ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކްލަބް ވެމްކޯއިން ކާމިޔާބު ކޮށްފި އެވެ.
ގައުމީ ލީގުގެ އަންހެން ޑިވިޝަނުގެ ފަހު މެޗުގައި ޕޮލިސް ކްލަބާ ދެކޮޅަށް ކުޅެ ވެމްކޯއިން ތަށި ނެގީ 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
ފުރަތަމަ ސެޓް 25-22 އިން ޕޮލިސް ކްލަބުން ގެންގޮސްފައިވަނިކޮށް، ވެމްކޯއިން ވަނީ ކުޅުން ރަނގަޅުކޮށް ދެން ވިދިވިދިގެން ތިން ސެޓް ވެސް ކާމިޔާބުކޮށްފަ އެވެ. އެ ސެޓްތައް އެ ޓީމުން ގެންދިޔައީ 25-19، 25-22 އަދި 25-19 އިންނެވެ.
އަންހެން ޑިވިޝަނުގެ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ސެޓަރުގެ މަގާމު ހޯދީ ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރެވެ. އެންމެ މޮޅު ކޯޗަކަށް ވެމްކޯގެ އަހްމަދު އަދީލެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވުނީ ވެސް އެ ޓީމުގެ ތައިލެންޑްގެ ވަރައަންޏާ ސިލޯންގް އެވެ.
ގައުމީ އަންހެން ލީގުގެ ޑްރީމް ޓީމު
+ އެންމެ މޮޅު އައުޓްސައިޑް އެޓޭކަރުން:
- ހައްވާ ރާޝިދާ (ޕޮލިސް ކްލަބް)
_ އާމިނަތު ޝަހާ ޝާމިން (ޕޮލިސް ކްލަބް)
+ އެންމެ މޮޅު މިޑްލް ބްލޮކަރުން:
- ނަރީމާ އިދްރިސް (ކްލަބް ވެމްކޯ)
- އާމިނަތު ރިޔާސާ (ކްލަބް އެމްޓީސީސީ)
- އެންމެ މޮޅު ސެޓަރު: ފާތިމަތު ޖޫޒާން ޒަރީރު (ކްލަބް ވެމްކޯ)
- އެންމެ މޮޅު އޮޕަސިޓް ކުޅުންތެރިޔާ: މާޔާ ހުސައިން ސޮލާހް (ކްލަބް އެމްޓީސީސީ)
- އެންމެ މޮޅު ލިބަރޯ: މައިހާ އަލީ (ކްލަބް ވެމްކޯ)
- 21 އަހަރުންދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ ފާތިމަތު އަމާނީ އަހްމަދު ޝިޔާމް (ކްލަބް އެމްޓީސީސީ)
- މުބާރާތުގެ އެންމެ މޮޅު ކޯޗު: އަހްމަދު އަދީލް (ކްލަބް ވެމްކޯ)
- އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: ވަރައަންޏާ ސިލޯންގް (ކްލަބް ވެމްކޯ)
- މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ފާތިމަތު ޖޫޒާން ޒަރީރު (ކްލަބް ވެމްކޯ)
އަންހެން ޑިވިޝަން ގައުމީ މުބާރާތް، މާދަމާ ފަށާނެ އެވެ. ފުރަތަމަ މެޗުގައި މާދަމާ ހަވީރު ނުކުންނާނީ ޕޮލިހާއި ހުރާ ކޮމިޔުނިޓީ ކްލަބެވެ.
ފިރިހެން ޑިވިޝަން ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިހަށް
ފިރިހެން ޑިވިޝަނުގެ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކްލަބުން ވަނީ ކާމިޔާބު ކޮށްފަ އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ރޭ ކުޅުނު ފައިނަލް މެޗު، ޕޮލިހުން ކާމިޔާބު ކުރީ ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައިގެންނެވެ.
މެޗުގެ ސެޓުތައް ޕޮލިސް ކްލަބުން ގެންދިޔައީ 25-11، 25-17 އަދި 25-20 އިންނެވެ.
ފިރިހެން ޑިވިޝަނުގެ މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިން ވަނީ ހޮވާފަ އެވެ. އެ މަގާމު ހޯދި ތިން ކުޅުންތެރިންނަކީ ޕލިސް ކްލަބްގެ އަހްމަދު ނާފިއު އާއި ސިފައިންގެ އަހްމަދު ނަބީލާއި އަދި ޕޮލިހުގެ އަލީ މައުރޫފެވެ. މަގާމު ޕޮލިސް ކްލަބުގެ
އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޕޮލިސް ކްލަބްގެ ނަސްރުﷲ ތޯހާ އެވެ. އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު ހޯދީ ޕޮލިސް ކްލަބުގެ ރަޝިއާގ އައުޓްސައިޑް އެޓޭކަރު އަންދުރޭ ވަޒްލެންކޯ އެވެ. އެންމެ އުއްމީދީ ކުޅުންތެރިޔާ ނުވަތަ 21 އަހަރުންދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ކްލަބުގެ އިޔާން އަލީ އެވެ.
ގައުމީ މުބާރާތުގެ ފަރުދީ އެވޯޑްތައް:
- 21 އަހަރުންދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އިޔާން އަލީ (ސިފައިންގެ ކްލަބް)
- އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ އަންދުރޭ ވަޒްލެންކޯ (ޕޮލިސް ކްލަބް)
+ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިން:
- އަހްމަދު ނާފިއު (ޕޮލިސް ކްލަބް)
- އަހްމަދު ނަބީލް (ސިފައިންގެ ކްލަބް)
- އަލީ މައުރޫފް (ޕޮލިސް ކްލަބް)
- އެންމެ މޮޅު ކޯޗު ނަސްރުﷲ ތޯހާ
ފިރިހެން ޑިވިޝަން ގައުމީ ލީގު ޗެމްޕިއަންކަން، ގައުމީ މުބާރާތުގެ ކުރިން ސިފައިންގެ ކްލަބުން ވަނީ ހޯދާފަ އެވެ.