ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި މިސްރުން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، މެޗުގެ ފަހު 20 މިނެޓްތެރޭގައި ޗެމްޕިއަން އާޖެންޓީނާއިން ނަތީޖާ އަނބުރާލައި ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އެމެރިކާގެ އެޓްލާންޓާގައި ކުޅުނު މެޗު ފަހަތުން އަރައި އާޖެންޓީނާއިން ކާމިޔާބު ކުރީ 3-2 ންނެވެ. 

ވަރުގަދަ ޑިފެންސިވް ވިސްނުމެއްގައި ކުޅެމުން ދިޔަ މިސްރުން ވަނީ ފުރަތަމަ ހާފުގައި،  އާޖެންޓީނާ ސިއްސުވާލާފަ އެވެ.

މެޗުގެ 15 ވަނަ މިނެޓުގައި މިސްރުން ވަނީ ގޯލެއް ޖަހައި ލީޑް އެވެ. މަރްވާން އަތިއާ ނަގައިދިން ކޯނަރަކުން، އާޖެންޓީނާގެ އޭރިއާ ތެރެއިން މައްޗަށް އަރައި ބޮލުން ގޯލަށް ފޮނުވާލައިގެން ގޯލު ޖަހއިދިނީ ޑިފެންޑަރު ޔާސިރު އިބްރާހިމެވެ.

ނަތީޖާ އެއްވަރުކުރުމަށް އާޖެންޓީނާ އިން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. މެޗުގެ 20 ވަނަ މިނެޓުގައި އާޖެންޓީނާގެ ނިކޮލަސް ޓަލިއަފީކޯ އަށް އޭރިއާ ތެރެއިން މިސްރުގެ ޑިފެންޑަރު ކުރި ފައުލަކަށް ރެފްރީ ވަނީ އާޖެންޓީނާއަށް ޕެނަލްޓީއެއް ދީފަ އެވެ.

ނަމަވެސް މެޗުގެ 21 ވަނަ މިނެޓުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ފޮނުވާލި ޕެނަލްޓީ، މިސްރުގެ ކީޕަރު މުސްތަފާ ޝުބޭރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ. މެސީ ވައަތު ފައިން ފޮނުވާލި މި ބޯޅަ ކީޕަރު ދިފާއުކުރީ ކަނާތް ފަރާތަށް ޑައިވްކޮށްފަ އެވެ.

އާޖެންޓީނާގެ ހާސްކަން އިތުރަށް ބޮޑުވީ މެޗުގެ 31 ވަނަ މިނެޓުގައި މެސީ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ގޯލުގެ ދަނޑީގައި ޖެހުމުން އެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި މި ހިތްގައިމު ބޯޅަ ކީޕަރަށް ސަލާމަތް ނުކުރެވުނު ނަމަވެސް، ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ފުރަތަމަ ހާފުގެ ފަހު މިނެޓުތަކުގައި އާޖެންޓީނާ އިން ގިނަ ހުރަސްތަކެއް ނަގައި މިސްރުގެ ގޯލަށް ނުރައްކާކުރި އެވެ. ކީޕަރު މުސްތަފާ ޝުބޭރު ވަނީ އެ ހާފުގައި ނުރައްކާތެރި ދެ ހަމަލާ ހުއްޓުވާފަ އެވެ.

އާޖެންޓީނާ އިން ދެވަނަ ހާފަށް ނުކުތީ ވަރަށް ބޮޑު ނުތަނަވަސްކަމަކާ އެކު އެވެ. މިސްރުގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލަން އާޖެންޓީނާއަށް ވަނީ އުނދަގޫވެފަ އެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ވީއޭއާރް އިން ވަނީ މިސްރުން ޖެހި ގޯލެ ބާތިލްކޮށް، އާޖެންޓީނާއަށް އުންމީދެއް ދީފަ އެވެ.  މިސްރުން ދެވަނަ ހާފުގައި ކައުންޓާ އެޓޭކެއްގައި ގޯލެއް ޖެހި ނަމަވެސް އެކަމުގައި ބޮޑު ބަހުސެއް އުފެދުނެވެ.

