ފީފާއިން މިދިޔަ އަހަރު މުޅިން އަލަށް ތައާރަފްކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިން ފީފާގެ ސުލްހައިގެ އިނާމު އުވާލުމާ މެދު މަޝްވަރާކޮށްފި އެވެ. 

ބުރާސްފަތި ދުވަހު ބޭއްވި ފީފާގެ ކައުންސިލްގެ ބައްދަލުވުމުގައި، ވަނީ ފީފާއިން ދޭ، އެވޯޑްތައް ދިރާސާކުރުމަށް އެ އިދާރާގެ އިޖްތިމާއީ ކޮމިޓީއާ ހަވާލުކޮށްފަ އެވެ. 

ޖުމުލަ 22 މެންބަރުން ތިބޭ، ކޮމިޓީގައި އިންޓަ މިލާން އާއި އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ހާވިއޭ ޒެނެޓީ ހިމެނެ އެވެ. އޭނާ ނައިބު ރައީސްކަން ކުރާ، ކޮމިޓީން އެ އެވޯޑް ދިރާސާގައި އަލުން އެ އެވޯޑް ދޭން ފެނޭތޯ ވެސް މަޝްވަރާކުރާނެ އެވެ. 

އެ އެވޯޑް ބާއްވަން ފެންނަނަމަ، ސިޔާސީ މީހަކަށް އެވޯޑް ނުދިނުމަށް ޝަރުތުކުރާނެ އެވެ. 

ސްވިޒަލެންޑްގެ ޒިޔުރިކްގައި ބޭއްވި ފީފާގެ ކައުންސިލް ބައްދަލުވުމަށް ފަހު، ފީފާގެ ނައިބު ރައީސް އަދި އިންގްލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭ) ގެ ރައީސް ޑެބީ ހިއުއިޓް ބުނީ އެވޯޑް އަލުން ބާއްވަން ޖެހޭތޯއާ މެދު ވެސް ކައުންސިލްގައި މަޝްވަރާ ކުރެވުނު ކަމަށެވެ. 

"ޕީސް ޕްރައިޒާ މެދު އަލުން ވިސްނައި ސޯޝަލް ކޮމިޓީ މެދުވެރިކޮށް އެކަމުގައި ގޮތެއް ނިންމުމަށް ވަނީ ނިންމާފައި،" ނޫސްވެރިންނާ ވާހަކަ ދައްކަމުން ހިއުޓް ބުންޏެވެ.

"އެއީ ފެންމަތިވި އިތުރު މައްސަލައެއް. އެއީ އެފަދަ އެވޯޑެއް އޮންނަންޖެހޭނެތޯއާއި އެ އެވޯޑު ދިނުމަށް ނިންމީ ކިހިނެއްކަމާއި އަދި އިތުރު އެވޯޑެއް ދޭންޖެހޭނެތޯ. އެ ސުވާލުތަކަށް ސޯޝަލް ކޮމިޓީ މެދުވެރިކޮށް ޖަވާބު ލިބިގެންދާނެ."

މިދިޔަ އަހަރު ނޮވެމްބަރު މަހު ފީފާއިން ބުނީ އެ އިދާރާގެ ސުލްހައިގެ އެވޯޑަކީ އަހަރަކު އެއްފަހަރު ބާއްވާނެ އެވޯޑެއް ކަމަށެވެ. އަދި އެ އެވޯޑް ދޭނީ ދުނިޔޭގެ ސުލްހައަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތަކަކަށް ކަމަށް ފީފާއިން އިއުލާން ކުރި އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މީހުން ގުޅުވާލައިދިނުމުގައި ދައުރެއް އަދާކޮށްފައިވާ ފަރާތަކަށް ވާން ވެސް ފީފާއިން އޭރު އިއުލާން ކުރި ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. 

އެކަމަކު އެގޮތަށް އިއުލާން ކުރުމަށް ފަހު މި އެވޯޑު ދީފައިވަނީ ޓްރަމްޕަށެވެ. އޭނާ އަށް އެވޯޑް ދިނުމުން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ވެސް ފާޑުކިޔުން އަމާޒުވި އެވެ.