ހއ. ދިއްދޫގެ ތާރީހުގައި އެ ރަށުގައި ކުޅޭ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗު ބައްލަވާލެއްވުމަށް ދިވެހި ފުޓްބޯޅައިގެ ޝަރަފްވެރި ބޭފުޅުންކޮޅެއް އެ ރަށަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޓީމު ކަމަށްވާ ނިއު ރޭޑިއަންޓާ ދެކޮޅަށް ދިއްދޫ ކުޅޭ މެޗު އޮންނާނީ އެ ރަށު ސްޓޭޑިއަމުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ. މިއީ މި ސީޒަނުން ފެށިގެން ހޯމް އެންޑް އަވޭ އުސޫލުން ލީގު ބާއްވަން ފަށައި، މާލޭން އުތުރުގައި ކުޅޭ ފުރަތަމަ މެޗެވެ.

މި މެޗުގެ ޝަރަފްވެރި މެހެމާނަކީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

ދިއްދޫގެ ދައުވަތަކަށް އެ ރަށަށް ވަޑައިގަންނަވާ ޝަރަފްވެރިންގެ ތެރޭގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލާއި، ނިއު ރޭޑިއަންޓުގެ މަސްއޫލުވެރިޔާ ކުއީން އަހުމަދު ވަހީދު ހިމެނިވަޑައިގަންނަވަ އެވެ. މި ދަތުރުގައި ދެން ބައިވެރިވެވަޑައިގަންނަވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ތިން ކުޅުންތެރިން ކަމަށްވާ މޯނިންސަން މޫސާ މަނިކު (ކުޑަމޫސަ) އާއި އަންދަރުސަވާ އިބްރާހީމް ރަޝީދު (އަންދަރޭ) އާއި މައުރޫފް އަހުމަދު (މާއްޓޭ) އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު އަލީ ސުޒޭނެވެ.

ދިއްދޫ ސްޕޯޓްސްގެ ރައީސް މޫސާ ނަސީރު ވިދާޅުވީ މިއީ ދިއްދޫގެ ތާރީހުގައި މިހާތަނަށް ކުޅޭ އެންމެ ބޮޑު މެޗު ކަމަށާއި، އެހެންކަމުން މި މެޗަށް ފުޓްބޯޅައިން ރާއްޖެ އަށް ރީތި ނަން ހޯދާފައިވާ ބޭފުޅުންނަށް ވަޑައިގެންނެވުމަކީ އުފަލެއް ކަމަށެވެ.

މިއީ ދިއްދޫގެ އިތުރުން މާލޭން އުތުރުގައި ރާއްޖޭގެ އެންމެ ބޮޑު ލީގުގެ މެޗެއް ކުޅޭ ފުރަތަމަ ފަހަރު ވެސް މެ އެވެ. ލީގު ހޯމް އެންޑް އަވޭ އުސޫލުން މި ސީޒަނުން ފެށިގެން ބާއްވަން ފަށައި މެޗުތައް އޮންނަނީ މާލެ އާއި ދިއްދޫގެ އިތުރުން ގދ. ގައްދޫގަ އެވެ.

ދިއްދޫ އަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި މައިގަނޑަށް ހިމެނެނީ ނިއުއާ ތާރީހީ ގޮތުން ގުޅިފައިވާ ބޭފުޅުންނެވެ. ކުއީން ވަހީދަކީ އެ ކްލަބުގެ ރަން ޒަމާނުގައި ކްލަބް ހިންގެވި ބޭފުޅާ އެވެ. ކުޑަމޫސަ އާއި އަންދަރޭ އަކީ އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދެއްވާފައިވާ ކުޅުންތެރިންނެވެ. ސުޒޭނަކީ ނިއުގެ ވާދަވެރި ވިކްޓްރީ އަށް ކުރިން ކުޅެ ކޯޗުކޮށްދީފައިވީ ފަރަތރެއް ނަމަވެސް މިދިޔަ ސީޒަނުގައި އޭނާ ނިއު އަށް އިރުޝާދުދިނެވެ. އިބްރާހީމް އިސްމާއިލަކީ ގައުމީ ޓީމުގެ ފުރަތަމަ ކެޕްޓަންގެ އިތުރުން ކުރީގެ ފީފާ ރެފްރީއެކެވެ. މާއްޓޭ އަކީ، ވިކްޓްރީ އަށް ކުޅެ ކޯޗުކޮށްދީފައިވާ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗެވެ.

ދިއްދޫ ޓީމުގެ ފަރާތުން ވިދާޅުވީ މި މުބާރާތާ އެކު ވަކިން ހާއްސަކޮށް މި މެޗާ ގުޅިގެން އެ ރަށަށް އީދެއް އައިސްފައިވާ ކަމަށެވެ.

"މުޅި ރަށް ޒީނަތްތެރިކޮށް، ދިދަޖަހައި، ގިޑިގެތައް ވަނީ ތައްޔާރުކޮށްފައި،" އޭނާ ވިދާޅުވި އެވެ.

 މި  މެޗަށް ނިއުގެ ޓީމު ރޭ އެ ރަށަށް ދިއުމުން މަރުހަބާ ކިޔަން ގިނަ ރައްޔިތުންތަކެއް ބަނދަރަށް އެއްވި އެވެ. އަދި ދަރިވަރުން މަރުހަބާގެ އައިޓަމެއް ހުށަހެޅި އެވެ. އެ ރަށުގެ ޒުވާނުން ވަނީ ކުޅުންތެރިންނާ އެކު، ހާއްސަކޮށް ނިއުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާ އެކު ފޮޓޯ ނަގައިފަ އެވެ.

"ނިއު ރޭޑިއަންޓް ވީމާ އަންނަ ފޯރި ބޮޑު ވާނެ. ރަށުގައި އެންމެ ގިނަ ވާނީ ނިއުގެ ސަޕޯޓަރުން. މި ރަށުގައި ތިބޭ ނިއުގެ ސަޕޯޓަރުން ވެސް އަންނަނީ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވަމުން،"

އަނެއްކޮޅުން، ދިއްދޫ ޓީމަށް ސަޕޯޓްކުރުމަށް ބޮޑުތިލަންދުންމަތީގެ ގިނަ ރަށްރަށުން މީހުން އަންނާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

ދިއްދޫ އަކީ ޒަމާނުއްސުރެ ކުޅިވަރާއި، އިޖުތިމާއީ ކަންކަމުގައި ވަރަށް ފޯރި ނަގާ ރަށެކެވެ. މި ފަހަރު ވެސް ދިއްދޫ ޓީމުގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ ކުރިން ޒުވާނެއްގެ ހައިސިއްޔަތުން އެފަދަ ކަންކަން ލީޑުކުރެއްވި، މިހާރު އެ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްލަތީފް މުހައްމަދު (ފުނަމާ ލަތީ) އެވެ.

ލީގުގައި ދިއްދޫގެ ފުރަތަމަ ދެ މެޗު ކުޅުނީ މާލޭގަ އެވެ. އެގޮތުން ފުރަތަމަ މެޗުން ބުރު ސްޕޯޓްސް އަތުން 1-0 އިން މޮޅުވި ނަމަވެސް، ދެ ވަނަ މެޗުން ބިސް ބުރު އަތުން ވަނީ 1-0 އިން ބަލިވެފަ އެވެ.

ބިދޭސީ ކުޅުންތެރިންނާއެކު ދިއްދޫ ޓީމު ފެންނަނީ ވަރަށް ވަރުގަދަކޮށެވެ. ގައުމީ ކޯޗު އިސްތަވާން އުރްބާނީ ވެސް ވަނީ ދިއްދޫ ޓީމުން ލީގުގެ އެހެން ޓީމުތަކާ ދެކޮޅަށް ވެސް ވަރުގަދަ ފައިޓެއް ދޭނެ ކަމަށް ބުނެފަ އެވެ.

ނިއު ވަނީ ފުރަތަމަ މެޗުގައި ގދ. ގައްދޫގައި އެ ރަށު ޓީމު އަތުން 2-0 އިން މޮޅުވެފަ އެވެ. އަދި ދެވަނަ މެޗުގައި މާލޭގައި މާޒިޔާ އަތުން ވަނީ 3-2 އިން މޮޅުވި އެވެ.