ވޯލްޑް ކަޕްގް ގަދަ 16 ގެ ބުރުގައި، ރޭ އާޖެންޓީނާ އަތުން 3-2 އިން މިސްރު ބަލިވި މެޗުގައި ވީއޭއާރްގެ ނިންމުންތަކުގެ ސަބަބުން އުފެދޭ ސުވާލުތަކާ އެކު، އެ މުބާރަތަށް ސިޔާސީ ނުފޫޒު ވަދެފައިވާކަމުގެ ތުހުމަތުގެ އަޑުތައް އިތުރަށް ގަދަވެއްޖެ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މުބާރާތުގައި "ބޭއްވުމަށް" ސިޔާސީ ނުފޫޒު ބޭނުންކޮށްފައިވާ ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ.
މެޗަށް ފަހު ވާހަކަދައްކަމުން މިސްރުގެ ކޯޗު ހުސާމް ހަސަން ބުނީ މެޗުގެ ރެފްރީންނަށް ވަނީ، މެސީ ފަދަ ބޮޑެތި ކުޅުންތެރިން މުބާރާތުގައި ބޭތިއްބުމަށް ފިއްތުންތައް ކުރިމަތިކުރުވާފައި ކަމަށެވެ.
"ފަހަރުގައި އެމީހުން ބޭނުންވީ މެސީ މުބާރާތުގައި ބެހެއްޓުމަށް ކަމަށް ވެދާނެ. ފުޓްބޯޅައިގައި ބައެއް ފަހަރު ކުޅިވަރުގެ ބޭރުން އެކި ކަންކަން ނުފޫޒު ފޯރުވައިފައިވޭ. ދުނިޔޭގެ ޗެމްޕިއަނުންނަށް ހުރިހާ ފެންވަރެއްގައި އެހީތެރިކަން ލިބުނު،" ތުހުމަތުކޮށް އޭނާ ބުންޏެވެ.
މި މައްސަލައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ.
އެމެރިކާގެ ފޯވާޑް ފްލޯރިއަން ބަލޯގަންގެ ރަތް ކާޑް ބާތިލުކޮށް، އޭނާ އަށް މައާފު ދިނީ އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފީފާގެ ވެރިންނަށް ގުޅުއްވައިގެންނެވެ.
ޓްރަމްޕާއި ފީފާ ވެރިޔާ ޖިއާނީ އިންފަންޓީނޯ "ގުޅިގެން ހިންގި" އެ ކަންތައްގަނޑުގެ އަޑުތައް މައިތިރިނުވަނީސް، އާޖެންޓީނާ އާއި މިސްރުގެ މެޗުގައި، ކަންކަން ހިނގާދިޔަ ގޮތުން ސިޔާސީ ނުފޫޒު ވޯލްޑް ކަޕްގެ ނިންމުންތަކަށް ވަދެފައިވާކަމުގެ ތުހުމަތު ވަނީ އިތުރަށް ގަދަ ވެފަ އެވެ.
ޝަންހާއީގެ އެމްލިއޯން ބިޒްނަސް ސްކޫލްގެ ޕްރޮފެސަރެއް ކަމަށްވާ ސައިމަން ޗެޑްވިކް ވިދާޅުވީ ބަލޯގަންގެ މައްސަލައަށްފަހު ރެފްރީންގެ ނިންމުންތަކުގެ ސައްހަކަމާމެދު ސުވާލު އުފއްދޭ ކަމަށެވެ. އޭނާ ވިދާޅުވީ އިތުބާރު ކުރަންވީ ކޮން ނިންމުމަކަކަން މިހާރު ނޭނގޭ ކަމަށެވެ.
"ބަލޯގަންގެ މައްސަލައަށްފަހު ކޮން ނިންމުމެއްގެ ސައްހަކަމަށްތޯ އިތުބާރުކުރަންވީ؟ އަދި ކޮން ނިންމުމަކަށްތޯ އިތުބާރު ނުކުރަންވީ އެނގޭނީ ކާކަށް؟،" އަލްޖަޒީރާ އަށް ދިން އިންޓަވިއުގައި ޗެޑްވިކް ވިދާޅުވި އެވެ.
އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއި އަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ތާއީދުކުރާ ބޭފުޅެކެވެ. ޓްރަމްޕާ އެއް ވިސްނުމުމެއްގެ ސިޔާސަތެއް ގެންގުޅުވާ ލީޑަރެއްގެ ގޮތުގައި މިލެއި ވަނީ ފާހަގަ ވެފަ އެވެ. އަދި ޓްރަމްޕް ވެސް ވަނީ މިލެއިއަކީ އޭނާއަށް "އެންމެ ކަމުދާ" ރައީސްގެ ގޮތުގައި ވެސް ސިފަކޮށްފަ އެވެ.
"ޓްރަމްޕްގެ ސަރުކާރުން މުބާރާތުގެ ނިންމުތަކަށް ވަދެ ފާރަވެރިވަމުންދާއިރު ހަނދާން ބަހައްޓަންޖެހޭ ކަމަކީ އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއި އަކީ ޓްރަމްޕަށް ވަރަށް ބޮޑަށް ތާއީދުކުރާ މީހެއްކަން،" ޗެޑްވިކް ވިދާޅުވި އެވެ.
ޗެޑްވިކް އިތުރަށް ބުނި ގޮތުގައި މިސްރުގެ ކޯޗު ހުސާމް ހަސަން ފަލަސްތީނަށް ތާއީދުކޮށް ދެއްކި ވާހަކަތަކުގެ ސަބަބުން، ބައެއް ރެފްރީންގެ ހިތުގައި މިސްރާ މެދު ނުރުހުންތެރިކަން އުފެދިފައިވުމަކީ ވެސް އެކަށީގެންވާ ކަމެއް އެވެ.
ހުރިހާ އެޑްވާންޓޭޖެއް އާޖެންޓީނާ އަށްތަ؟
މިސްރުގެ ދެވަނަ ގޯލް ބާތިލު ކުރި ވީއޭއާރްގެ ނިންމުމާ ބެހޭގޮތުން ވާހަކަދައްކަމުން ޗެޑްވިކް ވިދާޅުވީ އެ ވަގުތު ކަންތައް ހިނގާދިޔަ ގޮތް ވަރަށް އާދަޔާ ހިލާފު ކަމަށެވެ. މިސްރުން ދެވަނަ ގޯލު ޖެހުމުން އެތައް އިރެއް ފަހުން ވީއޭއާރުން އެކަން ބެލިއިރު، މެޗުގެ ރެފްރީއަށް އެ ވަގުތުން ވަގުތަށް ފައުލް ކަނޑަނޭޅުނީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދި އެވެ.
ޕޯޗުގަލްގެ މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ވެސް ވަނީ އާޖެންޓީނާ އާއި މިސްރު މެޗުގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
މިއީ ފާޅުކަން ބޮޑު ގޮތެއްގައި ހިންގި ވައްކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރި އެވެ.
"މިއީ ހަމަ ދުވާލު ހިންގި ބޮޑު ވައްކަމެއް،" މޮރޮނީއޯ ސިފަކޮށްފައިވާ ކަމަށް އަލް ޖަޒީރާއިން ބުންޏެވެ.
އެކަމަކު ބައެއް ތަޖުރިބާކާރުން ބުނީ ވީއޭއާރް މެދުވެރިކޮށް ނިންމި ނިންމުތައް ދެކޮޅަށް ވެސް ނިންމެން ހުރި ކަމަށެވެ.
ޔޫރަޕާއި އުތުރު އެފްރިކާ ސަރަހައްދުގެ ފުޓްބޯޅަ ދިރާސާކުރާ އަލީ އެލް ގަރްނީ ބުނި ގޮތުގައި ވައްކަމޭ ބުނުމަކީ ބޮޑު ބަހެކެވެ.
