެކްސިން ޖެހި ކަމަށް ބުނެ އޮޅުވާލި މައްސަލައިގައި ސްވިޒަލެންޑްގެ ކެޕްޓަން ގްރެނިޓް ޒަކާ ގައުމީ ޓީމުން ބޭރުކޮށްފި އެވެ. 

ވެކްސިން ނުޖަހައި ހުރެ، ވކެްސިން ޖަހާފައިވާކަމަށް ދައްކަން ފޭކް ލިޔުމެއް ޒަކާ، ކޮވިޑް-19 ގައި ދުވަސްވަރު ބޭނުން ކުރިކަމަށް އޭނާ ވަނީ އެއްބަސްވެފަ އެވެ. 

އެކި ގައުމުތަކަށް ދަތުރު ކުރުމުގައި އޭނާ ބޭނުން ކުރި ފޭކް ލިޔުމުގައި ވަނީ އޭނާގެ ޑޮކްޓަރު ވެސް ސޮއިކޮށްފަ އެވެ. އެ ލިޔުމުގައިވާ ގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް އޭނާ ޖަހާފައި ވަނީ ޖެނުއަރީ 25، 2022 ގަ އެވެ. ދެވަނަ ޑޯޒް ޖަހާފައި ވަނީ ނޮވެމްބަރު 11، 2022 ގަ އެވެ.

"އެ ވަގުތު އައި ޖަޒުބާތީ ހާލަތެއްގައި. ރަނގަޅު މަގުން ކަންކަން އޮޅުންފިލުވުމުގެ ބަދަލުގައި މިއީ ހޯދެނު ފޭކް ސެޓްފިކެޓެއް،" ސޯޝަލް މީޑިއާގައި ޒަކާ ލިޔުނެވެ.

"މިއަދު އަހަންނަށް ވަރަށް ސާފުކޮށް އެނގޭ މިއީ ރަނގަޅު ގޮތް ނޫންކަން. މިއީ ހެދުނު ބޮޑު ގޯހެއް. އަހަރެން މައާފަށް އެދެން."

ސްވިޒަލެންޑްގެ އިދާރާތަކުން އޭނާގެ މައްސަލަ ތަހްގީގުކުރަން ފެށުމުން، ސްވިޒަލެންޑްގެ އެފްއޭއިން ވަނީ އޭނާ ގައުމީ ޓީމުން ބާކީކޮށްފަ އެވެ. އެއީ ޒަކާއާ ވެސް ވާހަކަ ދައްކައިގެން ނިންމި ނިންމުމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

ސުވިޒަލަންޑުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޕީޓާ ކްނޭބަލް ވަނީ ޒާކާ ހެދި ގޯހުގެ  ޒިންމާ އަމިއްލައަށް ނެގުމުން އެކަމަށް މަރުހަބާ ކިޔާފަ އެވެ.

"އިއްޔެ [އާދިއްތަ ދުވަހު] ހަވީރު ގްރަނިޓް ޒަކާ ވަނީ މިކަމުގެ މައުލޫމާތު އަހަރެމެންނަށް ދީފައި. އަދި އާންމުކޮށް މިކަމަށް އެއްބަސްވެ ޒިންމާ ނަގާނެކަމަށް ވަނީ ބުނެފައި،" ކްނޭބަލް ބުންޏެވެ.

"އަހަރެމެން މަރްހަބާ ކިޔަން ގްރަނިޓް މި ނެގި ފިޔަވަޅަށް. އެކަމަކު މިވަގުތު ޓީމުގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތަކީ އޭނާ ނުލައި މެޗުތަކަށް ކުރިއަށް ދިއުން." 

ސުވިޒަލަންޑް ޓީމު މިވަގުތު ތިބީ ތުރުކީގެ ބެލެކްގަ އެވެ. އެއީ އުތުރު މެސެޑޯނިއާ އަދި ސްކޮޓްލޭންޑާ ދެކޮޅަށް ކުޅޭ ޔޫއެފާ ނޭޝަންސް ލީގު މެޗުތަކަށް ތައްޔާރުވުމަށެވެ.

އެ އެސޯސިއޭޝަނުން ބުނީ މި އިންޓަނޭޝަނަލް ބްރޭކަށްފަހު ޒަކާގެ މައްސަލަ އެ އެސޯސިއޭޝަނުން އަލުން ބަލާނެ ކަމަށެވެ.

ކުރިން އާސެނަލަށް ވެސް ކުޅުނު ޒަކާ މިހާރު ކުޅެމުން ދަނީ ސަންޑަލޭންޑަށެވެ.