ފީފާއިން މެންބަރު ގައުމުތަކަށް ދިނުމަށް ހުށަހަޅާފައިވާ 6.35 ބިލިއަން ޑޮލަރުގެ ފަންޑު ފާސްވެއްޖެނަމަ، ރާއްޖެ ހިމެނޭހެން ކޮންމެ މެންބަރު ގައުމަކަށް ހަތަރު އަހަރުގެ ތެރޭގައި 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް ލަފާކުރެވިއްޖެ އެވެ.
މިއީ މިހާރުވެސް ފުޓްބޯޅަ ކުރިއަރުވަން މާލީ އެހީތެރިކަން އިންތިހާއަށް ބޭނުންވެފައިވާ އަދި ނިމިދިޔަ އެފްއޭއެމްގެ ދައުރުގެ ކޮރަޕްޝަނުގެ ސަބަބުން ބޮޑު ދަރަންޏަކާ ކުރިމަތިލާންޖެހިފައިވާ އެފްއޭއެމަށް ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީއެކެވެ.
ފީފާ އިން 2026-2030 ގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ތަރައްގީގެ ފަންޑަށް ފައިސާ ހަމަޖައްސަނީ މި އަހަރުގެ ވޯލްޑް ކަޕުން ލިބުނު ފައިދާއިންނެވެ. ވޯލްޑް ކަޕުން ލިބޭ ބޮޑު ފައިދާއާ އެކު ފީފާގައި ވަރަށް ބޮޑު ރިޒާވެއް އޮވެ އެވެ.
މި ފަންޑުގެ ވާހަކަ ފީފާއިން ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް، އޭއެފްޕީ އިން ވަނީ މަސްދަރުތަކާ ހަވާލާދީ މިކަން ކަށަވަރުކޮށްދީފަ އެވެ.
މި ފަންޑު ފާސްކުރުމަށް ހަމަޖެހިފައިވަނީ ޒިއުރިކްގައި މިއަދު އޮންނަ ފީފާ ކައުންސިލް ބައްދަލުވުމުގަ އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިސްވެ ހުންނަވައި މީގެ ކުރިން ވަނީ ވޯލްޑް ކަޕުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކައިގެން ލިބޭ ފައިސާއިން ގައުމުތަކަށް ބޮޑު އެހީއެއް ދިނުމަށް ރާއްވަވާފަ އެވެ. ނަމަވެސް، އަމިއްލަ އިންވެސްޓަރުންނަށް ވޯލްޑް ކަޕުގެ ހިއްސާ ވިއްކުމަކީ ފުޓްބޯޅައިގެ އެތިކްސްއާ ހިލާފު ކަމެއްކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުން އެކަން ކުރިއަށް ނުގެންދަން ނިންމީ އެވެ.
އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެއްދެވި ޔުއެފާގެ ރައީސް އަލެކްސަންޑާ ކެފެރިން އާއި ކޮންކާކާފްގެ ރައީސް ވިކްޓާ މޮންޓަގްލިއާނީ ވަނީ ވޯލްޑް ކަޕުގެ ހިއްސާ ނުވިއްކި ނަމަވެސް ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވައި، ކޮންމެ ގައުމަކަށް 10 މިލިއަން ޑޮލަރު ދިނުމަށް ހުށަހަޅުއްވާފަ އެވެ.
ފީފާ އިން ދޭން މި ނިންމީ އެއަށް ވުރެ މާބޮޑު އަދަދެކެވެ. ބެލެވޭ ގޮތުގައި މި އެހީއަކީ އަންނަ އަހަރުގެ މާޗު މަހު އިތުރު ދައުރަކަށް ފީފާގެ ރައީސްކަމަށް ކުރިމަތިލައްވާ އިންފަންޓީނޯގެ ކެމްޕެއިންގެ ބައެކެވެ. އޭނާއާ އިދިކޮޅު ފަރާތްތަކަށް މިހާތަނަށް އެއް ކެންޑިޑޭޓަކަށް އެއްބަސްވެވިފައެއް ނުވެ އެވެ. އެހެންވެ އޭނާ ހޮވުމުގެ ފުރުސަތު ބޮޑެވެ.