މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހައްސާމް ހަސަންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން ގައުމީ ޓީމަށް ނޭދެވޭ އަސަރުކުރާތީ އޭނާ މަގާމުން ވަކިކޮށްފި އެވެ.

ހައްސާމް މަޝްހޫރުވީ މި އަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާ އަތުން 3-2 އިން މިސްރު ބަލިވި މެޗުގައި، ރެފްރީން ތިބީ އާޖެންޓީނާ ކޮޅަށް ޖެހިފައި ކަމަށް އޭނާ ކުރި ތުހުމަތުތަކާ ގުޅިގެންނެވެ.

މިސްރު ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ ހައްސާމުގެ އަމިއްލަ ދިރިއުޅުމުގައި ފަހަކަށް އައިސް ހިނގާފައިވާ ކަންކަމުގެ ސަބަބުން ގައުމީ ޓީމުގެ ތަސައްވުރާއި، ޓީމުގެ ހަމަޖެހުމަށް އަސަރުކުރަމުންދާ ކަމަށެވެ.

ހައްސާމްގެ ފަހުގެ އަނބިމީހާ އާއި ކުރީގެ އަނބިމީހާގެ އާއިލާ ދެމެދު މި އަހަރުގެ އޮގަސްޓް މަހު މާރާމާރީއެއް ހިނގި އެވެ. އެ މައްސަލައާ ގުޅިގެން އޭނާ ވަނީ ކުރީގެ އަނބިމީހާ ވަރިކޮށްފަ އެވެ. އަދި ފަހުގެ އަނބިމީހާގެ މައްސަލައެއް ވެސް ކޯޓަށް ހުށަހަޅާފައިވާ ކަމަށްވެ އެވެ. އެކަމާ ގުޅިގެން މިސްރުގެ މީޑިއާ ރެގިއުލޭޝަން ކައުންސިލުން ވަނީ ހައްސާމުގެ އެއްވެސް މީޑިއާ ޕްލެޓްފޯމަކަށް އެރުން މަނާކޮށްފަ އެވެ.

މެޗުތަކުގައި އަބަދުވެސް ހޫނުކޮށް ފެންނަ، އަދި ރެފްރީންގެ ނިންމުންތަކާ ފާޅުގައި ދެކޮޅު ހަދާ ހައްސާމަކީ މިސްރުގެ ސިޔާސީ ހަރަކާތްތެރިއެއް ވެސް މެ އެވެ. އެގޮތުން އޭނާ ވަނީ 2011 ވަނަ އަހަރުގެ މިސްރުގެ އިންގިލާބުގެ ދުވަސްވަރު، ވެރިކަމުން ދުރުކުރެވުނު ހުސްނީ މުބާރަކަށް ތާއީދުކޮށް މުޒާހަރާކޮށްފަ އެވެ.