މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ މުހިންމު ހަ ކުޅުންތެރިޔަކު ކްލަބް އަދި ސީނިއާ ގައުމީ ޓީމާ ގުޅެން ސްކޮޑް ދޫކޮށް ގޮސްފި އެވެ.

ބަންގްލަދޭޝްގައި ކުރިއަށްގެންދާ މުބާރާތަށް އިންޑިއާއިން ފޮނުވީ 23 އަހަރުންދަށުގެ ޓީމެވެ. އިންޑިއާގެ ޑޮމެސްޓިކް ފުޓްބޯޅައިގެ ތަޖުރިބާކާރު ކޯޗެއްކަމަށްވާ ނައުޝާދު މޫސާއާ ހަވާލު ކުރީ 23 އަހަރުންދަށުގެ ޓީމު، މުބާރާތަށް ދިޔައީ ވެސް ސްކޮޑްގެ ރަސްމީ އަދަދަށް ވުރެ ވެސް މަދު ކުޅުންތެރިންނާ އެކު އެވެ. 

ކޮންމެ ޓީމަކަށް ވެސް ގިނަ ވެގެން 23 ކުޅުންތެރިންގެ ސްކޮޑެއް މުބާރާތަށް ގެންދެވޭނެ އެވެ. އެކަމަކު އިންޑިއާއިން ގެންދިޔައީ 17 ކުޅުންތެރިންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ، ސިޔާސީ ގޮތުން އިންޑިއާއާ ވާދަވެރިކަން އޮންނަ ޕާކިސްތާނުގެ މައްޗަށް 3-2 ން ކުރި ހޯދާފަ އެވެ. 

ކްރިކެޓް މެޗުތަކުގައި ފެންނަ ސަލާމް ކުރަން ދެކޮޅު ހެދުމުގެ ސަގާފަތެއް، އެ ދެ ޓީމު ކުޅުނު މެޗުގައި ނުފެނުނެވެ. ދެ ޓީމުގެ ކުޅުންތެރިން ވަނީ މެޗުގެ ކުރިންނާއި ފަހުން ވެސް އެއްބަޔަކު އަނެއް ބަޔަކަށް ސަލާމްކޮށްފަ އެވެ. 

އުނދަގޫ މޮޅަކުން ވިޔަސް، އިންޑިއާއަށް ޕާކިސްތާނު ބަލިކުރެވިއްޖެ އެވެ. އެކަމަކު އެ މެޗަށް ފަހު އިންޑިއާގެ ސީނިއާ ޓީމަށް ކުޅުންތެރިން ގެންދަން އިއުލާން ކުރުމުން ކޯޗު ނުއޝާދަށް ސާފް ޗެމްޕިއަންޝިޕްގެ ކުރިއަށްު ހުރި މެޗުތަކަށް ޓީމު އެކުލަވާލުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނީ އެވެ. 

ސީނިއާ ގައުމީ ޓީމުގެ ކޯޗު ހާލިދު ޖަމާލް އެކުލަވާލި ސްކޮޑްގައި، ސާފް ޗެމްޕިއަންޝިޕަށް ދިޔަ ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިޔަކު ހިމެނެ އެވެ. އެއީ ވިންގާ ލުސްޓަން ކޮލާސޯ އާއި ފޯވާޑް މުހައްމަދު ސުހައިލް އަދި ޑިފެންޑަރު ބިޖޯއީ ވަރްގީސް އެވެ، އެ ތިން ކުޅުންތެރިން ވެސް ވަނީ ޕާކިސްތާން މެޗަށްފަހު، ޑާކާއިން ފުރާފަ އެވެ. އަންނަ ބުރާސްފަތި ދުވަހު އަދި  މި މަހުގެ 15 ގައި ނިއުޒީލަންޑާ ދެކޮޅަށް އިންޑިއާގެ ސީނިއާ ޓީމު ކުޅޭ މެޗުގައި އެ ކުޅުންތެރިން ކުޅޭނެ ކަމަށް ބެލެވެ އެވެ. 

މި ދުވަސްވަރަކީ ފީފާ އިންޓަނޭޝަނަލް ވިންޑޯއަށް ނުވާތީ، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމަށް އިއުތިރާޒު ކުރާކަމަށް އިންޑިއާގެ މީީޑއާތަކުން ބުންޏެވެ. މުމްބާއީ ސިޓީ އެފްސީއަށް ކުޅޭ ފާރޫގް ޗައުދަރީ އާއި، ނޫފަލް ޕީއެން އަދި ހުމިންގްތަންމާވިއާ ރާލްޓޭ ވަނީ ސާފް ޗެމްޕިއަންޝިޕް ސްކޮޑް ދޫކޮށް އަނބުރާ އެ ކް ލަބަށް ގޮސްފަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނިގޮތުގައި މުމްބާއީ ސިޓީއިން ކުރިންވެސް އެއްބަސްވެފައިވަނީ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަށް އެކަނި އެ ކުޅުންތެރިން ދޫކުރުމަށެވެ. އަދި އަނިޔާގެ ސަބަބުން ޑިފެންޑަރު ރޯނީ ހާރްބުޑޮންއަށް މުބާރާތުގައި ބައިވެރިއެއް ނުވެވުނެވެ. އެހެންވެ އިންޑިއާ ޓީމުގެ ބެންޗުގައި ތިބީ ވެސް މަދު ކުޅުންތެރިންތަކެކެވެ. 

ޓައިމްސް އޮފް އިންޑިއާއިން ބުނީ އެ ގައުމުގެ މުހިންމު 10 މުހިންމު ކުޅުންތެރިޔަކު ސާފް ޗެމްޕިއަންޝިޕަށް ދޫނުކޮށް، އެ ކްލަބްތަކުން ހިފެހެއްޓި ކަމަށެވެ.

އިންޑިއާއަށް ދެން އޮތް މެޗަކީ އަންނަ ބުދަ ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗެވެ.