މެޗުގައި ކުޅުންތެރިންގެ ސަމާލުކަން ގެއްލެނީ ފަހު ކަމަށާއި އެ ހާލަތު ބަދަލުކުރާނެކަމަށް ބުރު ސްޕޯޓްސްގެ ކޯޗު ކްރިސްޓިއަން ރޮޑްރިގޭޒް ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު، ބިސް ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗުގެ 80 ވަނަ މިނެޓާ ހަމައަށް ދިޔައިރު ވެސް ބުރު އޮތީ ލީޑްގަ އެވެ. ފުރަތަމަ ހާގުގައި އެ ޓީމުން ދެއްކި ކުޅުން ރޮޑްރިގޭޒް ފާހަގަ ކުރި އެވެ.
އޭނާ ބޭނުންވާ ކުރިއެރުން ޓީމުން ފެނޭތޯ ސުވާލު ކުރުމުން ޒުވާން ކޯޗު ރޮޑްރިގޭޒް ރެފަރެންސަކަށް ދެއްކީ ވެސް ބިސް ބުރާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފެވެ. ނަމަވެސް އެ މެޗުގައި ނަތީޖާ އަތުން ދޫވެގެން ދިޔައީ ފަހު ވަގުތުގައި ހެދުނު ކުދިކުދި ގޯސްތަކަކުން ކަމަށް ސްޕެއިންގެ ކޯޗު ބުންޏެވެ.
"މެޗުގެ 80 މިނެޓު ވަންދެން ޓީމުން ދެއްކި ކުޅުމާ މެދު އަހަންނަށް ގޯސް އެއްޗެކޭ ނުބުނެވޭނެ. މެޗުގެ 80 މިނެޓު އަހަރެމެން ޑޮމިނޭޓް ކުރިން. އެކަމަކު ހެދުނު ދެ ގޯހަކުން، ކުދިކުދި ތަފާތުތަކަކުން މެޗުން މި ބަލިވަނީ،" އޭނާ ބުންޏެވެ.
މެޗުތަކުން މޮޅުވެ، ބޭނުންވާ ނަތީޖާ ނެރުމަށްޓަކައި މުޅި 90 މިނެޓާއި އޭގެ ފަހުން ކުރިމަތިލާ އިތުރު ވަގުތުގައި ވެސް ސަމާލުކަން ދޭން ޖެހޭ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ 90 މިނެޓް ވަންދެން ކުޅުންތެރިން 200 ޕަސަންޓް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.
މެޗުގެ 90 މިނެޓް 200 ޕަސަންޓް ދީފައި، ދެން ކުރިމަތިލާ އިތުރުވަގުތައި 400 ޕަސަންޓް ދޭން ވީތޯ، އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ރޮޑްރިގޭޒްއާ ސުވާލު ކުރި އެވެ.
"ފަހަރެއްގައި،" އެ ސުވާލުގެ ޖާވަބަށް އޭނާ ބުންޏެވެ.
"ކުޅުންތެރިން ގާތުގައި ވެސް އަހަރެން ބުނިން 90 މިނެޓު މުޅިން ސަމާލުކަންދީގެން، 200 ޕަސަންޓް ދީގެން ކުޅެންޖެހޭނޭ. 90 މިނެޓު ފޯކަސް ނުކުރެވިއްޖެއްޔާ މިފަދަ ކަންކަން ދިމާވާނެ،" ފަހު ވަގުތު މެޗު އަތުން ދޫވެގެންދާ ގޮތަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.
މެޗުތަކުގެ ފަހުކޮޅު ނަތީޖާ ހިފެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކާ މެދު ވާހަކަދައްކަމުން ކޯޗު ބުނީ، ތަޖުރިބާކާރު ކުޅުންތެރިން ތިބިނަމަ މެޗުގެ ފަހު ވަގުތު ވެސް ކޮންޓްރޯލްކޮށްގެން ނަތީޖާ ސަލާމަތްކުރަން ފަސޭހަވާނެ ކަމަށެވެ.
"މެޗުގެ ފަހުކޮޅު 1-0 އިން ލީޑުގައި އޮންނައިރު މެޗުގެ ޓެމްޕޯ ކަންޓްރޯލްކޮށް، އިދިކޮޅު ޓީމު މަޑުޖައްސާލަން އެނގެންޖެހޭނެ. ތަޖުރިބާކާރު ދެތިން ކުޅުންތެރިން ތިބިނަމަ މިކަންކަން ބަދަލުވާނެކަން ޔަގީން. އެކަމަކު އެކަން (އެ ހާލަތު ޓީމުގައި ނެތްކަން) އެނގިގެން އަހަރެމެން މިދަނީ މަސައްކަތް ކުރަމުން،"
ދިވެހި ޕްރިމިއާ ލީގުގައި، ބުރުން މިއަދު ހަވީރު ނުކުންނާނީ ގައްދުއާ ދެކޮޅަށެވެ. ލީގުގައި ޕޮއިންޓެއް ވެސް ނުލިބި އޮތް ހަމައެކަނި ދެ ޓީމަކީ އެ ދެ ޓީމެވެ.