މިއަދު ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއިން 3-2 އިން ޕާކިސްތާން ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފި އެވެ.

ބަންގަލަދޭޝްގައި ކުރިއަށްދާ މުބާރާތް ފެށީ ގުރޫޕް ބީގެ އެ މެޗުންނެވެ. ޑާކާގެ ގައުމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފަހުވަގުތު ޕާކިސްތާނުން ވަނީ ވަރުގަދަ ހިތްވަރެއްކޮށް އިންޑިއާއާ ހަމަހަމަކުރަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު އެ ފުރުސަތެއް 23 އަހަރުންދަށުގެ ޓީމު ބައިވެރިކުރުވި އިންޑިއާއަކުން ނުދިނެވެ. 

އިންޑިއާއިން ވަނީ ފުރަތަމަ ހާފުގައި މެޗު މުޅިން ކޮންޓްރޯލްކޮށްފަ އެވެ. ސުހައިލް އަޙްމަދު ބަޓް ކާމިޔާބުކުރި ދެ ލަނޑާއި މަންގްލެންތަންގް ޖެހި ހިތްގައިމު ގޯލާ އެކު އިންޑިއާއިން ފުރަތަމަ ހާފު ނިންމާލީ ވެސް ތިން ލަނޑުގެ ލީޑުންނެވެ.

އެ ހާފުގައި ފަރަގު ކުޑަކުރަން ޕާކިސްތާނަށް ލިބުނު ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު އެ ޓީމުގެ ޝާޔަކް ދޯސްތު ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ. 

ދެވަނަ ހާފުގައި ވެސް ބޮޑުބައެއް އިންޑިއާއިން ކޮންޓްރޯލްކުރި އެވެ. އެކަމަކު އިތުރު ވަގުތުގެ ތެރޭގައި މެޗުގެ މަންޒަރު މުޅިން ބަދަލުވި އެވެ. އިތުރު ވަގުތުގެ 92 ވަނަ މިނެޓުގައި އާދިލް ނަބީ ބޮލުން ޖެހި ގޯލުން ޕާކިސްތާނުން އުންމީދު އާކުރި އެވެ. އޭގެ ދެ މިނެޓު ފަހުން، އާލަމްގީރް ގާޒީ ވަނީ، އިންޑިއާ ގޯލްގެ މަތީ ކަނަށް ބޯޅަ ވައްދާލައި ނަތީޖާ 3-2 އަށް ބަދަލުކޮށްފަ އެވެ.

ފަހު މިނެޓުތަކުގައި ޕާކިސްތާނުން ބޮޑު ނުރައްކަލެއް ކުރިމަތިކުރި އެވެ. އިންޑިއާގެ ދިފާއީ އޮނިގަނޑުން ވަނީ މެޗު ނިމެންދެން ހިފަހައްޓައި، ތިން ޕޮއިންޓް ޕޮއިންޓް ކަށަވަރުކޮށް، ސެމީއަށް ދިއުމުގެ އުއްމީދު ބޮޑުކޮށްފަ އެވެ.

މޮޅާ އެކު އިންޑިއާ އޮތީ ގްރޫޕް ބީގެ އެއްވަނައިގަ އެވެ. މި ގްރޫޕްގައި ޕާކިސްތާނުން ދެން ނުކުންނާނީ އަންނަ އާދީއްތަ ދުވަހު  ރާއްޖެއާ ދެކޮޅަށެވެ. އަދި އިންޑިއާއިން ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ ބުަދަ ދުވަހު އެވެ. 

މުބާރާތުގެ ދެވަނަ މެޗުގައި މިރޭ ނުކުންނާނީ ބަންގްލަދޭޝާއި ބޫޓާނެ އެވެ. މެޗު ފަށާނީ ރާއްޖޭގަޑިން އިރުއޮއްސި ހަތެއް ޖަހާއިރު އެވެ.