އޭނާ ބުނީ ވީއޭއާރުން އާޖެންޓީނާ ކޮޅަށް ނިންމުންތައް ނިންމާފައި ހުރީ ދެކޮޅަށް ވެސް ނިންމެން ހުރި ނިންމުންތަކެކެވެ.
"ފިފްޓީ ފިފްޓީ ނިންމުންތަކެއް ދެކޮޅަށް ވެސް ނިންމިދާނެ. އާޖެންޓީނާ އަށް ފައިދާވީ ފިފްޓީ ފިފްޓީ ނިންމުންތަކުގައި އެ ޓީމު ކޮޅަށް ނިންމާފައި ހުރުމުން،" އޭނާ ބުންޏެވެ.
މިސްރުގެ ދެވަނަ ގޯލް ބާތިލު ކުރި ނިންމުމަކީ، ސައްހަ ފައުލެއްގެ މައްޗަށް ބިންކޮށްފައިވާ ނިންމުމެއް ކަމަށް އެލް ގަރްނީ ބުންޏެވެ.
"މިސްރުގެ ބާތިލްކުރި ގޯލަށް މަގުފަހިވި ހާދިސާއަކީ ފައުލެއްކަން ކަށަވަރު. ސުވާލަކީ ގޯލެއްގެ ސައްހަކަން ބެލުމަށް ވީއޭއާރުން ކިހާ ދުރަކަށް ބަލަންޖެހޭނެތޯ،" އޭނާ ބުންޏެވެ.
އާޖެންޓީނާގެ ތިންވަނަ ގޯލުގެ ކުރިން، އެ ޓީމުގެ ކުޅުންތެރިން މިސްރުގެ މުހަންމަދު ސަލާހަށް ފައުލްކުރި ކަމަށް މިސްރުގެ ބެންޗުން އެޕީލް ކުރި އެވެ. ނަމަވެސް ވީއޭއާރުން އެކަން ނުބަލަ އެވެ.
"މިސްރަށް މިކަން ބޮޑު މައްސަލައަކަށްވީ އާޖެންޓީނާގެ ތިންވަނަ ގޯލު ޖެހުމުގެ ކުރިން ސަލާހަށް ފައުލްކުރި ކަމަށް ބެލެވޭ ހާދިސާ ހިނގިއިރު ވީއޭއާރުން އެކަން ނުބެލުމުން،" އޭނާ ބުންޏެވެ.
އެކަމަކު މިސްރުގެ މަރުވާން އަތިއާ، އާޖެންޓީނާގެ ލިސަންޑްރޯ މާޓިނޭޒްގެ ގަޔަށް އަތްލައި ފައުލު ކުރި ހާދިސާގައި ވީއޭއާރް މެދުވެރިކޮށް ރެފްރީ އެކަން ބެލި އެވެ. ފައުލެއްކަން ކަނޑައެޅީ ވީއޭއާރުން އެކަން ބެލުމަށް ފަހު އެވެ.
އާޖެންޓީނާގެ ތިންވަނަ ގޯލް ޖެހުމުގެ ކުރިން ސަލާހަށް ފައުލެއް ކުރިތޯ ވީއޭއާރުން ނުބެލީ ކީއްވެގެންތޯ ޗެޑްވިކް ސުވާލު އުފެއްދި އެވެ.
"މި ޓެކްނޮލޮޖީ [ވީއޭއާރް] ގެ ބޭނުމަކީ ޝައްކުތައް މަދުކޮށް އެއް ހަމައަކުން ކަންކަން ބެލެހެއްޓުން. ނަމަވެސް މި މެޗުގައި އެކަންވީ އޭގެ ސަބަބުން ކުޅުންތެރިންނަށް ބޮޑެތި އަސަރުތަކެއް ކުރުވި ކަމަކަށް،" ޗެޑްވިކް ވިދާޅުވި އެވެ.