އާޓިފިޝަލް ޓާފް ދަނޑެއްގައި ކުޅެން ޖެހޭތީ ދެކުނު ސޫދާނާ ދެކޮޅަށް މިސްރުން ކުޅޭ މެޗުގެ ސްކޮޑުން ޓީމުގެ ތަރި މުހައްމަދު ސަލާހް އުނިކޮށްފި އެވެ. 

މިސްރުގެ އެފްއޭއިން ބުނީ މެޗު ކުޅެންޖެހޭ ދަނޑުގެ ސަބަބުން އަނިޔާވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންވެ ޓީމުގެ ކެޕްޓަންކަން ވެސް ކުރާ ސަލާހް ސްކޮޑުން އުނިކުރަން ނިންމާފައިވާ ކަމަށް، އެ އިދާރާއިން ބުންޏެވެ. 

އެފްރިކަން ކަޕްގެ ކޮލިފައިންގައި މިސްރާ ދެކޮޅަށް ދެކުނު ސޫދާނުން ކުޅޭ މެޗު އޮންނާނީ އެ ގައުމުގެ ޖުބާގެ، ގައުމީ ސްޓޭޑިއަމްގަ އެވެ. އެތަނުގެ ވިނަގަނޑަކީ އާޓިފިޝަލް ޓާފް ދަނޑެކެވެ. 

ކޮލިފައިންގެ ފުރަތަމަ މެޗުގައި މިސްރުން ވަނީ އެންގޯލާއާ ދެކޮޅަށް ހުކުރުދުވަހުގެ ރޭ ކުޅެފަ އެވެ. ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ސަލާހް ވަނީ ކުޅެފަ އެވެ. އެކަމަކު ދެވަނަ ހާގުގައި މިސްރުގެ ކޯޗު ހުސާމް ހަސަން ވަނީ ސަލާހް ބަދަލުކޮށްފަ އެވެ. 

މިސްރުގެ ގައުމީ ޓީމަށް 68 ލަނޑު ޖަހައިދީފައިވާ ސަލާހް އަށް ދެކުނު ސޫދާން މެޗަށް ރެސްޓް ދިނީ މިސްރުގެ ޓެކްނިކަލް ޓީމު މަޝްވަރާ ކުރުމަށް ފަހު ކަމަށް ފުޓްބޯޅަ އިދާރާއިން ބުންޏެވެ. 

މިސްރުގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖެހީ މިހާރުގެ ކޯޗު ހުސާމް އެވެ. އޭނާ ވަނީ 69 ލަނޑު ޖަހާފަ އެވެ. އޭނާގެ ރެކޯޑް މުގުރާލަން ސަލާހަށް ދެން ބޭނުންވަނީ ދެ ލަނޑެވެ. 

"ދަނޑުގެ ޓާފު އޮތް ގޮތުން ސޫދާނާ ދެކޮޅަށް ކުޅޭ މެޗުގައި، މުހައްމަދު ސަލާހަށް އަރާމުކުރަން ވަގުތު ދޭން (ކޯޗު) ހުސާމް ހަސަންގެ އިރުޝާދުގެދަށުން މިސްރު ގައުމީ ޓީމުގެ ޓެކްނިކަލް ޓީމުން ވަނީ ނިންމާފަ އެވެ.،" މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަން (އީއެފްއޭ) އިން ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ. 

"ސޫދާނާ ދެކޮޅަށް ސަލާހް ނުކުޅޭނެ ކަމަށް އެންގޯލާ މެޗުގެ ކުރިން ޓީމުގެ ޓެކްނިކަލް ސްޓާފުންނާއި ސަލާހާ ދެމެދު ވަނީ އެއްބަސްވެފަ އެވެ. އަދި ޓެކްނިކަލް ޓީމުން މިގޮތަށް ނިންމީ ކުޅުންތެރިޔާއަށް އަނިޔާއެއް ވިޔަނުދީ ރައްކާތެރިކުރުމުގެ ގޮތުންނެވެ."