މިސްރުގެ ހައިސަމް ހަސަން ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު މުހައްމަދު ސަލާހަށް ބޯޅަ ދިނުމުން، އޭނާ ވަނީ މުސްތަފާ ޒިކޯއަށް ރީތި ބޯޅައެއް ލައިފީފަ އެވެ. ޒިކޯ ވަނީ އާޖެންޓީނާގެ ކީޕަރު އެމީލިއާނޯ މާޓިނޭޒް ކައިރިން ބޯޅަ ގޯލަށް ފޮނުވާލާފަ އެވެ.

ނަމަވެސް ހަމަލާ އުފެއްދުމުގެ މަރުހަލާގައި ހިނގި ކަމަކަށް ވީއޭއާރުން އެ މައްސަލަ ބަލަން ފެށި އެވެ.

ދަނޑު ކައިރީގައި ހުރި މޮނިޓަރުން ރެފްރީ މި ހާދިސާ ބެލުމަށްފަހު ނިންމީ، މިސްރުގެ މަރްވާން އަތިއާ، އާޖެންޓީނާގެ ލިސަންޑްރޯ މާޓިނޭޒަށް ފައުލްކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރެފްރީ ވަނީ އެ ގޯލު ބާތިލްކުރަން ނިންމާފަ އެވެ.

ގޯލު ބާތިލްކުރިތާ މަދު މިނެޓުކޮޅެއްގެ ތެރޭގައި، މެޗުގެ 67 ވަނަ މިނެޓުގައި މިސްރުން ވަނީ ގަވާއިދާ އެއްގޮތަށް ގޯލެއް ޖެހައި 2-0 ގެ ލީޑެއް ހޯދާފަ އެވެ.  މިފަހަރުގެ ގޯލު  ރަސްމީކޮށް ބަލައިގަތެވެ.

މިސްރުން ދެ ލަނޑު ލީޑާކާ އެކު އޮތް އޮރުން އާޖެންޓީނާއިން ބަދަލު ކުރީ މެޗުގެ ފުރިހަމަ ވަގުތުގެ ފަހު 20 މިނެޓްތެރޭގަ އެވެ. 

މެޗުގެ 79 ވަނަ މިނެޓުގައި އާޖެންޓީނާ އިން ފުރަތަމަ ގޯލު ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރި އެވެ. މެސީ ނަގައިދިން ހުރަހަކަށް ރަނގަޅު ވަގުތެއްގައި ކުރިއަށް އަރައި، ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މިސްރުގެ ލީޑު 2-1 އަށް ކުޑަކޮށްދިނީ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އެވެ.

އޭގެ ހަތަރު މިނެޓު ފަހުން، މެޗުގެ 83 ވަނަ މިނެޓުގައި އާޖެންޓީނާ އިން މެޗުގެ ނަތީޖާ ހަމަހަމަ އެވެ. ފުރަތަމަ ހާފުގައި ޕެނަލްޓީ ނާކާމިޔާބުވި މެސީ ވަނީ މިސްރުގެ ޑިފެންޑަރުންނަށް ސަލާމަތް ނުކުރެވި ދިޔަ ބޯޅައެއް ހޯދައި، ބާރު ހަމަލާއެއް ގޯލަށް ފޮނުވާލާފަ އެވެ. ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި އެތެރެއަށް ވަން މި ބޯޅާއާއެކު އާޖެންޓީނާ އިން ނަތީޖާ 2-2 އަށް އެއްވަރުކުރި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 11 މިނެޓްގެތެރެއިން، ދެވަނަ ވަނަ މިނެޓުގައި އާޖެންޓީނާ އިން މެޗުން މޮޅުވި ގޯލު ޖެހި އެވެ. މިސްރުގެ ވަރުބަލިވެފައި އޮތް ޑިފެންސްގެ ފައިދާ ނަގައި، މެޗު ނިމުމުގެ ކުޑަކޮށް ކުރިން އާޖެންޓީނާއަށް މި މެޗު 3-2 އިން ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒް އެވެ.